އިންސާނުން ސިއްޙަތާއި ބެހޭގޮތުން ނިޔަފަތިން ވަރަށް ގިނަ ތަފާތު ނިޝާންތައް ފެންނާނެއެވެ. ހަށިގަނޑަށް އަންނަ ބަދަލުތަކާއި ތަފާތު އެކި ބަލިޖެހުމުން އެކަން ނިޔަފަތިން ފެންނަން ހުރެއެވެ. އެހެން ކަމުން ނިޔަފައްޗަށް އަންނަ ބަދަލުތައް ބަލަމުން ދާންވާނެއެވެ. ގޯހެއް އުޅޭހެން ހީވާނަމަ ޑޮކްޓަރެއްގެ އިރުޝާދު ހޯދަން ވާނެއެވެ. ބުއްދިވެރިގޮތަކީ އަވަހަށް ފަރުވާ ހޯދުމެވެ.

ފުސްވެފައި ހުންނަ ނިޔަފަތި

ފުސްކޮށް ހުންނަ ނިޔަފަތި ވަރަށް ނުރައްކާތެރި ބައްޔެއްގެ ރަގަބީލަކަށް ވެދާނެއެވެ. މިސާލަކަށް  ލޭމަދުވުން، ހިތުގެބަލި، ފުރަމޭގެ ބަލި އަދި ފައިދާހުރި ކާނާ ނުކެވޭނަމަ ނިޔަފަތި މިހެން ހުރެދާނެއެވެ.

ހުދު ނިޔަފަތި

ނިޔަފަތި ހުދުކޮށް ހުރެފައި ވަށައިގެން ގަދަކުލައެއްގައި ހުންނަނަމަ ފުރަމޭގެ މައްސަލައެއް ހުންނަނީ ކަމަށް ވެދާނެއެވެ.

ރީނދޫ ނިޔަފަތި

އާންމު ގޮތެއްގައި ނިޔަފަތި ރީނދޫވަނީ ފަންގަލް އިންފެކްޝަނެއްގެ ސަބަބުންނެވެ. ނަމަވެސް ބައެއް ފަހަރު މިއީ ތައިރޮއިޑް، ފުއްޕާމޭގެ ބައްޔެއް ނުވަތަ ހަކުރުބަލީގެ އަލާމާތަކަށް ވެސް ވެއެވެ.

ކޮޅު ހަލާކުވެފައި ހުންނަ ނިޔަފަތި

ނިޔަފަތި ހިކިކޮށް ހުރެފައި ކޮޅު ފަޅަފަޅައިގެން ގޮސް ހަލާކުވެފައި ހުންނަ ނަމަ ތައިރޮއިޑްގެ މައްސަލައެއް ނެތްކަން ޔަގީން ކޮށްލާށެވެ. މިހެން ހަލާކުވެފައި ރީނދޫ ކުލައިގައި ހުންނަ ނަމަ އެއީ ފަންގަލް އިންފެކްޝަނަކަށް ވެދާނެއެވެ.

ފުއްޕާފައި ހުންނަ ނިޔަފަތި

ނިޔަފަތީގެ ވަށައިގެން ރަތްވެ ކުޑަކޮށް ދުޅަވެފައި ހުންނަ ނަމަ ނިޔަރޮދީގައި އިންފެކްޝަނެއް އުފެދިފައި ހުރުން ގާތެވެ.

ދަށުން ކަޅު ރޮނގެއް ހުންނަ ނިޔަފަތި

މިހެން ނިޔަފަތި ހުރެއްޖެނަމަ މިކަން އަވަހަށް ޑޮކްޓަރަކަށް ދައްކަން ވާނެއެވެ. މިއީ ހަމުގެ ކެންސަރުގެ އެންމެ ނުރައްކާތެރި ވައްތަރު ކަމަށްވާ މެލަނޯމާއަށް ވެދާނެއެވެ.

މަސްގަނޑާ ހަމައަށް "ގިރިފައި" ހުންނަ ނިޔަފަތި

މިއީ ނިޔަފަތި ކެއުމުން ހުންނާނެގޮތެވެ. އާންމުކޮށް ދަތުން ނިޔަފަތި ކަނޑާމީހުންގެ ހުންނާނީ މިހެންނެވެ. މި ކަމަކީ އެންޒައިޓީގެ ސިފައެކެވެ. މިކަމަށް ފަރުވާ ހޯދައިގެން ޙައްލު ލިބޭނެއެވެ.

ނޫކުލައިގެ ނިޔަފަތި

މިއީ ހަށިގަނޑަށް ފުދޭވަރަށް އޮކްސިޖަން ނުލިބޭ ކަމުގެ އަލާމާތެކެވެ. މިހެން ހުންނަ ނަމަ ފުއްޕާމޭ ނުވަތަ ހިތުގެ މައްސަލައެއް ހުރުން ގާތެވެ.