ޒަމާނާއި އެކު ފަންނިއްޔާތު ކުރިއަރާފައިވާ މި ޒަމާނުގައި ސިއްހީ ގޮތުން ހަށިގަނޑުގައި ހުންނަ ތަފާތު އެތައް ބައްޔެއް މިއަދު ދެނެގަނެވެއެވެ. އެތަށް ނަމެއް ކިޔާ ތަފާތު އެތައް ސްކޭން ތަކާއި ލެއިންނާއި އަދި އެނޫންވެސް ހަށިގަނޑުގެ އެކި އެކި ދިޔަވަރުތަކުން ތަފާތު އެކި ތަހުލީލުތަކެއް ކޮށްގެންނެވެ. އެގޮތުން ދަށްބަނޑުގެ އެއް ފަރާތުން ފުރަގަހާއި އެކު ރިހޭ ބައެއް ރިހުންތަކުގެ ހަގީގަތް ހޯދާ ބެލުމުން ބައެއް ފަހަރަށް ގުރުދާގައި ސިސްޓެއް އިންނަ ތަން ފެނެއެވެ. މި ލިޔުމުގައި މި ބަލާލަނީ ގުރުދާގެ ސިސްޓް ނުވަތަ ކިޑްނީ ސިސްޓް ގެ މައްޗަށެވެ.
ދުރުދާ އަކީ ކުޑަކަމުދާ ނިޒާމުގެ މައި ގުނަވަނެވެ. އިންސާނާގެ ހަށިގަނޑުގައި ދެ ގުރުދާ ލައްވާފައިވާ އިރު، އެއް ގުރުދާގެ މަސައްކަތް ހުއްޓުނަސް، ހަށިގަނޑުގެ ހިނގުމަށް މާ ބޮޑު ބަދަލެއް ނައިސް ހިނގައެވެ. ގުރުދާގައި ސިސްޓް އުފެދުމަކީ ގުރުދާގެ ބޭރުގައި ނުވަތަ ގުރުދާގެ އެތެރޭގައި ފެން ޖަމާވެފައިވާ "ފެންކޮތަޅެއް" ނުވަތަ ސިސްޓެއް އަށަގަތުމެވެ. ބައެއް ހާލަތްތަކުގައި ގުރުދާގައި ހުންނަ މި ސިސްޓަކީ ގުރުދާގެ މަސައްކަތް ހުއްޓުވާ ގުރުދާ ހަލާކު ކުރުވަފާނޭ ސިސްޓެކެވެ. ނަމަވެސް އަނެއްބައި ހާލަތުގައި މިއީ މާ ބޮޑު ސިއްހީ ގެއްލުމެއް އަދި އުނދަގުލެއްވެސް ކުރިމަތި ނުކުރުވާ ކަމެކެވެ. ކޮންމެ ސިސްޓަކީ އަދި ޓިއުމަރެއް ނޫނެވެ. ކޮންމެ ސިސްޓަކީ އަދި ކެންސަރުގެ ނިޝާނެއް އޭގައި އެކުލެވޭ އެއްޗެއްވެސް ނޫނެވެ.
ގުރުދާގައި އުފެދޭ މި ސިސްޓަކީ އެއް ސިސްޓައްވުރެ ގިނަ ސިސްޓް އުފެދިދާނޭ އެއްޗެކެވެ. ގުރުދާގެ އެތެރޭގައްޔާއި އަދި ބޭރުގައިވެސް މެއެވެ. އެއް ގުރުދާގައި ނުވަތަ ދެ ގުރުދާގައި ވެސް މެއެވެ. ލޭގެ ބައެއް ތަހުލީލު ތަކުންނާއި ބައެއް ސްކޭން ތަކުން މި ސިސްޓް ފާހަގަ ކުރެވޭނެއެވެ.
