އިޓާލިއަން ލީގުގައި ރޭ އަމިއްލަ ދަނޑުގައި 2-0 އިން ހެލަސް ވެރޯނާ ބަލިކޮށް އިންޓަ މިލާނުން ތާވަލްގެ ކުރީގައި އުޅޭ އޭސީ މިލާނާ ދެމެދު އޮތް ފަރަގު ޕޮއިންޓަކަށް ކުޑަކޮށްފިއެވެ.

މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ފަސް މެޗުގެ ތެރެއިން އެ ޓީމު މޮޅުވި ތިންވަނަ ފަހަރެވެ. ސިމޯނީ އިންޒާގީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ އިންޓަ، ލީގުގައި އެންމެ ފަހުން ބަލިވީ މިދިޔަ ފެބުރުއަރީ މަހު ވާދަވެރި މިލާން އަތުން 2-1 އިންނެވެ.

ރޭގެ ނަތީޖާއާއެކު ދެވަނައިގައި އޮތް އިންޓަ އަށް 31 މެޗުން ލިބިފައިވަނީ 66 ޕޮއިންޓެވެ. ހަމަ މިއަދަދަށް ޕޮއިންޓް ލިބިގެން ފައިދާގޯލްގެ ތަފާތުން ތިންވަނައިގައި އޮތީ ނަޕޯލީ އެވެ. މިލާން އެއްވަނައިގައި އޮތީ 31 މެޗުން 67 ޕޮއިންޓް ހޯދައިގެންނެވެ. ޔުވެންޓަސް ހަތަރުވަނައިގައި އޮތީ 32 މެޗުން 62 ޕޮއިންޓް ހަމަކޮށްގެންނެވެ.

ސެން ސީރޯ ގައި ރޭ ކުޅުނު މެޗުގެ 22 ވަނަ މިނެޓުގައި އިންޓަ އިން ލީޑްނެގީ އިވާން ޕެރިސިޗް ނަގައިދިން ހުރަހަކުން ނިކޯލޯ ބަރެއްލާ އެވެ. އޭގެފަހުން، މެޗުގެ 30 ވަނަ މިނެޓުގައި އެ ޓީމުގެ ދެވަނަ ލަނޑުޖަހައިދިނީ އެޑިން ޖެކޯ އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ޕެރިސިޗް އެވެ.

އިންޓަގެ ލީޑް ފުޅާކޮށްދޭން ތުރުކީގެ މިޑްފީލްޑަރު ހަކާން ޗައަނޮގްލޫ އާއި ޑަނީލޯ ޑިއަމްބްރޮސިއޯ އަދި ޖެކޯ އަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.

މި މުބާރާތުގައި ރޭ ކަލިއާރީގެ ދަނޑުގައި 2-1 އިން ޔުވެންޓަސް މޮޅުވިއިރު އެ ޓީމުގެ ގޯލްތައް ކާމިޔާބުކޮށްދިނީ މަތައިސް ޑި ލިޓް އާއި ޑޫސާން ވްލަހޯވިޗް އެވެ. ކަލިއާރީގެ ހަމައެކަނި ލަނޑުޖަހައިދިނީ ޔާއޯ ޕެޑްރޯ އެވެ.