އެމެރިކާގެ ހުޅަނގު އުތުރުގައި އޮންނަ ވިސްކޮންސިން ސްޓޭޓުގެ ޗިއްޕެވާ ފާލްސް އަވަށުގައި އުމުރުން 10 އަހަރުގެ އަންހެން ކުއްޖެއްގެ މަރުގެ މައްސަލާގައި 14 އަހަރުގެ ފިރިހެން ކުއްޖެއް ހައްޔަރުކޮށްފިއެވެ.

އުމުރުން 10 އަހަރުގެ ލިލީ ޕީޓަރސް ނަމަކަށް ކިޔާ މި އަންހެން ކުއްޖާ މަރާލާފައި އޮއްވާ ފެނުނީ އެ އަންހެން ކުއްޖާގެ ބޮޑުދައިތައެއްގެ ގޭގެ، ގެވަޅުތެރޭގެ ކިބަޅިފަރާތުންނެވެ. މި މައްސަލާގައި ހައްޔަރު ކުރި 14 އަހަރުގެ ފިރިހެން ކުއްޖާގެ މައްޗަށް ތިން ދައުވާއެއް ވަނީ އުފުލާފައެވެ. އެއީ ގަސްތުގާ މީހަކު މެރުމުގެ ދައުވާ އާއި، ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ ދައުވާ އާއި، އަދި 13 އަހަރުން ދަށުގެ ކުއްޖަކާ އެކު ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމުގެ ދައުވާއެވެ. މިކަން އެ ސްޓޭޓުގެ ގާނޫނީ ވަކީލެއް ކަމަަށްވާ ވޭޑް ނެވެލް ވަނީ ހާމަކޮށްދީފައެވެ.

ރިޕޯޓުތައް ބުނާގޮތުން 14 އަހަރުގެ އެ ފިރިހެންކުއްޖާ ވަނީ 10 އަހަރުގެ އެ އަންހެން ކުއްޖާ އާއި ގަދަކަމުން ޖިންސީ ގުޅުން ހިންގާފަައެވެ. އަދި އޭގެ ފަހުން އެކިއެކި އަނިޔާތަކާއި ހަމަލާތައް ދީ މަރާލާފައިވާކަމަށް "މާކިއުރީނިއުސް" ގައި ރިޕޯޓުކޮށްފައިވެއެވެ.

ތަފާތު އެކި އެކި ކުށުގެ ވެށިތަކުގައި 18 އަހަރު ނުފުރޭ ކުދިން ގިނައިިން ބައިވެރިވާކަން މި ފަހަކަށް އައިސް ހުޅަނގުގެ ގައުމުތަކުން ފާހަގަވެއެވެ. ރިޕޯޓުތައް ބުނާގޮތުގައި މިކަމުގެ އަސްލަކީ މަސްތުވާތަކެއްޗެވެ. މި މައްސަލާގައި ހައްޔަރު ކުރި 14 އަހަރުގެ ފިރިހެންކުއްޖާގެ އެއްވެސް މައުލޫމާތެއް އަދި ހާމަ ކޮށްފައެއް ނުވެއެވެ.