އިނގިރޭސި ޕްރިމިއާ ލީގުގެ ތަށްޓަށް ވާދަކުރަމުން އަންނަ މެންޗެސްޓާ ސިޓީއާ ލިވަޕޫލް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވެގެން ނިމިއްޖެއެވެ.

މި ނަތީޖާއާއެކު ސިޓީން ވަނީ ތާވަލްގެ ކުރީގައި އެއް ޕޮއިންޓްގެ ލީޑް ދަމަހައްޓާފައެވެ. އެ ޓީމަށް ކުޅުނު 31 މެޗުން 74 ޕޮއިންޓް ލިބިފައިވާއިރު، ލިވަޕޫލް އޮތީ އޭގެ އެއް ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 30 މެޗުން ލިބިފައިވަނީ 62 ޕޮއިންޓެވެ. ޓޮޓެންހަމް ހޮޓްސްޕާ އޮތީ 31 މެޗުން ލިބުނު 57 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ފުރަތަމަ 45 މިނެޓު ޑޮމިނޭޓްކުރީ ސިޓީ އިންނެވެ. އޭގެ ނަތީޖާއެއްގެ ގޮތުން މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗުގެ 5 ވަނަ މިނެޓުގައި ސިޓީ އަށް މި ލަނޑުޖަހައިދިނީ ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އެވެ. މި ބޯޅަ ގޯލްގެ ތެރެއަށް ވަނީ ލިވަޕޫލްގެ ޑިފެންޑަރު ޔޮއެލް މަޓިޕް ގައިގަ ޖެހިފައެވެ. އޭގެކުރީން، ސިޓީ އަށް ލީޑްނަގައިދޭން ރަހީމް ސްޓާލިން ފޮނުވާލި ހަމަލާ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ވަނީ މަތަކޮށްފައެވެ.

ލިވަޕޫލުން އެއްވަރުކުރި ލަނޑު، 13 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ޕޯޗުގަލް ފޯވާޑް ޑިއޯގޯ ޔޮޓާ އެވެ. ޔޮޓާ މި ލަނޑުޖެހީ ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް ދިން ބޯޅައަކުންނެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން ސިޓީން ވަނީ އިތުރު ގޯލެއްޖަހައި އަލުން ލީޑް ދަމަހައްޓާފައެވެ. މެޗުގެ 36 ވަނަ މިނެޓުގައި ޔާއޯ ކަންސޭލޯ ނަގައިދިން ހުރަހަކުން މި ލަނޑުޖެހީ ބްރެޒިލްގެ ފޯވާޑް ގެބްރިއެލް ޖެސޫސް އެވެ. މިއީ ވޭތުވެދިޔަ 197 ދުވަހުގެ ތެރޭގައި ލީގުގައި އޭނާ ޖެހި ފުރަތަމަ ގޯލެވެ.

މެންޗެސްޓާ ސިޓީއާ ދެކޮޅަށް ލިވަޕޫލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު

ދެވަނަ ހާފުގެ ކުޅުން ފެށިތާ 46 ސިކުންތުގެ ތެރޭގައި ލިވަޕޫލަށް އެއްވަރުކޮށްދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ދިން ރީތި ތުރޫ ޕާހަކުން މާނޭ ކާމިޔާބުކުރި ގޯލެކެވެ.

ސިޓީ މޮޅުކޮށްދޭން ޖެސޫސް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ލިވަޕޫލްގެ ނެދަލެންޑްސް ޑިފެންޑަރު ވާޖިލް ވެން ޑައިކް ވަނީ ގޯލަށް ވަންނަން ދަނިކޮށް ބްލޮކްކޮށްފައެވެ. އަދި އޭގެ ތިން މިނެޓުފަހުން، ސްޓާލިން ގޯލެއް ކާމިޔާބުކުރި ނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. އެއީ ޑި ބްރޭނާ އެ ބޯޅަ ދިނުމުގެ ކުރީން ސްޓާލިން، އޮފްސައިޑް މަގާމެއްގައި ހުރުމުންނެވެ.

އޭގެފަހުން، ލިވަޕޫލްގެ ސަލާހު އަށް ލިބުނު ފުރުޞަތު ބޭކާރުވިއިރު ސިޓީގެ ޖެސޫސް ފޮނުވާލި ބޯޅަ ދިޔައީ ދަނޑިކައިރިން ބޭރަށެވެ. އަދި އޭގެފަހުން، ސިޓީ އަށް ތިން ޕޮއިންޓް ކަށަވަރުދޭން އަލްޖީރިއާގެ ވިންގާ ރިޔާދް މާރޭޒް އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ބޭނުންހިފޭގޮތެއްނުވިއެވެ. ހިލޭޖެހުމަކުން މާރޭޒް ފޮނުވާލި ބޯޅަ ގޯލްގެ ދަނޑިއަށް އަމާޒުވިއިރު، ލިވަޕޫލްގެ ކީޕަރު އެލިސަންގެ ބޯމަތިން ގޯލްގެ ތެރެއަށް އޮއްސާލަން މާރޭޒް މަސައްކަތްކުރި ބޯޅަ ދިޔައީ ގޯލްގެ މާމަތިންނެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު ލެސްޓާ ސިޓީން ވަނީ 2-1 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ. ގަދަ ހަތަރެއްގެ ރޭހުގައި ވާދަކުރަމުން އަންނަ ވެސްޓް ހޭމް ޔުނައިޓެޑް އަތުން ބްރެންޓްފޯޑް 2-0 އިން މޮޅުވިއިރު، ނޯވިޗް ސިޓީގެ ދަނޑުގައި އެ ޓީމުން ބާންލީ ބަލިކުރީ ވެސް ހަމަ އެ ނަތީޖާއިންނެވެ.