ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ރެއާލް މެޑްރިޑް އަތުން 4-3 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ މޮޅުވެއްޖެއެވެ.

އަންނަ ހަފްތާގައި ރެއާލްގެ ދަނޑުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ސިޓީ އަށް ޖެހިޖެހިގެން ދެވަނަ ފަހަރަށް ފައިނަލަށް ދަތުރުކުރެވޭނެ އެވެ. މިދިޔަ އަހަރުގެ ފައިނަލްގައި ޗެލްސީ އަތުން ސިޓީ ބަލިވީ 1-0 އިންނެވެ.

އެތިހާދު ސްޓޭޑިއަމްގައި ރޭ ކުޅުނު މެޗުގެ ބޮޑުބައި ސިޓީން ޑޮމިނޭޓްކުރިއިރު، އެ ޓީމުން ލީޑްނެގީ ދެވަނަ މިނެޓުގައި ބެލްޖިއަމްގެ މިޑްފީލްޑަރު ކެވިން ޑި ބްރޭނާ ކާމިޔާބުކުރި ގޯލުންނެވެ. އެ ޓީމުގެ ރިޔާދް މާރޭޒް ނެގި ހުރަހަކުން ޑި ބްރޭނާ މި ލަނޑުޖެހީ ބޮލުންނެވެ. މިއީ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލެއްގައި މިހާތަނަށް ފެނިގެންދިޔަ އެންމެ އަވަސް ގޯލެވެ.

އޭގެ ނުވަ މިނެޓުފަހުން، ސިޓީން ވަނީ ދެވަނަ ގޯލެއް ޖަހާފައެވެ. ޑި ބްރޭނާ ނެގި ހުރަހަކުން މި ލަނޑުޖެހީ ގެބްރިއެލް ޖެސޫސް އެވެ. މިއީ އެ ޓީމަށް އެންމެ ފަހުން ކުޅުނު ދެ މެޗުގައި އޭނާ ޖެހި ފަސްވަނަ ގޯލެވެ. އޭގެފަހުން، ސިޓީ އަށް ތިން ލަނޑުގެ ލީޑެއްނަގައިދޭން މާރޭޒަށް ވަނީ ރަނގަޅު ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ގޯލްކުރިމަތީގައި ހުހަށްހުރި ފިލް ފޯޑެން އަށް ނުދީ އެ ބޯޅަ މާރޭޒް ފޮނުވާލުމުން އަމާޒުވީ ގޯލްގެ އަރިމަތީ ދާގަނޑަށެވެ. ރެއާލުން މި މެޗުގައި ޖެހި ފުރަތަމަ ލަނޑު، 33 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ މިވަގުތު ރަނގަޅު ފޯމެއްގައި ހުރި ފްރާންސްގެ ފޯވާޑް ކަރީމް ބެންޒެމާ އެވެ. ބެންޒެމާ މި ލަނޑުޖެހީ ފާލަންޑް މެންޑީ ނެގި ހުރަހަކުންނެވެ.

ދެވަނަ ހާފުގެ ކުރީކޮޅު ސިޓީގެ މާރޭޒް ފޮނުވާލި ބޯޅަ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވެފައިވާއިރު، އެ ޓީމުގެ ތިންވަނަ ލަނޑުޖެހީ ފޯޑެން އެވެ. މެޗުގެ 53 ވަނަ މިނެޓުގައި އެ ޓީމުގެ ކެޕްޓަން ފެނާންޑީނިއޯ ނެގި ހުރަހަކުން ފޯޑެން މި ލަނޑުޖެހީ ބޮލުންނެވެ. ސިޓީން ދެލަނޑުގެ ލީޑެއްނެގިތާ ދެ މިނެޓުފަހުން ރެއާލުން ވަނީ އަލުން ފަރަގު ކުޑަކޮށްފައެވެ. މިއީ ހާފުގެ މެދާ ހަމައިން ސިޓީގެ ފެނާންޑީނިއޯ ކައިރިން ނައްޓާލުމަށްފަހު ބޯޅަ ހިފައިގެން ޕެނަލްޓީއޭރިޔާ ތެރެއަށް ވަދެ ރެއާލްގެ ވިނީޝިއަސް ޖޫނިއާ ކާމިޔާބުކުރި ރީތި ގޯލެކެވެ.

މެޗުގެ 74 ވަނަ މިނެޓުގައި ސިޓީގެ ހަތަރުވަނަ ލަނޑުޖެހީ ބެނާޑޯ ސިލްވާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން ސިޓީގެ އޮލެކްސެންޑަ ޒިންޗެންކޯ އަށް ރެއާލްގެ ކުޅުންތެރިއަކު ކުރި ފައުލަކަށް ރެފްރީ ހިލޭޖެހުމެއްދޭނެކަމަށް ރެއާލްގެ ކުޅުންތެރިން ނިންމައިގެން ތިއްބާ ކުޅުމަށް ދޫކޮށްލުމުން ބެނާޑޯ ސިލްވާ ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗު ނިމެން 8 މިނެޓަށްވެފައިވަނިކޮށް ރެއާލްގެ ތިންވަނަ ލަނޑުޖެހީ ވެސް ބެންޒެމާ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ސިޓީގެ އައިމެރިކް ލަޕޯޓް އަތުގައި ބޯޅައިން ޖެހުމުން ރެފްރީ ދިން ޕެނަލްޓީއަކުން ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގެ ސެމީގެ ދެވަނަ މެޗުގައި މިރޭ ލިވަޕޫލްގެ ދަނޑުގައި އެ ޓީމު ނިކުންނާނީ ވިޔަރެއާލާ ދެކޮޅަށެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ 00:00 ގައެވެ.