ދިގުމުއްދަތަކަށް ދާންމަތި ވެފައި ތިބޭ ބަލި މީހުންނާއި އުމުރުން ދުވަސްވީ މީހުންގެ ސިއްޙަތަކީ އަހަރެމެންނަށް ފަރުވާ ކުޑަ ކުރެވޭނޭ ކަމެއް ނޫނެވެ. އެމީހުންގެ ހުރިހާ ހާޖަތެއް ފުއްދައި ދިނުމުގައި އެމީހުންގެ ކައިރީގައި އުޅޭ އެންމެންގެ އެހީތެރިކަން ބޭނުންވާނެއެވެ. ހާއްސަކޮށް އެމީހުންގެ ދަރިންނެވެ. ނަމަވެސް އަދުގެ މި ޒަމާނުގައި އެފަދަ ބަލި މީހުންނަށް އަޅާލުމަށް ހާއްސަ މީހަކު ގެނެވިފައި ހުރެއެވެ. އެހެންނަމަވެސް އެއީ އެމީހުންގެ ސިއްޙަތާއި މެދު އަހަރެމެންނަށް ފަރުވާކުޑަ ކުރެވޭނޭ ސަބަބެއް ނޫނެވެ.

އެނުގައި ދިގުމުއްދަކަށް ދާންމަތިވެފައި ތިބެން ޖެހޭ ޖެހުމަކީ އޭގެ ސަބަބުން ސިއްހީ ގިނަ މައްސަލަތަކެއް ކުރިމަތި ކުރުވާނޭ ކަމެކެވެ. އެކަމަށްޓަކައި އަހަރެމެން ފާރަވެރިވާން ޖެހޭ ކިތަންމެ ކަމެއް ހުންނާނެއެވެ. އެގޮތުން ތަންފާރު އެޅުމަކީ އެފަދަ ބަލި މީހުންގެ ކިބައިން ފެންނަ ވަރަށް ނުރައްކާތެރި ކަމެކެވެ. މިއީ އެމީހުންގެ ކަންކަން ބަލަހައްޓާ ފަރާތްތަކުން ވަރަށް ބޮޑު ސަމާލުކަމެއްދީގެން ފަރުވާތެރިވާން ޖެހޭނޭ ކަމެކެވެ. ތަންފާރަކީ އެއްމެ ދުވަހަކުންވެސް އުފެދިދާނޭ އެއްޗެކެވެ. ނަމަވެސް އެ ނެތި ދިއުމަށް ނުވަތަ ފަސޭހަ ވުމަށް އެތައް މަހެއް ހޭދަވެއެވެ.

ތަންފާރަކީ ގިނަ ދުވަހު ދާންމަތި ވެފައި އޮންނަން ޖެހުނުން ހަށިގަނޑުގެ އެކި ހިސާބުތަކަށް ކުރާ ބާރު ނުވަތަ ބަރުގެ ސަބަބުން އެ ހިސާބުތަކުގެ ހަންގަނޑު ހަލާކުވެ، މަސްގަނޑަށް އަނިޔާލިބެމުން ގޮސް އެތެރޭގެ ހަތާރު ތަކަށް ލިބޭ ގެއްލުންތަކާއި އަނިޔާތަކުގެ ސަބަބުން އުފެދޭ ފާރުކޮޅު ކޮޅާއި ފާރުގަނޑު ތަކެވެ. އާންމު ގޮތެއްގައި ތަންފާރު އުފެދޭ ހިސާބު ތަކަކީ ފައިގެ ފުންނާބާއި ފައިގެ ދެ ކުޑަހުޅުމައްޗާއި، އުނަގަނޑާއި، އުނަގަނޑުގެ ތިރިން ބުޑުމަސްގަނޑާއި އުނަގަނޑާއި ގުޅޭ ހިސާބާއި ބައެއް ފަހަރު ބުރަކަށިވެސް ހިމެނެއެވެ. އަދި ބައެއް މީހުންގެ އުޅަނބޮއްޓާއި، ބޮލުގެ ފަހަތުން ފުއްކިބައިގައިވެސް ތަންފާރު އުފެދޭ ގޮތްވެއެވެ. އެނދުގައި ބަލިމީހާ އޮންނަ ގޮތަކުން ތަންފާރު އުފެދޭ ހިސާބުތައް ތަފާތުވެދެއެވެ.

