ސްޕެނިޝް ލީގުގައި ރޭ އަމިއްލަ ދަނޑުގައި ރެލިގޭޝަން ޒޯންގައި އޮތް ކަޑިޒް އަތުން 1-0 އިން ބާސެލޯނާ ބަލިވެއްޖެއެވެ.
މިއީ ކަޑިޒްގެ ތާރީޚުގައި ބާސެލޯނާގެ ދަނޑުގައި އެ ޓީމު މޮޅުވި ފުރަތަމަ ފަހަރެވެ. އަދި މިއީ މިދިޔަ ޑިސެންބަރު މަހުގެ 4 ވަނަ ދުވަހުގެ ފަހުން ލީގުގައި ބާސެލޯނާ ބަލިވި ފުރަތަމަ ފަހަރެވެ. މި މެޗުން ބަލިވުމާއެކު ލީގުގައި ބާސެލޯނާ އިން ބަލިނުވެ ދަމަހައްޓަމުންއައި ރެކޯޑް ވަނީ 15 މެޗަށްފަހު ނިމުމަކަށް އައިސްފައެވެ.
ރޭގެ ނަތީޖާއާއެކު ބާސެލޯނާ މިވަގުތު އޮތީ ތާވަލްގެ އެއްވަނައިގައި އުޅޭ ރެއާލް މެޑްރިޑަށް ވުރެ 15 ޕޮއިންޓް ފަހަތުން ދެވަނައިގައެވެ. ރެއާލަށް 32 މެޗުން 75 ޕޮއިންޓް ލިބިފައިވާއިރު، ބާސެލޯނާ އަށް 31 މެޗުން ލިބިފައިވަނީ 60 ޕޮއިންޓެވެ. ތިންވަނައިގައި އޮތް ސެވިއްޔާ އާއި ހަތަރުވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު ބާސެލޯނާ އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ.
ބާސެލޯނާގެ ކޭމްޕް ނޯ ގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑު، 48 ވަނަ މިނެޓުގައި ކަޑިޒް އަށް ކާމިޔާބުކޮށްދިނީ ލޫކަސް ޕެރޭޒް އެވެ. މި މެޗުގައި ބާސެލޯނާގެ ފޯވާޑްލައިންގައި ހިމެނޭ ހޮލެންޑްގެ ލޫކް ޑި ޔޯން އާއި ގެބޯންގެ ފޯވާޑް ޕިއޭ-އެމެރިކް އޮބާމަޔަން އަށް ލަނޑުޖަހަން ލިބުނު ފުރުޞަތުތަކުގެ ބޭނުންހިފޭގޮތެއްނުވިއެވެ.
ކަޑިޒް އިން ރޭގެ މެޗު ކާމިޔާބުކޮށް ވަނީ ރެލިގޭޝަން ޒޯނާއި ދުރަށް ޖެހިލާފައެވެ. އެ ޓީމުން ރޭގެ މެޗު ފެށިއިރު އޮތީ 28 ޕޮއިންޓާއެކު ތާވަލްގެ 18 ވަނައިގައެވެ. އެކަމަކު، މި މެޗުން ހޯދީ މުހިއްމު ތިން ޕޮއިންޓާއެކު ވަނީ 32 މެޗުން 31 ޕޮއިންޓް ހަމަކޮށް 16 ވަނަ އަށް ޖެހިލާފައެވެ.
ލީގުގައި ބާސެލޯނާ އަށް ދެން އޮތީ އަންނަ ބުރާސްފަތި ދުވަހުގެ ރޭ ތާވަލްގެ ހަވަނައިގައި އޮތް ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅޭ މެޗެވެ. ބާސެލޯނާއާ އެ ޓީމާ ދެމެދު 5 ޕޮއިންޓްގެ ފަރަގެއް އޮތްއިރު، މި މެޗު ކުޅުމަށް ހަމަޖެހިފައިވަނީ ސޮސިއެޑާޑްގެ ދަނޑުގައެވެ.
