އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ވަޓްފޯޑް ކޮޅަށް ގެބްރިއެލް ޖެސޫސް ވައްދާލި ހަތަރު ލަނޑާއެކު މެންޗެސްޓާ ސިޓީ އިން ތާވަލްގެ ކުރީގައި ހަތަރު ޕޮއިންޓްގެ ލީޑެއްނެގިއިރު، އާސެނަލުން ވަނީ މެންޗެސްޓާ ޔުނައިޓެޑްގެ މައްޗަށް ހޯދީ މޮޅާއެކު ހަތަރުވަނަ އަށް ޖެހިލާފައެވެ.

ވަޓްފޯޑް އަތުން ސިޓީ މޮޅުވީ 5-1 އިންނެވެ. އަމިއްލަ ދަނޑުގައި އާސެނަލުން ވަނީ 3-1 އިން ޔުނައިޓެޑް ބަލިކޮށްފައެވެ.

މި ނަތީޖާއާއެކު ސިޓީ، އެއްވަނައިގައި އޮތީ 33 މެޗުން ލިބުނު 80 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް ލިވަޕޫލަށް 32 މެޗުން 76 ޕޮއިންޓް ލިބިފައިވާއިރު، ޗެލްސީ އޮތީ 31 މެޗުން ލިބުނު 62 ޕޮއިންޓާއެކު ތިންވަނައިގައެވެ. އާސެނަލަށް 33 މެޗުން 60 ޕޮއިންޓް ލިބިފައިވާއިރު، ޓޮޓެންހަމް ހޮޓްސްޕާ އަށް 32 މެޗުން ލިބިފައިވާ 57 ޕޮއިންޓާއެކު އޮތީ ފަސްވަނައިގައެވެ. ޔުނައިޓެޑް އޮތީ ހަވަނައިގައި 34 މެޗުން 54 ޕޮއިންޓް ހޯދައިގެންނެވެ.

އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ހަތަރުވަނަ މިނެޓުގައި ޖެސޫސް ވަނީ ސިޓީ އަށް ލީޑްނަގައިދީފައެވެ. އޭނާ މި ލަނޑުޖެހީ އޮލެގްޒެންޑަ ޒިންޗެންކޯ ނަގައިދިން ހުރަހަކުންނެވެ. އޭގެ 19 މިނެޓުފަހުން، ޖެސޫސް ވަނީ ކެވިން ޑި ބްރޭނާ ދިން ބޯޅައަކުން ސިޓީގެ ދެވަނަ ލަނޑުޖަހައިދީފައެވެ. އެކަމަކު، މެޗުގެ 28 ވަނަ މިނެޓުގައި ވަޓްފޯޑުން ވަނީ ހަސަން ކަމާރާގެ ލަނޑުން ފަރަގު ކުޑަކޮށްފައެވެ.

މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ލަނޑުޖެހުމަށްފަހު އާސެނަލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ޕްރިމިއާ ލީގު ޓުވިޓާ

ފުރަތަމަ ހާފު ނިމުމުގެ ކުރީން، ސިޓީގެ ތިންވަނަ ލަނޑުޖަހައިދިނީ ސްޕެއިނުގެ މިޑްފީލްޑަރު ރޮޑްރީ އެވެ. މިއީ ޖެސޫސް ދިން ބޯޅައަކުން ރޮޑްރީ ކާމިޔާބުކުރި ގޯލެކެވެ. ރޮޑްރީ މި ލަނޑުޖެހީ ގޯލާއި ގާތްގަނޑަކަށް 20 ޔާޑު ދުރުން ފޮނުވާލި ހަމަލާއަކުންނެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ޖެސޫސް ވަނީ ހެޓްރިކް ފުރިހަމަކޮށް، ސިޓީގެ ލީޑް ފުޅާކޮށްދީފައެވެ. ޖެސޫސް މި ލަނޑުޖެހީ ލިބުނު ޕެނަލްޓީއަކުންނެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ޖެސޫސް އަށް ވަޓްފޯޑްގެ ކީޕަރު ބެން ފޮސްޓާ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ. މިއީ ޕްރިމިއާ ލީގުގައި އޭނާ ހެދި ފުރަތަމަ ހެޓްރިކެވެ. ސިޓީން މި މެޗުގައި ޖެހި ފަސްވަނަ ލަނޑުޖެހީ ވެސް ޖެސޫސް އެވެ. ޖެސޫސް އަކީ ސާޖިއޯ އަގުއޭރޯ އަށް ފަހު، އެއް މެޗެއްގައި ސިޓީ އަށް ހަތަރު ގޯލްޖަހައިދިން ދެވަނަ ކުޅުންތެރިޔާ އެވެ. އަގުއޭރޯ ވަނީ 2018 ވަނަ އަހަރުގައި ލީގުގައި ނިއުކާސަލް ޔުނައިޓެޑް ކޮޅަށް ހަތަރު ލަނޑުޖަހާފައެވެ.

