އެމިރޭޓްސް އެފްއޭކަޕްގެ ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި މިރޭ 3-2 އިން މެންޗެސްޓާ ސިޓީ ބަލިކޮށް ލިވަޕޫލުން އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިއީ މިދިޔަ 10 އަހަރުގެ ތެރޭގައި ލިވަޕޫލުން އެފްއޭކަޕްގެ ފައިނަލަށް ދަތުރުކުރި ފުރަތަމަ ފަހަރެވެ. އެ ޓީމުން 2012 ވަނަ އަހަރުގެ ފައިނަލްގައި ޗެލްސީ އަތުން ބަލިވީ 2-1 އިންނެވެ. އަނެއްކޮޅުން މިރޭގެ މެޗުން މޮޅުވެ، އެފްއޭކަޕްގެ ފައިނަލަށް ދަތުރުކުރުމާއެކު ލިވަޕޫލުން މިފަހަރުގެ ސީޒަނުގައި ހަތަރު ތަށި ކާމިޔާބުކުރުމަށް ދެކެމުން އަންނަ ހުވަފެންތައް ހަގީގަތަކަށް ހެދުމުގެ ފުރުޞަތު މިވަނީ ތަނަވަސްވެފައެވެ. އެ ޓީމުން ވަނީ ޗެލްސީ ބަލިކޮށް ލީގު ކަޕް އުފުލާލައިފައެވެ. ޕްރިމިއާ ލީގުގެ ތަށްޓަށް ސިޓީއާ ވަރަށް ގާތުން ވާދަކުރަމުން އަންނައިރު، ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލުން ވަނީ ޖާގަ ހޯދާފައެވެ.
މިފަހަރުގެ އެފްއޭކަޕްގެ ފައިނަލްގައި ލިވަޕޫލާ ދެކޮޅަށް ކުޅޭނެ ޓީމެއް އެނގޭނީ މާދަމާ ރޭ ކުޅުމަށް ހަމަޖެހިފައިވާ ސެމީގެ ދެވަނަ މެޗުގައި ޗެލްސީއާ ކްރިސްޓަލް ޕެލަސް ކުރެން މޮޅުވާ ޓީމެކެވެ. މި މުބާރާތުގެ ފައިނަލް މެޗު އޮންނާނީ އަންނަ މެއި މަހުގެ 14 ވަނަ ދުވަހު އެވެ.
ސިޓީން މިރޭގެ މެޗަށް ނިކުތްއިރު އެ ޓީމުގެ ކޯޗު ޕެޕް ގާޑިއޯލާ ވަނީ އާއްމުކޮށް ކުޅެމުން އަންނަ އެ ޓީމުގެ ފުރަތަމަ އެގާރަ އަށް ބަދަލުތަކެއް ގެނެސްފައެވެ. އެގޮތުން، އެމެރިކާގެ ގޯލްކީޕަރު ޖެކް ސްޓެފަން އެ ޓީމުގެ ގޯލް ބެލެހެއްޓިއިރު، މިޑްފީލްޑްގައި ފެނާންޑީނިއޯ އަދި ޑިފެންސްލައިންގައި ނޭތަން އަކޭ އަށް ވަނީ ފުރުޞަތުދީފައެވެ. އެންމެ ފަހުން ޗެމްޕިއަންސް ލީގުގައި ކުޅުނު މެޗުގައި އަނިޔާވި ފުލްބެކް ކައިލް ވޯކާ ނުކުޅޭއިރު، ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ އާއި އެއްވަނަ ގޯލްކީޕަރު އެޑަސަން މޮރައެސް އަދި އައިމެރިކް ލަޕޯޓް މި މެޗު ފެށީ ބެންޗުންނެވެ.
ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ނުވަ ވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދިނީ އިބްރާހިމާ ކޮނާޓޭ އެވެ. މިއީ އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް އެންޑީ ރޮބަޓްސަން ނެގި ކޯނަރަކުން ކޮނާޓޭ ބޮލުން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލިވަޕޫލްގެ ޖާޒީގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ޖެހި ތިންވަނަ ލަނޑެވެ.
ލިވަޕޫލުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 17 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ސެނެގޯލްގެ ފޯވާޑް ސަޑިއޯ މާނޭ އެވެ. މިއީ ސިޓީގެ ގޯލްކީޕަރު ސްޓެފަން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި، މާނޭ ކާމިޔާބުކުރި ގޯލެކެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރީން، މާނޭ ވަނީ އިތުރު ގޯލެއްޖަހައި ލިވަޕޫލަށް ތިން ލަނޑުގެ ލީޑެއްނަގައިދީފައެވެ. މިލަނޑުޖެހުމަށް އެހީތެރިވެދިނީ ސްޕެއިނުގެ މިޑްފީލްޑަރު ތިއާގޯ އަލްކަންތާރާ އެވެ.
ދެވަނަ ހާފުގެ ކުރީކޮޅު ސިޓީގެ ފުރަތަމަ ލަނޑުޖަހައިދިނީ ޖެކް ގްރީލިޝް އެވެ. މިއީ އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް ޖެސޫސް ދިން ބޯޅައަކުން ގްރީލިޝް ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، ޖެސޫސް ފޮނުވާލި ދެ ހަމަލާއެއް ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ހުއްޓުވިއިރު، މެޗުގެ އިތުރުވަގުތުގެ ފުރަތަމަ މިނެޓުގައި ސިޓީގެ ދެވަނަ ލަނޑުޖަހައިދިނީ ބެނާޑޯ ސިލްވާ އެވެ.