ދާންމަތިވެފައި ތިބޭ ފަރާތްތަކުގެ ކަންކަން ބަލަހައްޓާ މީހުން، ތަންފާރުގެ އަލާމާތްތަކާއި ނިޝާންތަކަށް ނިކަން ހުޝިޔާރުވެ ފަރުވާތެރިވާން ވާނެއެވެ. ތަންފާރަކީ އޭގެ އެންމެ ކުރީކޮޅު ބަލާ ރައްކާތެރިވެ، އެތަންތަނަށް ބޭނުންވާ އަޅާލުމާ އޯގާތެރިކަން ދެވިއްޖެނަމަ އިތުރަށް ގޯސް ނުވެ، ފަސޭހަ ކުރެވިދާނޭ ކަމެކެވެ. ތަންފާރުގެ އަލާމާތްތަކުގެ ތެރޭގައި ހަންގަނޑު ކުރަކިވެ، ރަތްވެފައި ހުރެދާނެއެވެ. ނުވަތަ ހަންގަނޑުގެ ބޯކަން ކެނޑި ނިކަން މަޑުވެ ތުނިވެފައި ހުރެދާނެއެވެ. އެ ސަރަހައްދެއް ދުޅަވެފައި ހުރެދާނެއެވެ. ހޫނުކަމުގެ އިހުސާސެއް އެ ތަންތަނުން ކުރެވިދާނެއެވެ. އެތަންތަން ފާރުވެ، ލޭހިލިފައިވެސް ހުރެދާނެއެވެ. މިކަންކަމަށް ބަލިމީހާގެ އެހީތެރިން ވަރަށް ބޮޑަށް ފާރަވެރިވާން ވާނެއެވެ.

ތަންފާރު އުފެދޭ ވަނީ މައިގަނޑު ދެ ސަބަބެއް ކަމަށް ޑަކްޓަރުން ބުނެއެވެ. އޭގެ ތެރޭގައި އެތަނަކަށް ކުރާ ބާރު ނުވަތަ ޕުރެސަރު ހިމެނެއެވެ. އެތަނަކަށް ގިނައިން ނުވަތަ ބޮޑަށް ބާރު ކުރާނަމަ ނުވަތަ ޕުރެސަރު ކުރާނަމަ އެތަނަކަށް ލޭ ދައުރުވާ މިންވަރު މަދުވެއެވެ. ލޭ ދައުރުވުން މަދުވުމާއި އެކު އެތަނެއްގައި ހުންނަ ހަތާރުތަކަށް ބޭނުންވާ އޮކްސިޖަނާއި "ކާނާގެ" މިންވަރު މަދުވެއެވެ. އޮކްސިޖަނާއި "ކާނާ" މަދުވުމުގެ ސަބަބުން ހަތާރު ތަކުގެ ހާލު ދެރަވެ، އެކި އެކި އަނިޔާތައް ލިބެން ފަށައެވެ. އެ އަނިޔާތަކުގެ ސަބަބުން ތަންފާރު އުފެދޭ ގޮތް ވެއެވެ. އަދި ބައެއް ހަތާރުތައް މަރުވުމުގެ ސަބަބުންވެސް ތަންފާރު އުފެދިދާނެއެވެ. ތަންފާރު އެފެދިދާ އަނެއް ސަބަބީ، ބާރު ނުވަތަ ބަރު ޖެހިފައިވާ ތަނެއް، ބަލިމީހާ އޮންނަ އެނދުގައި ގޭނި ނުވަތަ ކޭތުމެވެ. އެކަން އެގޮތަށް ތަކުރާރު ވުމާއި އެކު އެތަންތަނުގެ ހަންގަނޑަށް އެކިވަރުގެ އަނިޔާލިބި ފާރުވާގޮތް މެދުވެރިވެއެވެ. އެހެންކަމުން ބަލި މީހާ އެނދުން މައްޗަށް ޖައްސާ އަދި އަރިކޮށް ހަދާއިރު މިކަންކަމަށް ސަމާލުކަން ދޭންވާނެއެވެ.

