ފްރެންޗް ލީގުގައި ރޭ ތާވަލްގެ ދެވަނައިގައި އުޅޭ އޮލިމްޕިކް މާސޭ 2-1 އިން ބަލިކޮށް ޕީއެސްޖީން ލީގު ހޯދުމާ ގާތަށް ޖެހިލައިފިއެވެ.

މި މުބާރާތުގައި އަންނަ ބުދަ ދުވަހުގެ ރޭ ނޯންޓްސްއާ ދެކޮޅަށް ކުޅޭ މެޗުން މާސޭ އަށް މޮޅުނުވެވި، އޭންޖާސް އަތުން ޕީއެސްޖީ މޮޅުވެއްޖެނަމަ އެ ޓީމަށް ލީގު ޗެމްޕިއަންކަން ކަށަވަރުވާނެ އެވެ.

ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 32 މެޗުން ލިބުނު 74 ޕޮއިންޓާއެކު އެވެ. އޭގެ 15 ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ މާސޭ އެވެ. ތިންވަނައިގައި އޮތް ރެނެސް އަށް 32 މެޗުން 56 ޕޮއިންޓް ލިބިފައިވާއިރު، ނީސް އޮތީ 32 މެޗުން ލިބުނު 54 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

ޕީއެސްޖީގެ ޕާކް ޑެ ޕްރިންސަސްގައި ރޭ ކުޅުނު މެޗަށް މާސޭގެ ސަޕޯޓަރުން ނުވައްދަ އެވެ. ރޭގެ މެޗަށް އެ ޓީމުގެ ސަޕޯޓަރުން ނުވައްދަން ނިންމީ، ދެ ކްލަބުގެ ސަޕޯޓަރުންގެ މެދުގައި ހަމަނުޖެހުންތައް ހިންގާތީ އެވެ.

ޕީއެސްޖީން ރޭގެ މެޗު ފެށިގެން 12 ވަނަ މިނެޓުގައި ލީޑްނެގީ ބްރެޒިލްގެ ތަރި ނޭމާ ކާމިޔާބުކުރި ލަނޑުންނެވެ. މިއީ އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު މާކޭ ވެރާޓީ ދިން ބޯޅައަކުން ނޭމާ ކާމިޔާބުކުރި ރީތި ގޯލެކެވެ. މާސޭ އިން އެއްވަރުކުރި ލަނޑު، 31 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކްރޮއޭޝިއާގެ ޑިފެންޑަރު ޑޫޔޭ ޗަލޭޓާ-ޗާ އެވެ.

މި މެޗުގެ ފުރަތަމަ ހާފު ނިމުމުގެކުރީން ޕީއެސްޖީގެ ދެވަނަ ލަނޑުޖަހައިދިނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ. މި ހާފުގެ އިތުރުވަގުތުގެ ފަސްވަނަ މިނެޓުގައި އެމްބާޕޭ މި ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން މާސޭގެ ވަލެންޓިން ރޮންޖިއޭގެ އަތުގައި ޖެހުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް މާސޭގެ ޑިމިޓްރީ ޕަޔެޓްގެ ހިލޭޖެހުމަކުން ވިލިއަމް ސަލީބާ ގޯލެއް ކާމިޔާބުކުރިނަމަވެސް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ވަނީ އޮފްސައިޑްކަމަށް ނިންމާފައެވެ.