ދުނިޔޭގެ މަތިންދާ ބޯޓު އުފައްދާ އެންމެ ބޮޑު އެއް ކުންފުުނި ކަމަށްވާ އެއަރބަސް އިން ދަނީ ވައިގެ ދަތުރުތަކުގައި ތިމާވެއްޓާ ރައްޓެހި އެތައް ގޮތެއް ފެނޭތޯ ބަލަމުންނެވެ. އެގޮތުން އެ ކުންފުނިން މި ވަނީ އެމީހުންގެ އޭ380 މަރުކައިގެ މަތިންދާބޯޓެއް ކައްކާތެލުގެ ހަކަތައިން އުދުއްސާފައެވެ. މިއީ ދުނިޔޭގައި އޭ380 މަރުކައިގެ މަތިންދާ ބޯޓެއް ކައްކާ ތެލުން އުދުއްސި ފުރަތަމަ ފަހަރެވެ. މި މަތިންދާ ބޯޓުގެ އިންޖީނުތަކަށް ބޭނުންވާ ހަކަތަ އުފައްދާފައި ވަނީ 100 އިންސަައްތަ ސަސްޓެއިނަބަލް އޭވިއޭޝަން ފިއުލް ނުވަތަ އެސް.އޭ.އެފް ބޭނުން ކޮށްގެންނެވެ.
އެސް.އޭ.އެފް އަކީ ކައްކާ ތެލާއި އުކާލާ ކާބޯތަކެތީގައި ހުންނަ ތެލުގެ ބާވަތްތަކުން އުފައްދާ ތެލެކެވެ. ފްރާންސްގެ ޓޮއުލޯސް ގައި އޮންނަ ބްލެގްނެކް އެއަރޕޯޓުން އުދުއްސާލި މި މަތިންދާ ބޯޓު ވައިގެ ތެރޭގައި 3 ގަޑިއިރު ވަނީ ހޭދަ ކޮށްފައެވެ. މި ބޯޓުގެ ހަތަރު އިންޖީނަށް ބޭނުންވާ ހަކަތަ ނަގާފައިވަނީ އެސް.އޭ.އެފް ބޭނުން ކޮށްގެންނެވެ. މި ބޯޓުގައި ވަނީ އޭ380 މަރުކައިގެ ރޯލްސް ރޮއިސް ޓްރެންޓް 900 ގެ ހަތަރު އިންޖީނެވެ. ފްރާންސްގެ އެއަރޕޯޓުން ނައްޓާލުމުގެ ކުރިން މި މަތިންދާ ބޯޓު އުދުއްސުމަށްޓަކައި އިންޖިނޭރުން ވަނީ 27 މެޓްރިކް ޓަނުގެ އެސް.އޭ.އެފް ޖަމާކޮށްފައެވެ.
މިއީ ކުރިއަށް އޮތް ތަނުގައި ވައިގެ އުދުހުންތަކުގައި އަންދާ ނުރައްކާތެރި އަދި ތިމާވެއްޓަށް ގެއްލުންދޭ ވިހަ އެކުލެވޭ ތެޔޮ ބޭނުން ކުރާ ނިސްބަތް މަދުވާނޭ ފަންނިއްޔާތެކެވެ.