ގުރުދާގައި އުފެދޭ ސިސްޓުގެ ސަބަބުން އިންސާނާގެ ހަށިގަނޑުން ފެނިދާނޭ ބައެއް އަލާމާތްތައް ޑަކްޓަރުން ފާހަގަ ކުރެއެވެ. އޭގެ ތެރޭގައި ވިއްދާ ގޮތަކަށް ދަށްބަނޑުގެ އެއް ފަޅިއަށް ތަދުވެދާނެއެވެ. އަދި މި ތަދު އެ ދިމާލުން، ފަހަތަށް، އުނަގަނޑާ ދިމާލަށް ގޮސްދާނެއެވެ. ބައެއް މީހުންގެ ފަރާތުން މި ތަދާއެކު ހުން އައުމަކީވެސް ފެންނަ އަލާމާތެކެވެ. ބައެއް ހާލަތްތަކުގައި ގުރުދާގެ ސިސްޓުގެ ސަބަބުން މޭކޮޅަށް ވެސް ތަދުވެދާނެއެވެ. މިކަމުގައި ސަމާލުކަން ދޭންވީ ގުރުދާގެ ސިސްޓެއްގެ ސަބަބުން ކުޑަކަމުދާން އެއްވެސް އުނދަގުލެއް، އެކަމުގެ ކުރީކޮޅުގައި ނުފެންނާނެކަމެވެ.
މިކަމުގެ ސީދާ ސަބަބެއް ޑަކްޓަރުންނަަށް ވެސް ބުނެދޭކަށް ނޭނގެއެވެ. ނަމަވެސް އެނގޭހާވެސް ކަމަކީ ގުރުދާގެ މަސްތަކާއި ބޭރު ފަށަލައިގެ ބަލިކަށިކަމުގެ ސަބަބުން ސިސްޓު އުފެދުމުގެ ފުރުސަތު ބޮޑުވާނެކަމެވެ.
ގުރުދާގެ ސިސްޓަށް ފަރުވާ ނުހޯދާ ހުރުމަކީ ކޮށްގެން ވާނޭ ކަމެއް ނޫނެވެ. އަދި ފަރުވާ ކުރުމުގައި ފަރުވާ ކުޑަކުރުމަކީވެސް ރަނގަޅު ކަމެއް ނޫނެވެ. އެހެނީ ފަރުވާ ނުކުރެވި ދޫކޮށްލެވޭ ގުރުދާގެ ސިސްޓުތަކަކީ އޭގެ ސަބަބުން އެހެން ގެއްލުންތަކެއް ކުރިމަތި ކުރުވަފާނޭ އެއްޗެކެވެ. އެގޮތުން މި ސިސްޓުގައި ޖަރާސީމު އަށަގަނެ ގުރުދާގެ ތެރެއަށް ޖަރާސީމު ވާސިލްވެދެއެވެ. އަނެއްބައި ފަހަރަށް މި ސިސްޓުތައް ފަޅައިގެން ގޮސް ހަށިގަނޑުގެ ތެރެއަށް ނުވަތަ ދުރުދާގެ ތެރެއަށް އޭގައި ހުންނަ ދިޔަވަރުތައް އެޅި ނުރައްކާތެރި އިންފެކްޝަންތަކަކަށް މަގުފަހިވެއެވެ. ފަރުވާ ނުކުރެވި މާ ގިނަ ދުވަހު ހުންނަ ނަމަ ބައެއް ފަހަރަށް ކެންސަރަށް ވެސް ބަދަލުވެދެއެވެ. ކުޑަކަމުދިއުމުގެ ތަރުތީބަށާއި އެ ނިޒާމުގެ އެކުލެވުމަށްވެސް ބަދަލުތަކެއް އައުމަކީ ވުން ގާތް ކަންކަމެވެ.
ކަން އޮތީ މިހެން ކަމުން ގުރުދާގެ ސިސްޓުގެ އަލާމާތްތަކަށާއި މި ބައްޔާއި މެދު ކޮންމެ މީހަކީވެސް ފަރުވާތެރި ވެ ސަމާލުކަން ދޭ މީހެއްކަމުގައި ވުން މުހިންމެވެ. އަދި މިކަން ދިމައިވެއްޖެނަމަ ޑަކްޓަރުގެ އިރުޝާދާއި ލަފާގެ މަތިން ގަވައިދުން ފަރުވާކުރަން ވާނެއެވެ.
