ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ރޭމް) ގެ އިންތިޚާބީ ޖަލްސާ އަންނަ މަހު އެކެއްގައި (1 އޮކްޓޫބަރ 2020 ) ގައި އޮންނާނެ ކަމަށް އިއްޔެ ބޭއްވުނު އެ އެސޯސިއޭޝަންގެ ޢާންމު މެމްބަރުންގެ ޚާއްޞަ ޖަލްސާގައި އިޢުލާންކޮށްފިއެވެ.
އެޗްޕީއޭގެ އެއްވެއުޅުމުގެ މިންގަނޑުގެ ތެރެއިން ބޭއްވުނު މި ޖަލްސާގައި އަސާސީ ޤަވައިދު އިސްލާޙުކޮށް ފާސްކުރުމުގެ އިތުރުން ކޯވިޑްއާ ގުޅިގެން ފަަސްކުރެވިފަައިވާ ރޭމްގެ އިންތިޚާބީ ޖަލްސާ 1 އޮކްޓޫބަރ 2020 ގައި އޮންނާނެކަމަށާއި އިންތިޚާބު ގައި ކުރިމަތިލުމުގެ ސުންގަނޑިއަކީ 25 ސެޕްޓެމްބަރ 2020 ވާ ހުކުރުދުވަހު ގެ 16:00 ކަމަށްވެސް ރޭމްއިން މައުލޫމާތުދީފައިވެއެވެ.
މި އެސޯސިއޭޝަނުގެ ހިންގާ ކޮމިޓީގެ އިންތިޚާބު ބޭއްވުމަށް ކުރިންހަމަޖެހިފައި އޮތީ ހުސްވި އޮގަސްޓްމަހުގެ 6 ވަނަ ދުވަހުއެވެ. އިންތިޚާބު ވަކި މުއްދަތެއްނެތްގޮތަށް ފަސްކުރެވިފައިވަނީ ކޯވިޑް 19 ހަލުވިކަމާއެކު ފެތުރެމުންދިއުމުގެ ގުޅިގެންނެވެ. ރޭމްގެ ހިންގާ ކޮމިޓީގެ މަޤާމުތަކުގައި ހިމެނެނީ ، ރައީސް ކަމުގެ މަޤާމާއި ފުރަތަމަ ނާއިބު ރައީސް ކަމުގެ މަޤާމާއި ދެވަނަ ނާއިބު ރައީސްކަމުގެ މަޤާމާއި ޖެނެރަލް ސެކްރެޓަރީ ކަމުގެ މަޤާމާއި ޓްރެޜަރަރ ގެ މަޤާމާއި އިތުރު މެމްބަރުން (ހިންގާކޮމިޓީގެ އިތުރު މެމްބަރުން) ގެ 8 ގޮނޑިއާ އެކު ޖުމްލަ 13 މަޤާމެވެ.
ރޭމް އިން މައުލޫމާތުދެއްވާ ގޮތުގައި އިންތިޚާބަށް ކުރިމަތިލުމުގެ ފޯމް، ރޭމްގެ ހޮޓްލައިން 7734455 އަށް ވައިބަރ ކުރުމުންނާއި އެފްބީ އިން ވެސް ލިބިވަޑައިގަންނަވާނެއެވެ. މިއިންތިޚާބުގައި ވޯޓުލުމުގެ ފުރުޞަތު ލިބިފައިވަނީ 25 ސެޕްޓެމްބަރ 2020 ގެ 16:00 އާ ހަމައަށް މެމްބަރޝިޕް ފޯމް ފުރުއްވާ ފަރާތްތަކަށެވެ.
މިއެސޯސިއޭޝަނުގެ މެމްބަރުކަން، ރެޖިސްޓްރީ ކޮށްފައިވާ މިސިނާޢަތާ ގުޅުންހުރި އެންމެހާ ފަރާތްތަކަށް ހުޅުވާލެވިފައި ވެއެވެ. މިއެސޯސިއޭޝަންގެ މަގުސަދު ތަކުގެ ތެރޭގައި ދިވެހިރާއްޖޭގައި ރެސްޓޯރެންޓް، ކެފޭ، ހޮޓާ ފަދަތަންތަނުގެ ވިޔަފާރިއާއި، ސިނާޢަތު ކުރިއަރުވާ ތަރައްޤީ ކުރުމާއި އެފަރާތްތަކުގެ ހައްޤުތައް ރައްކާތެރިކޮށްދިނުމަށް މަސައްކަތް ކުރުމާއި، މެމްބަރުންގެ މެދުގައި އެކުވެރިކަން އާލާކުރުމާއި. ހޭލުންތެރިކަން އިތުރު ކުރުމާއި މިދާއިރާގައި މީހުން ބިނާކުރުމާއި މި ސިނާޢަތާ ގުޅުންހުރި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތަކާއި ކުންފުނިތަކާ ގުޅުން ބަދަހިކޮށް މިދާއިރާ ފުޅާކުރުން ހިމެނެއެވެ.
ކޯވިޑްގެ ސަަބަބުން މިސިނާއަތަށް ކުރިމަތިވެފައިވާ ދަތިތަކަށް ލުއިކަމެއް ގެނެސްދިނުމަށް ރޭމްގެ ފަރާތުންވަނީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވޮލޮޕްމަންޓް އޮނަރަބަލް އަލް އުސްތާޛް ފައްޔާޒު އިސްމާއިލް އާއި އެޗްޕީއޭ އާއި ސިޓީ ކައުންސިލާ އެކު ގިނަ މަޝްވަރާތަކެއްކޮށްފައެވެ. ފެނާއި ކަރަންޓް ބިލް ލުއިކޮށްދިނުމަށް ސްޓެލްކޯ އާއި އެމްޑަބްލިއު އެސްސީ އާއި އަދި ވެމްކޯގެ ވެރިންނާއި މީރާއާއި އިމިގްރޭޝަނާއި ބައްދަލުކުރުުމުން މިމުއައްސަސާތަކުނެްދެއްވާފައިވާ އެއްބާރުލުންވެސް މިފުރުޞަތުގައި ރޭމްއިން ޝުކުރުވެރިކަމާއެކު ފާހަގަކޮށްލަމެވެ.
