ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލް ފުރަތަމަ ލެގުގައި ރޭ އަމިއްލަ ދަނޑުގައި ސްޕެއިނުގެ ވިޔަރެއާލް 2-0 އިން ބަލިކޮށް، ލިވަޕޫލުން އެ މުބާރާތުގެ ފައިނަލުން ޖާގައެއް ހޯދުމާ ގާތަށް ޖެހިލައިފިއެވެ.
އަންނަ ހަފްތާގެ އަންގާރަ ދުވަހުގެ ރޭ ވިޔަރެއާލްގެ ދަނޑުގައި ކުޅެވޭ ދެވަނަ ލެގުގެ މެޗުން އެއްވަރުކޮށްލައިގެން ވެސް ލިވަޕޫލަށް ފައިނަލުން ފުރުޞަތުލިބެން އޮތްއިރު، އެ މެޗުން 1-0 ގެ ތަފާތަކުން ބަލިވިޔަސް ފައިނަލުން ޖާގަ ލިބޭނެ އެވެ. ވިޔަރެއާލުން ދެ ގޯލްގެ ފަރަގަކުން މޮޅުވެއްޖެނަމަ، އިތުރުވަގުތު ކުޅެ ޕެނަލްޓީ ޝޫޓްއައުޓަށް ދާންޖެހޭއިރު، އެ ޓީމުން 3-0 ގެ ނަތީޖާއަކުން މެޗު ކާމިޔާބުކޮށްފިނަމަ ފައިނަލްގެ ޖާގައެއް ކަށަވަރުވާނެ އެވެ.
އެންފީލްޑްގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރީ ދެވަނަ ހާފުގައެވެ. މެޗުގެ ފުރަތަމަ ހާފުގައި ލިވަޕޫލްގެ ވިންގާ ލުއިސް ޑިއާޒް ފޮނުވާލި ދެ ހަމަލާއެއް ވިޔަރެއާލްގެ ކީޕަރު ޖެރޮނިމޯ ރޫލީ މަތަކުރިއެވެ.
މި މެޗުގައި ލިވަޕޫލުން ޖެހި ފުރަތަމަ ލަނޑަކީ، 53 ވަނަ މިނެޓުގައި ވިޔަރެއާލްގެ ޕާވިސް އެސްޓޫޕީނިއާން އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ ލިވަޕޫލްގެ ކެޕްޓަން ޖޯޑަން ހެންޑަސަން ނެގި ހުރަހެއް އެސްޓޫޕީނިއާންގެ ފައިގަ ޖެހިފައި އެ ޓީމުގެ ކީޕަރު ރޫލީގެ އަތުގައި ޖެހިފައި ގޯލްގެ ތެރެއަށް ވަތް ބޯޅައެކެވެ. އޭގެކުރީން، ލިވަޕޫލްގެ ބްރެޒިލް މިޑްފީލްޑަރު ފަބީނިއޯ ގޯލެއް ކާމިޔާބުކުރި ނަމަވެސް އޮފްސައިޑްކަމަށް ނިންމާ، ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ.
ލިވަޕޫލުން ލީޑްނެގިތާ ދެ މިނެޓު ފަހުން، އެ ޓީމުގެ މިސްރު ފޯވާޑް މުހައްމަދު ސަލާހު ދިން ބޯޅައަކުން ސެނެގޯލްގެ ސަޑިއޯ މާނޭ ވަނީ ނަތީޖާ 2-0 އަށް ބަދަލުކޮށްލާފައެވެ. މިއީ ލިވަޕޫލަށް އެންމެ ފަހުން ކުޅުނު ހަތަރު މެޗުގައި މާނޭ ޖެހި ހަތަރުވަނަ ލަނޑެވެ. އަދި މިއީ މިފަހަރުގެ ސީޒަނުގައި އޭނާ ޖެހި 20 ވަނަ ގޯލެވެ.
މިފަހަރުގެ ޗެމްޕިއަންސް ލީގުގެ ފައިނަލް މެޗު އޮންނާނީ އަންނަ މެއި މަހުގެ 28 ވަނަ ދުވަހު ފްރާންސްގެ ޕެރިހުގައެވެ. މި މުބާރާތުގެ ފުރަތަމަ ސެމީގައި ރޭ މެންޗެސްޓާ ސިޓީން ވަނީ 4-3ގެ ތަފާތަކުން ސްޕެއިނުގެ ރެއާލް މެޑްރިޑް ބަލިކޮށްފައެވެ.
