ފަންނިއްޔާތުގައި އިންސާނުން ކުރިއަރާފައިވާ މި ޒަމާނުގައި ތަހުޒީބު އުޅުމަކަށް ކޮންމެ މީހަކުވެސް އެދެއެވެ. އެގޮތުން މޯބައިލް ފޯނާއި މީސްމީޑިޔާގެ މަންސަތަކުގައި ގިނަ ވަގުތު ހޭދަކުރުމަކީ މި ޒަމާނުގެ ފެޝަނެކެވެ. ތަހުޒީބުގެ މާނައެއް ކަމުގައިވެސް ބައެއް މީހުން ދެކެއެވެ. އެގޮތުން މިއަދު، ކުއްޖާގެ އުމުރުން 10 އަހަރު ނުފުރެނީސް އަމިއްލަ ފޯނަކާއި މީސްމީޑިޔާގެ ތަޅުދަނޑި އޮވެއެވެ. އަނެއްކޮޅުން އުމުރުން ދުވަސްވީ މީހުންވެސް ރުހެނީ މިފަދަ ދިރިއުޅުމަކަށެވެ.
މޯބައިލް ފޯނާއި މީސްމީޑިޔާގައި ގިނަ ވަގުތު ހޭދަ ކުރުމަކީ ޒުވާނުންގެ އާދައެކެވެ. ހަމަ އެފަދައިން މިއަދު ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންވެސް އާދަކުރަމުން އަންނަ ކަމެކެވެ. އެހެންކަމުން މިއީ އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ކޮންފަދަ އަސަރެއް ކުރުވާނޭ ކަމެއްތޯ އެނގުން ވަރަށްވެސް މުހިންމެވެ. ކޮވިޑް19ގެ ޢާލަމީ ވަބާގެ ފަހުން އެމެރިކާގެ މެންޓަލް ހެލްތު ޑިޕާޓްމެންޓުން 2021ވަނަ އަހަރުވަނީ ދިރާސާއެއް ކޮށްފައެވެ. މި ލިޔުމުގައި މި ދިރާސާގެ ބައެއް އުސްއަލިތައް ހުލާސާކޮށް ހިމަނާލާނަމެވެ.
މައިގަނޑު ހަތަރު އުމުރު ފުރާއެއްގެ މެދުގައި ކުރެވުނު މި ދިރާސާ ކުރެވިފައިވަނީ 14 އަހަރުން ދަށުގެ ކުދިންނާއި 14 - 18 އަހަރާއި ދެމެދުގެ އުމުރު ފުރާއާއި 18 - 40 އަހަރާއި އަދި 40 އަހަރުން މަތީގެ މީހުން ހިމެނޭ ބައިތަކަށް ބަހައިގެންނެވެ. އެގޮތުން 14 އަހަރުން ދަށުގެ %76 ކުދިންނަކީ މޯބައިލް ފޯނުން ގޭމުކުޅުމާއި ޔޫޓިއުބުން ވީޑިއޯ ބަލާ ކުދިންނެވެ. %14 ކުދިންނަކީ ފޯނުން ފޮތެއްކިޔުމުގައި ވަގުތު ހޭދަކުރާ ކުދިންނެވެ. ގޭމު ކުޅެ ވީޑިއޯ ބަލާ ކުދިންގެ ތެރެއިން %64 ކުދިންގެ ކިބައިން ޑިޕްރެޝަން އާއި އެންޒައިޓީގެ އަލާމާތްތައް ފެންނަން ހުއްޓެވެ. އަދި %26 ކުދިންގެ ކިބައިން ނުރައްކާތެރި މިންވަރަކަށް ޑިޕްރެޝަނާއި އެންޒައިޓީ ފެންނަން ހުއްޓެވެ. ފޮތެއް ކިޔުމުގައި ވަގުތު ހޭދަކުރި ކުދިންގެ ތެރެއިން ޑިޕްރެޝަން އާއި އެންޒައިޓީގެ އަލާމާތްތައް ފެންނަން ހުރީ %36 ކުދިންގެއެވެ. އަދި ނުރައްކާ މިންވަރަކަށް ފެންނަން ހުރީ އެންމެ %16 ކުދިންގެއެވެ.
