ޔުރޮޕާ ލީގުގެ ކުއާޓާ ފައިނަލްގައި ރޭ ޖަރުމަނުގެ އެއިންޓްރަކްޓް ފްރޭންކްފާޓުން ރަށުން ބޭރުގައި ސްޕެއިނުގެ ގަދަބާރު ބާސެލޯނާ ކަޓުވާލިއިރު، ވެސްޓް ހޭމް ޔުނައިޓެޑާއި އާރްބީ ލީޕްޒިގު އަދި ރޭންޖާސް ސެމީ ފައިނަލަށް ދަތުރުކޮށްފިއެވެ.
ބާސެލޯނާގެ ދަނޑުގައި ރޭ ކުޅުނު މެޗު ފްރޭންކްފާޓުން ކާމިޔާބުކުރީ 3-2 އިންނެވެ. ވެސްޓް ހޭމުން ރަށުން ބޭރުގައި 3-0 އިން އޮލިމްޕިކް ލިޔޯން ބަލިކުރިއިރު، އެޓަލާންޓާގެ ދަނޑުގައި ލީޕްޒިގު މޮޅުވީ 2-0 އިންނެވެ. އިތުރުވަގުތުގެ ދެ ހާފު ކުޅެގެން ރޭންޖާސް އިން ޕޯޗުގަލްގެ ބްރާގާ ބަލިކުރީ 3-1 އިންނެވެ.
ބާސެލޯނާއާ ދެކޮޅަށް ފްރޭންކްފާޓްގެ ދަނޑުގައި ކުޅުނު މެޗު 1-1 އިން އެއްވަރުވިއިރު، ދެ މެޗުގެ އެގްރިގޭޓުން ފްރޭންކްފާޓް ކުރިހޯދީ 4-3 އިންނެވެ. ރޭގެ މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފްރޭންކްފާޓަށް ލީޑްނަގައިދިނީ ފިލިޕް ކޮސްޓިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ބާސެލޯނާގެ ޑިފެންޑަރު އެރިކް ގާސިއާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، މެޗުގެ 36 ވަނަ މިނެޓުގައި ކޮސްޓިޗް ދިން ބޯޅައަކުން ރަފައެލް ސަންޓޯސް ބޯރޭ ވައްދާލި ލަނޑާއެކު ފްރޭންކްފާޓުން ފުރަތަމަ ހާފު ނިންމާލީ 2-0 އިން ކުރީގައި އޮވެގެންނެވެ.
މެޗުގެ 67 ވަނަ މިނެޓުގައި ފްރޭންކްފާޓުގެ ތިންވަނަ ލަނޑުޖަހައިދިނީ ވެސް ކޮސްޓިޗް އެވެ. މި ގޯލާއެކު ބާސެލޯނާ އިން ވަނީ ކުޅުން ރަނގަޅުކޮށް، ކުރިއަށް ޖެހި ލަނޑުޖަހާނެ ގިނަ ފުރުޞަތުތަކެއް ތަނަވަސްކޮށްފައެވެ. އެގޮތުން، މެޗުގެ އިތުރުވަގުތުގެ ކުރީކޮޅުގައި ބާސެލޯނާގެ ކެޕްޓަން ސާޖީ ބުސްކެޓްސް ގޯލެއް ކާމިޔާބުކުރިނަމަވެސް ރެފްރީ ވަނީ ވީއޭއާރް އިން ބެލުމަށްފަހު އޮފްސައިޑްކަމަށް ނިންމާފައެވެ.
މި މެޗުގައި ބާސެލޯނާ އިން ޖެހި ފުރަތަމަ ލަނޑު، އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ކާމިޔާބުކޮށްދިނީ ބުސްކެޓްސް އެވެ. އޭގެފަހުން، އިތުރުވަގުތުގެ 11 ވަނަ މިނެޓުގައި މެމްފިސް ޑިޕާއީ ކާމިޔާބުކުރި ޕެނަލްޓީން ފަރަގު ކުޑަކޮށް އުއްމީދު އާކުރި ނަމަވެސް މެޗުގެ ފުރިހަމަ ވަގުތު ހަމަވުމުގެ ކުރީން ބާސެލޯނާ އަށް އިތުރު ގޯލެއް ކާމިޔާބުނުކުރެވި މުބާރާތުން ވަނީ ކަޓާފައެވެ.
