ލޭގެ ޕްރެޝަރ މަތިވެގެން، ކްލެސްޓްރޯލް ހުރެގެން ނުވަތަ ހަކުރުގެ މައްސަލައެއްގައި ޑޮކްޓަރަށް ދެއްކިޔަސް ހިނގާލަން ދާން އިރުޝާދު ދެއެވެ. ކިތަންމެ ބަރުދަން މަތި މީހެއް ވިޔަސް ދުވެލަން ދާން އިރުޝާދު ދޭ ފަހަރު މަދެވެ. ނަމަވެސް ދުވާ ޕާކަކަށް ގޮސްފިއްޔާ ކިރިޔާވެސް ދުވެވޭ މީހަކު ނަމަ ދުވާ ތަން ފެނެއެވެ. އެހެންކަމުން ގިނަ ބައެއްގެ ހިތުގައި މިސުވާލު އުފެދެއެވެ. ހިނގުމާއި ދުވުމާއި މި ދެ ކަންތަކުން އެންމެ ރަގަޅީ ކޮން ކަމެއް ހެއްޔެވެ؟

އެމެރިކާގައި މިކަމަށް ކުރެވުނު ދިރާސާއަކުން ދެއްކި ގޮތުގައި ހިތުގެ މައްސަލަތައް ހުންނަ މީހުނަށް ދުވުމާއި އެއްވަރަށް ހިނގުމުންވެސް ފައިދާ ކުރެއެވެ. ވަރަށް ފުޅާދާއިރާއެއްގައި ކުރެވުނު މިދިރާސާގައި ގިނަ ދުވަހު ދުވެ އަދި ދިގު މުއްދަތަކަށް ހިނގާ މީހުން ބައިވެރި ކުރެވުނެވެ. ނަތީޖާއިން އެނގުނު ކަމަކީ ދެކަމަކީ ވެސް ލޭގެ ޕްރެޝަރ ރަގަޅުކޮށް، ކޮލެސްޓްރޯލް ދަށްކޮށް، ހަކުރު ހަމައަކަށް އެޅުވުމުގެ އިތުރުން ހިތުގެ ބަލިތަކާ ގުޅުން ހުރި މައްސަލަތަކަށް އެއްވަރަކަށް ހައްލު ލިއްބައިދޭ ކަންކަން ކަމެވެ. މިސާލަކަށް އެއް ކިލޯމީޓަރަށް ދުވާ މީހާ ހަމަ އެވަރަށް ހަކަތަ ބޭނުންކޮށްގެން ހިނގުމުން ލިބޭ ނަތީޖާ އެއްވަރެވެ.

1998 އަދި 1999 ގައި ފެށުނު މި ދިރާސާގައި 63،000 އަށްވުރެ ގިނަ ދުވާ މީހުނާ، 42،000 ހިނގާމީހުން ބައިވެރި ކުރެވުނެވެ. ދެ ޖިންސުގެ މީހުން ބައިވެރިވި މިދިރާސާގައި އުމުރުން 18 އަހަރާއި 80 އަހަރާއި ދެމެދުގެ މީހުން ހިމެނެއެވެ. މި އެންމެންގެ ވެސް އިސްކޮޅާއި ބަރުދަނާއި ސިއްޙީ މަޢުލޫމާތުގެ އިތުރުން ތައުލީމީ ފެންވަރާއި ދިރިއުޅުމުގެ ވައްޓަފާޅި ރެކޯޑް ކުރެވުނެވެ. ކޮންމެ ބައިވެރިޔަކުވެސް ހަފްތާއަކު ދުވުނު ނުވަތަ ހިނގި ދުރުމިނާއި، އެކަމަށް ހޭދަވި ވަގުތާ އެހެން ކަސްރަތެއް ކުރިނަމަ އެ މަޢުލޫމާތުވެސް ހިމެނިއެވެ.

6 އަހަރު ފަހުން އަނެއްކާ އެމީހުންގެ ސިއްޙީމައުލޫމާތު އެއްކޮށް، ކުރީ ގެ ރެކޯޑާ އަޅާކިޔާފައި ވެއެވެ. އަދި މި މުއްދަތުގައި އިތުރު ސިއްހީ މައްސަލައަކާ ގުޅިގެން ބޭހެއް ބޭނުންކުރިނަމަ އެކަންވެސް ނޯޓް ކުރެވުނެވެ. އެމެރިކާގެ ލޯރެންސް ބާރކްލޭ ނެޝަނަލް ލެބޯޓަރީ އަދި ހާރޓްފޯރޑް ހޮސްޕިޓަލް އިން ކުރި މި ދިރާސާއަށް މާލީ އެހީތެރިކަން ދީފައިވަނީ އެމެރިކާގެ ނެޝަނަލް ހަރޓް، ލަންގް އެންޑް ބްލަޑް އިންސްޓިޓިއުޓް އިންނެވެ. ދިރާސާގެ ޖުމްލަ ނަތީޖާއަކީ ދުވުމާއި ހިނގުމަކީވެސް އެއްވަރަކަށް ސިއްޙީ ފައިދާ ލެބޭ ދެ ކަންތައްކަމެވެ. ނަމަވެސް ދުވުމަކީ ވަރުގަދަ ކަސްރަތަކަށްވެފައި ބުންވަރު ދަށް މީހުނާއި އެހެންވެސް ސިއްޙީ އުނދަގޫ ހުންނަ މީހުނަށް ކުރެވޭނެ ކަމެއް ނޫނެވެ. ނަމަވެސް ހިނގުމަކީ ހަމަ ކޮންމެ މީހަކަށްވެސް މަޑުމަޑުން ނަމަވެސް ކުރެވިދާނެ ކަމެކެވެ. ހިނގާކަށް ވަކި ސްޕީޑެއް ނެތެވެ. އެމީހަކަށް ހިނގޭ އެންމެ ބާރު ސްޕީޑެއްގައި ހަފްތާއަކު 150 މިނިޓް ހިނގާލުމުން ފުދެއެވެ.

ބުންވަރު ގަދަކުރަން ދުވާ މީހުނާއި ވަކި ވަރެއްގައި ފިޓްނަސް ބަހައްޓަން ދުވާ މީހުންނަކީ މި ގިންތިއަށް ފެތޭބައެއް ނޫނެވެ. ހަމަ އެގޮތަށް ބަރުދަން ލުއިކުރަން ދުވާމީހުންވެސް ވިސްނަން ޖެހޭ ކަމަކީ ބަރުދަން ލުއިވާނީ ގިނައިން ހަކަތަ އެންދިވަރަކަށް ކަމެވެ. އެއް ކިލޯމީޓަރަށް ދުވަން ބޭނުންވާ ހަކަތަ ހަމަ އެ ދުރުމިނަށް ހިނގަން ހޭދައެއް ނުވެއެވެ. އެހެންކަމުން މި ޙާލަތުގައި ރަގަޅީ ދުވެވޭ ނަމަ ދުވުމެވެ. ނަމަވެސް ހުޅުތަކުގައި އެއްވެސް މައްސަލައެއް ހުރި ނަމަ އެކަމަށް ފަރުވާ ނުކޮށް ނުދުވުމަށް ސިއްޙީމާހިރުން އިރުޝާދު ދެއެވެ.