ތަންފާރު އުފެދި އެދެވޭ އަޅާލުމެއް އަދި ފަރުވާއެއް ނުދެވޭނަމަ އެއީ އޭގެ ސަބަބުން ބޮޑެތި އެތައް މައްސަލަތަކެއް އުފެދޭނޭ ކަމެކެވެ. މުޅި މީހާގެ ހަށިގަނޑުގައި އިންފެކްޝަން އުފެދުމާއި ނާރުތަކުގެ އިންފެކްޝަން އުފެދުން ހިމެނެއެވެ. އަދި ކައްޓާއި ހުޅުހުޅުގެ އިންފެކްޝަން އުފެދުމަކީވެސް ވަރަށް އާންމު ކަމެކެވެ. ފާރުގަނޑުތައް ބޮޑުވެ، ބޮޑެތި ތަންގަނޑުގަނޑަށް ބަދަލުވެ ދެއެވެ. އަތުގެ މުށް، ވަންނަ ވަރުގެ ބޮޑެތި ފާރުގަނޑުތައް އުފެދެއެވެ. އަދި މިފަދަ ފާރުގަނޑުތަކުގެ ސަބަބުން ކެންސަރަށްވެސް މަގުފަހިވެއެވެ. ތަންފާރަކީ ފަސޭހަ ކުރަން އުނދަގޫ ކަމެކެވެ. އަދި ހާއްސަކޮށް ބަލިމީހާއީ ހަކުރުބަލި ހުންނަ މީހެއް ނަމައެވެ.

ތަންފާރު އުފެދުމުން ރައްކާތެރިވުމަށްޓަކައި ބަލިމީހާ އޮންނަ ގޮތް އިރުއިރުކޮޅުން ބަދަލު ކުރަންވާނެއެވެ. އަދި ބާރުކުރާ ހިސާބުތަކަށް މަޑު އެއްޗެއް ލައްވާފައި ބޭއްވިދާނެއެވެ. ގަވައިދުން ފެންވަރުވާ އެފަދަ ބާރުކުރާ ތަންތަނަށް ހާއްސަކޮށް ލޯޝަން އުނގުޅުމާއި މަސާޖެއް ދިނުން މުހިންމެވެ. ހަރު ގޮދަޑީގައި އޮންނަ ނަމަ، ވައި އެނދު ނުވަތަ ފެން އެނދަކަށް ބަލިމީހާ ބަދަލުކުރަންވާނެއެވެ. އަދި އެންމެ މުހިންމު ކަމަކީ ކޮންމެ ދުވަހަކު ތަންފާރުގެ ނިޝާނެއް ނުވަތަ އަލާމާތެއް ހުރިތޯ ފަރުވާތެރިކަމާއެކު ބެލުމެވެ.

މިކަންކަމަށް ފަރުވާތެރިވެ ރައްކާތެރިވާނަމަ، ތަންފާރު އުފެދުމާއި ތަންފާރުގެ ހާލަތު ގޯސްވުމުން ރައްކާތެރިވެވޭނެއެވެ. މިއީ ދާންމަތި ވެފައިވާ ބަލި މީހާގެ ކަންކަން ކުރާ ފަރާތްތަކުން ވިސްނާ ފަރުވާތެރިވާން ޖެހޭނޭ މުހިންމު ކަމެކެވެ. އަޅަމެންގެ ތެރޭގައި ދާންމަތިވެފައިވާ ހުރިހާ ބަލިމީހުންނަށް އަވަސް ޝިފާއެއް މިންވަރު ކުރައްވާށިއެވެ.