އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ބްރައިޓަން އަތުން 3-0 އިން މޮޅުވެ، މެންޗެސްޓާ ސިޓީން އަލުން އެއްވަނަ އަށް ޖެހިލިއިރު، ޗެލްސީގެ ދަނޑުގައި އެ ޓީމު 4-2 ގެ ތަފާތަކުން ބަލިކޮށް އާސެނަލުން ގަދަ ހަތަރެއްގެ ރޭހުގައި އުއްމީދު ބޮޑުކޮށްފިއެވެ.
ރޭގެ މެޗަށް ސިޓީ ނިކުތްއިރު، ލިވަޕޫލުން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް 4-0 ގެ ބޮޑު ތަފާތަކުން ހޯދީ މޮޅާއެކު އެއްވަނަ އަށް ޖެހިލާފައެވެ. ސިޓީ އަލުން އެއްވަނަ އަށް އެރީ 32 މެޗުން ހޯދީ 77 ޕޮއިންޓާއެކު އެވެ. އޭގެ އެއް ޕޮއިންޓް ފަހަތުން ލިވަޕޫލް ދެވަނައިގައި އޮތްއިރު، ޗެލްސީ އޮތީ 31 މެޗުން ލިބުނު 62 ޕޮއިންޓާއެކު ތިންވަނައިގައެވެ. ހަތަރުވަނައިގައި އޮތް ޓޮޓެންހަމް ހޮޓްސްޕާ އާއި ފަސްވަނައިގައި އޮތް އާސެނަލަށް 32 މެޗުން ލިބިފައިވަނީ 57 ޕޮއިންޓެވެ. ޓޮޓެންހަމް ކުރީގައި އޮތީ ފައިދާގޯލްގެ ތަފާތުންނެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ތިން ލަނޑުވެސް ޖެހީ ދެވަނަ ހާފުގައެވެ. އެ ޓީމުގެ ފުރަތަމަ ލަނޑު، 53 ވަނަ މިނެޓުގައި ރިޔާދް މާރޭޒް ކާމިޔާބުކޮށްދިންއިރު، މެޗުގެ 65 ވަނަ މިނެޓުގައި މާރޭޒް ދިން ބޯޅައަކުން ފިލް ފޯޑެން ވަނީ 2-0 އަށް ނަތީޖާ ބަދަލުކޮށްލާފައެވެ. މިއީ ގޯލާއި ގާތްގަނޑަކަށް 20 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުން ފޯޑެން ކާމިޔާބުކުރި ގޯލެކެވެ. މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ސިޓީގެ ތިންވަނަ ލަނޑުޖެހީ ބެނާޑޯ ސިލްވާ އެވެ. މިއީ ފަހު ހާފުގައި ކުޅެން ނިކުތް ޔޫކްރޭންގެ ފުލްބެކް އޮލެގްޒެންޑަ ޒިންޗެންކޯ ދިން ބޯޅައަކުން އޭނާ ކާމިޔާބުކުރި ގޯލެކެވެ.
ސްޓެމްފަޑް ބްރިޖްގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އާސެނަލުންނެވެ. މެޗުގެ 13 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނި އެޑީ އެންކެޓިއާ އެވެ. މިއީ ޗެލްސީގެ ޑިފެންޑަރު އަންދްރެސް ކްރިސްޓެންސަން އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެންކެޓިއާ ކާމިޔާބުކުރި ގޯލެކެވެ. އޭގެ ހަތަރު މިނެޓުފަހުން، ޗެލްސީ އަށް އެއްވަރުކޮށްދިނީ ޓިމޯ ވާނާ އެވެ. ޕެނަލްޓީއޭރިޔާ ބޭރުން ވާނާ ފޮނުވާލި ބޯޅަ ގޯލްގެ ތެރެއަށް ވަނީ އާސެނަލްގެ މިޑްފީލްޑަރު ގްރޭނިޓް ޒާކާގެ ގައިގަ ޖެހިފައެވެ.
އާސެނަލުން އަލުން ލީޑްނެގީ 27 ވަނަ މިނެޓުގައި އެމީލް ސްމިތު ރޯވް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ކެޕްޓަން މާޓިން އޮޑެގާޑް ދިން ޕާހަކުން ސްމިތު ރޯވް ކާމިޔާބުކުރި ރީތި ގޯލެކެވެ. ޗެލްސީން ދެވަނަ ފަހަރަށް އެއްވަރުކުރި ލަނޑު، 32 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އެވެ. މި މެޗުގައި އާސެނަލުން ޖެހި ތިންވަނަ ލަނޑު، 57 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެންކެޓިއާ އެވެ. އާސެނަލްގެ ހަތަރުވަނަ ލަނޑު، އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކޮށްދިނީ ބުކާޔޯ ސަކާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ސަކާ އަށް ޗެލްސީގެ އަޒްޕިލިކުއެޓާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.
މި މުބާރާތުގައި ރޭ ކުޅުނު އެހެން މެޗުތަކަށް ބަލާއިރު، ލެސްޓާ ސިޓީއާ ދެކޮޅަށް އެވަޓަންގެ ދަނޑުގައި ކުޅުނު މެޗު ނިމުނީ 1-1 އިން ދެ ޓީމު އެއްވަރުވެގެންނެވެ. ނިއުކާސަލް ޔުނައިޓެޑުން ވަނީ އަމިއްލަ ދަނޑުގައި 1-0 އިން ކްރިސްޓަލް ޕެލަސް ބަލިކޮށްފައެވެ.