14 - 18 އަހަރާއި ދެމެދުގެ ކުދިންގެ ތެރެއިން %57 އިންސައްތަ ކުދިންނަކީ ގިނައިން ގޭމު ކުޅެ ވީޑިއޯ ބަލާ ކުދިންނެވެ. %36 ކުދިންނަކީ ގިނައިން މީސްމީޑިޔާގައި އެކަކު އަނެކަކާ ވާހަކަ ދައްކާ ކުދިންނެވެ. 18 - 40 އަހަރާއި ދެމެދުގެ މީހުންގެ ތެރެެއިން %85 މީހުންނަކީ މީސްމީޑިޔާ މެދުވެރިކޮށް ގިނައިން ވާހަކަ ދައްކާ މީހުންނެވެ. 40 އަހަރުން މަތީގެ %49 އިންސައްތަ އަކީ މީސްމީޑިޔާގައި ގިނައިން ވާހަކަ ދައްކާ މީހުންނެވެ.
މި ދިރާސާގައި ހާމަކޮށްފައިވަނީ ދިރާސާގެ ބައިވެރިންގެ ތެރެއިން މޯބައިލް ފޯނާއި މީސްމީޑިޔާގެ ސަބަބުން ޑިޕްރެޝަން އާއި އެންޒައިޓީ ތަހައްމަލުކުރާ މީހުންގެ އިންސައްތަ އަކީ %57 އެވެ. މީގެ ތެރޭގައި ގިނައީ ކުޑަކުދިންނެވެ. 18 އަހަރުން ދަށުގެ ކުދިންނެވެ. ޒުވާނުންގެ ތެރޭގައި މި ނިސްބަތް މަދުވެފައިވާ އެއް ސަބަބު ކަމުގައި މި ދިރާސާގައި ހާމަކޮށްފައިވަނީ މީސްމީޑިޔާ މެދުވެރިކޮށް އެކަކު އަނެކަކާ ވާހަކަ ދައްކާ މިންވަރު އިތުރުވުން ކަމުގައެވެ. އެއީ ހިތުގައިވާ ނުތަނަވަސްކަމާއި ހާސްކަން ނައްތާލާ ކަމެކެވެ. އަދި އެކުވެރިކަމާއި މަޖަލާއި އެކު ވާހަކަ ދައްކާ މެސެޖުކޮށް ހަދާނަމަ، ސިކުނޑިން އުފާވެރިކަމުގެ ހޯމޯނު އުފައްދާ ނަފްސަށް ހިތްހަމަޖެހުން ގެނުވާނެއެވެ. ތިމާ ދަންނަ މީހުންނަށް ވުރެ ނުދަންނަ މީހުންނާ ދައްކާ ވާހަކައިން (ޝައުގުވެރި ވެގެން ދައްކާ ވާހަކައިން) ލިބޭ އުފާވެރިކަންވެސް ވަކި ކުޑައެއް ނޫނެވެ.
މޯބައިލް ފޯނާއި މީސްމީޑިޔާއަކީ ހަގީގަތުގައި އިންސާނާގެ ނަފްސާނީ ދުޅަހެޔޮކަމަށް ގެއްލުން ދެނިވި އެއްޗެއް ނޫނެވެ. ގެއްލުން ލިބެނީ އިންސާނާ އެ ތަކެތި ބޭނުން ކުރާ ގޮތަކުންނެވެ. މީސްމީޑިޔާގައި އެކަކު އަނެކަކާއި ވާހަކަ ދައްކަން ހޭދަކުރާ ވަގުތަކީ މި ދިރާސާ ބުނާގޮތުން ނަފްސާނީ ދުޅަހެޔޮކަމަށް މުހިންމު އަދި މި ޒަމާނުގައި އެހާމެ ބޭނުންތެރިވެސް ކަމެކެވެ. ނަމަވެސް ކޮންމެ ކަމެއްގައިވެސް ހަމައަކާއި މިނެއް އޮންނާނެއެވެ. އެއްވެސްކަމެއްގައި ހައްދުފަހަނައަޅާ ގޮސްފިނަމަ، އެއީ ފަހަތަށް އެޅޭ ފިޔަވަޅެކެވެ.
ހަވާލާ: މެގް ވަލްޓަރ، ހެލްތްލައިން، 2022