އާސެނަލްގެ އެމިރޭޓްސް ސްޓޭޑިއަމްގައި މިއަދު ހަވީރު ކުޅުނު މެޗު ފެށިގެން ތިން މިނެޓުގެ ތެރޭގައި އެ ޓީމަށް ލީޑްނަގައިދިނީ ނޫނޯ ޓަވަރޭސް އެވެ. މިއީ އެ ޓީމުގެ އިނގިރޭސި ވިންގާ ބުކާޔޯ ސަކާ ފޮނުވާލި ބޯޅައެއް ޔުނައިޓެޑްގެ ކީޕަރު ޑޭވިޑް ޑެ ހެއާ މަތަކުރުމުން، ދެވަނަ ފަހަރަށް އެ ބޯޅަ ޓަވަރޭސް އަށް ލިބުމުން ގޯލްގެ ތެރެއަށް ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ.

ނޯވިޗް ސިޓީއާ ދެކޮޅަށް ނިއުކާސަލް ޔުނައިޓެޑް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު ޓުވިޓާ

މެޗުގެ 32 ވަނަ މިނެޓުގައި ސަކާ ވަނީ ލިބުނު ޕެނަލްޓީއަކުން ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ސަކާ އަށް ޔުނައިޓެޑްގެ ފުލްބެކް އަލެކްސް ޓެލޭސް ފައުލްކުރިކަމަށް ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. މި ލަނޑުޖެހިތާ ދެ މިނެޓުގެ ތެރޭގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ ވަނީ ޔުނައިޓެޑަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ޕްރިމިއާ ލީގުގައި ޔުނައިޓެޑަށް ރޮނާލްޑޯ ޖަހައިދިން 100 ވަނަ ލަނޑެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ޔުނައިޓެޑަށް އެއްވަރުކޮށްދޭން ބްރޫނޯ ފެނާންޑޭސް އަށް ރަނުގެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. މެޗުގެ 55 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ފެނާންޑޭސް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އާސެނަލްގެ ޓަވަރޭސް ބޯޅައިގައި އަތްލުމުން ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ. އޭގެފަހުން، ޔުނައިޓެޑްގެ ޕޯޗުގީޒް ފުލްބެކް ޑިއޯގޯ ޑަލޯ ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް އަތުގައި ޖެހިފައި ބޭރުވީ ދަނޑީގައި ވެސް ޖެހިފައެވެ.

ޔުނައިޓެޑަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން، މެޗުގެ 71 ވަނަ މިނެޓުގައި އާސެނަލުން ވަނީ ގްރޭނިޓް ޒާކާ ފޮނުވާލި ބާރު ހަމަލާއަކުން ވަނީ ތިން ޕޮއިންޓް ކަށަވަރުކޮށްފައެވެ.

ލީގުގައި މިރޭ ކުޅުނު އެހެން މެޗުތަކުގެ ނަތީޖާއަށް ބަލާއިރު، ލެސްޓާ ސިޓީގެ ދަނޑުގައި އެސްޓަން ވިލާއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ. ރަށުން ބޭރުގައި ނޯވިޗް ސިޓީ އަތުން ނިއުކާސަލް މޮޅުވީ 3-0 އިންނެވެ. އެ ޓީމުގެ ތިން ލަނޑުގެ ތެރެއިން ދެ ގޯލްޖަހައިދިނީ ޖޮއެލިންޓަން އެވެ. އަނެއް ލަނޑުޖަހައިދިނީ ބްރެޒިލްގެ މިޑްފީލްޑަރު ބްރޫނޯ ގިމަރޭޝް އެވެ. މިއީ ލީގުގައި އެންމެ ފަހުން ކުޅުނު ތިން މެޗުގައި އޭނާ ޖެހި ތިންވަނަ ގޯލެވެ.