ވެސްޓް ހޭމުން 46 އަހަރުގެ ތެރޭގައި ޔޫރަޕްގެ މުބާރާތެއްގެ ސެމީ އަށް ގެންގޮސްދޭން ލިޔޯންގެ ދަނޑުގައި ރޭ އެ ޓީމު ކުޅުނު މެޗުގެ ލަނޑުތައް ޖަހައިދިނީ ކްރެއިގް ޑޯސަން އާއި ޑެކްލަން ރައިސް އަދި ޖަރޮޑް ބޮވެން އެވެ. މި ތިން ގޯލްގެ ތެރެއިން ދެ ލަނޑުޖެހުމަށް އެހީތެރިވެދިނީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ޕަބްލޯ ފޯނާލްސް އެވެ. މި މެޗުން 3-0 އިން ހޯދީ މޮޅާއެކު ދެ މެޗުގެ އެގްރިގޭޓުން ވެސްޓް ހޭމަށް ކުރިލިބުނީ 4-1 ގެ ނަތީޖާއަކުންނެވެ.
އެޓަލާންޓާގެ ދަނޑުގައި ރޭ އެ ޓީމު 2-0 އިން ބަލިކޮށް ލީޕްޒިގުން 3-1 އިން ކުރިހޯދިއިރު، އެ މެޗުގެ ދެ ގޯލްޖަހައިދިނީ ވެސް ފްރާންސްގެ ވިންގާ ކްރިސްޓޮފާ އެންކުންކޫ އެވެ. މިވަގުތު އާދަޔާ ހިލާފު ރަނގަޅު ފޯމެއްގައި ހުރި އެންކުންކޫ ވަނީ މި ސީޒަނުގައި އެ ޓީމަށް މިހާތަނަށް ކުޅުނު 43 މެޗުގައި 30 ލަނޑުޖަހައި، އިތުރު 18 ގޯލްޖެހުމަށް އެހީތެރިވެދީފައެވެ.
މި މުބާރާތުގެ ކުއާޓާ ފައިނަލްގައި ރޭ ކުޅުނު އަނެއް މެޗުގައި ސްކޮޓްލެންޑްގެ ރޭންޖާސް ވަނީ އިތުރުވަގުތުގައި ބްރާގާ އަތުން 3-1 އިން މޮޅުވެފައެވެ. ބްރާގާ އިން ރޭގެ މެޗު ނިންމާލީ ނުވަ ކުޅުންތެރިންނާއެކު އެވެ. އެ ޓީމުގެ ވިޓޯ ޓޯމެނާ އާއި ލޫކަސް މިނޭރޯ އަށް ވަނީ ރަތް ކާޑު ދައްކާ ދަނޑުން ފޮނުވާލައިފައެވެ. ރޭންޖާސް އަށް ރޭގެ މެޗުގައި ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނި ޖޭމްސް ޓަވެނިއާ އެވެ. އަނެއް ލަނޑުޖަހައިދިނީ ކެމާ ރޫފް އެވެ. ބްރާގާގެ ހަމައެކަނި ލަނޑުޖަހައިދިނީ ޑޭވިޑް ކާރްމޯ އެވެ. މި ދެ ޓީމުގެ ދެމެދުގައި ބްރާގާގެ ދަނޑުގައި ކުޅުނު މެޗު 1-0 އިން އެ ޓީމު ކާމިޔާބުކުރި ނަމަވެސް ރޭންޖާސް އިން ކުރިހޯދީ 3-2 ގެ އެގްރިގޭޓުންނެވެ.
ސެމީގައި ފްރޭންކްފާޓުން ވެސްޓް ހޭމާ ދެކޮޅަށް ނިކުންނައިރު، ލީޕްޒިގު ނިކުންނާނީ ރޭންޖާސްއާ ދެކޮޅަށެވެ. މި ދެ މެޗުވެސް ކުޅުމަށް ހަމަޖެހިފައިވަނީ މި މަހުގެ 29 ވާ ހުކުރު ދުވަހުގެ ރޭގަނޑު 00:00 ގައެވެ.
