އިޓާލިއަން ލީގުގައި ރޭ ސްޕެޒިއާގެ ދަނޑުގައި އެ ޓީމު 3-1 އިން ބަލިކޮށް އިންޓަ މިލާނުން ކުޑަވަގުތު ކޮޅަކަށް ތާވަލްގެ އެންމެ ކުރިއަށް ޖެހިލިނަމަވެސް، އޭސީ މިލާނުން އަމިއްލަ ދަނޑުގައި ޖެނޯއާގެ މައްޗަށް 2-0 އިން ހޯދީ މޮޅާއެކު އަލުން ލީގުގެ އެއްވަނަ މަގާމު ދަމަހައްޓައިފިއެވެ.
އެންމެ ފަހުގެ ޗެމްޕިއަން އިންޓަ އިން ރޭގެ މެޗުން މޮޅުވެ، 32 މެޗުން 69 ޕޮއިންޓް ހަމަކޮށް އެއްވަނަ އަށް އެރިއެވެ. އެކަމަކު، މިލާނުން ކުޅުނު މެޗު ކާމިޔާބުކޮށް ވަނީ އަލުން އެއްވަނަ މަގާމަށް ޖެހިލާފައެވެ. މިލާނުން ވަނީ 33 މެޗުން 71 ޕޮއިންޓް ހަމަކޮށްފައެވެ. ތިންވަނައިގައި އޮތް ނަޕޯލީ އަށް 32 މެޗުން 66 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަތަރު ޕޮއިންޓް ފަހަތުން ޔުވެންޓަސް އޮތީ ހަތަރުވަނައިގައެވެ.
ސްޓެފާނޯ ޕިއޮލީގެ އިރުޝާދުގެ ދަށުން ކުޅެމުން އަންނަ މިލާނުން ލީގުގައި އެންމެ ފަހުން ކުޅުނު ދެ މެޗުން އެއްވަރުވުމާއެކު ރޭގެ މެޗަށް ނިކުތްއިރު ލީގު ރޭހުގައި އޮތުމަށްޓަކައި މޮޅުވުން ނޫން ގޮތެއް ނެތެވެ. ސެން ސީރޯގައި ރޭ ކުޅުނު މި މެޗުގައި އެ ޓީމުން ލީޑްނެގީ 11 މިނެޓުގައި ޕޯޗުގަލްގެ ޒުވާން ފޯވާޑް ރަފައެލް ލީއޯ ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޕިއޭރް ކަލޫލޫ ނަގައިދިން ހުރަހަކުން ލިބުނު ބޯޅައެއް ލީއޯ އެއްފަހަރުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.
މިލާނަށް މި މެޗުން މޮޅު ކަށަވަރުކޮށްދިނީ، ފުރިހަމަވަގުތު ހަމަވާން ތިން މިނެޓަށްވެފައިވަނިކޮށް ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ބްރެޒިލްގެ މިޑްފީލްޑަރު ޖޫނިއާ މެސިއާސް ވައްދާލި ލަނޑުންނެވެ. މިއީ ލީގުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ.
މި މުބާރާތުގައި ރޭ އިންޓަ އިން ރަށުން ބޭރުގައި ސްޕެޒިއާއާ ދެކޮޅަށް ކުޅުނު މެޗުގައި ލީޑްނެގީ 31 ވަނަ މިނެޓުގައި ކްރޮއޭޝިއާގެ މިޑްފީލްޑަރު މާސެލޯ ބްރޮޒޮވިޗް ކާމިޔާބުކުރި ގޯލުންނެވެ. މި މެޗުގައި ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް އިތުރު ގޯލެއް ކާމިޔާބުނުކުރެވި، ނިމިގެންދިޔައީ 1-0 އިން އިންޓަ ކުރީގައި އޮވެގެންނެވެ.
އިންޓަގެ ދެވަނަ ލަނޑު، 73 ވަނަ މިނެޓުގައި އާޖެންޓީނާގެ ފޯވާޑް ލަޓާރޯ މާޓިނޭޒް ކާމިޔާބުކޮށްދިންއިރު މިއީ އިވާން ޕެރިސިޗް ނެގި ހުރަހަކުން އޭނާ ޖެހި ގޯލެކެވެ. މި މެޗުގައި ސްޕެޒިއާ އިން ކާމިޔާބުކުރި ހަމައެކަނި ގޯލަކީ އެ ޓީމުގެ ކެޕްޓަން ޖިއުލީ މަޖިއޯރޭ ޕެނަލްޓީއޭރިޔާ ބޭރުން ފޮނުވާލައިގެން ކާމިޔާބުކުރި ރީތި ގޯލެކެވެ. ސްޕެޒިއާގެ މި ލަނޑުން އިންޓަ އަށް ކޮންމެވެސް ވަރެއްގެ އުނދަގޫތަކެއް ކުރިމަތިވެފައިވަނިކޮށް، މެޗުގެ އިތުރުވަގުތުގައި ޗިލީގެ ވިންގާ އަލެކްސިސް ސަންޗޭޒް ވަނީ ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. ސަންޗޭޒް މި ލަނޑުޖެހީ މާޓިނޭޒް ދިން ބޯޅައަކުންނެވެ.
