ސްޕެނިޝް ލީގުގައި ރޭ ރަށުން ބޭރުގައި ރެލިގޭޝަން ޒޯންގައި އޮތް ލެވަންޓޭ އަތުން ފަހުވަގުތު ހޯދީ މޮޅާއެކު ބާސެލޯނާ އިން އަލުން ތާވަލްގެ ދެވަނަ އަށް ޖެހިލައިފިއެވެ. މި މެޗުން ބާސެލޯނާ މޮޅުވީ 3-2 އިންނެވެ.
ބާސެލޯނާ އިން ރޭގެ މެޗަށް ނިކުތްއިރު، ހުކުރު ދުވަހުގެ ރޭ އަމިއްލަ ދަނޑުގައި ގްރަނާޑާ އަތުން 4-2 އިން ހޯދީ މޮޅާއެކު ސެވިއްޔާ އޮތީ ދެވަނައިގައެވެ. ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި އޮތީ 31 މެޗުން ލިބުނު 72 ޕޮއިންޓާއެކު ރެއާލް މެޑްރިޑެވެ. ބާސެލޯނާ ދެވަނައިގައި އޮތީ 30 މެޗުން 60 ޕޮއިންޓް ހޯދައިގެންނެވެ. ތިންވަނައިގައި އޮތް ސެވިއްޔާ އަށް އެއް މެޗު އިތުރަށް ކުޅެގެން މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. އޭގެ ތިން ޕޮއިންޓް ފަހަތުން ހަތަރުވަނައިގައި އޮތީ އެންމެ ފަހުގެ ޗެމްޕިއަން އެތުލެޓިކޯ މެޑްރިޑެވެ.
ލެވަންޓޭގެ ދަނޑުގައި ރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ގޯލެއް ކާމިޔާބުކުރެވިފައިނުވާއިރު، މި ހާފުގައި ލަނޑުޖަހަން ލިބުނު އެންމެ ރަނގަޅު ފުރުޞަތުގައި ލެވަންޓޭގެ ހޯސޭ ލުއިސް މޮރާލޭސް ފޮނުވާލި ބޯޅަ ބާސެލޯނާގެ ކީޕަރު މާކް އަންދްރެ ޓާ ސްޓެގަން މަތަކުރުމުން އެ ބޯޅަ ގޯލްގެ ތެރެއަށް ވަންނަން ދަނިކޮށް އެރިކް ގާސިއާ ވަނީ ގޯލްގެ ރޮނގުމަތީން ސަލާމަތްކޮށްފައެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި ލެވަންޓޭ އިން ލީޑްނެގީ ލިބުނު ޕެނަލްޓީއަކުން މޮރާލޭސް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ލެވަންޓޭގެ ކުޅުންތެރިއަކަށް ބާސެލޯނާގެ ޑެނީ އަލްވެސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެ ހަތަރު މިނެޓުފަހުން، ލެވަންޓޭގެ ލީޑް ފުޅާކޮށްދޭން ލިބުނު ފުރުޞަތުގައި ޕެނަލްޓީއޭރިޔާ ތެރެއިން ބާސެލޯނާގެ ގާސިއާގެ އަތުގައި ޖެހުމުން ރެފްރީ ދިން ޕެނަލްޓީ ރޮޖާ ފޮނުވާލުމުން ޓާ ސްޓެގަން މަތަކުރިއެވެ.
މެޗުގެ 59 ވަނަ މިނެޓުގައި ބާސެލޯނާ އިން އެއްވަރުކުރީ ޕިއޭ-އެމެރިކް އޮބާމަޔަން ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ފްރާންސް ވިންގާ އޮސްމާނޭ ޑެމްބެލޭ ނެގި ހުރަހަކުން އޮބާމަޔަން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އެ ޓީމަށް މިހާތަނަށް ކުޅެދިން ނުވަ މެޗުގައި އޭނާ ޖެހި 8 ވަނަ ލަނޑެވެ.
މި މެޗުގައި ފުރަތަމަ ފަހަރަށް ބާސެލޯނާ އިން ލީޑްނެގީ 63 ވަނަ މިނެޓުގައި ގަވީ ދިން ބޯޅައަކުން ޕެޑްރޯ ގޮންޒާލެޒް (ޕެޑްރީ) ވައްދާލި ލަނޑުންނެވެ. ގަވީ އާއި ޕެޑްރީ ކުޅެން ނިކުތީ ފަހު ހާފުގައެވެ. އޭގެފަހުން، މެޗު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ލެވަންޓޭގެ ގޮންޒާލޯ މެލޭރޯ ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އެ ޓީމުގެ މެކްސީ ގޯމޭޒަށް ބާސެލޯނާގެ ކްލެމެންޓް ލެންގްލޭ ކުރި ފައުަލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން މެލޭރޯ ކާމިޔާބުކުރި ގޯލެކެވެ.
މެޗު އެއްވަރުވެގެން ނިމެން ދަނިކޮށް، ބާސެލޯނާ މޮޅުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ލޫކް ޑި ޔޯން ވައްދާލި ލަނޑުންނެވެ. އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ޖޯޑީ އަލްބާ ނެގި ހުރަހަކުން ޑި ޔޯން މި ލަނޑުޖެހީ ބޮލުންނެވެ.
