ސުޝާންތު ސިންގް ރާޖްޕޫތުގެ މަރުގެ ތަހުގީގު ފުޅާވެގެން ފެޅި މަސްތުވާތަކެތީގެ ކުރިއަކުން، ބޮލީވުޑްގެ ނަން މަޝްހޫރު އެތައް ބައެއްގެ ރޭގަނޑުގެ ނިދިވަނީ ގެއްލިފައެވެ. ބެލުންތެރިން ސަޕޯޓާއި ލޯބި ލިބިފައިވާ އެތައް ފަންނާނުންގެ ނަން މިކަމުގައި ޝާމިލު ވެ ބައެއް ފަންނާނުންނާ ސުވާލުވެސް ވަނީ ކުރެވިފައެވެ.

މިހާރު މި ނެޓްވޯކްގެ ތެރެއަށް އެންމެ ފަހުން އައި ނަމަކީ ދީޕިކާ ޕަދުކޯންގެ ނަމެވެ. ޝާހުރުކް ޚާންގެ ބަޠަލާއެއްގެ ގޮތުގައި އޯމް ޝާންތީ އޯމް އިން ބޮލީވުޑަށް ނިކުތް ދީޕިކާގެ ރީތި ކަމާއި އެއްވަރުގެ ހުނަރެއް ދައްކައިގެން ކުޑަ ދުވަސް ކޮޅެއްގެ ބެލުންތެރިންގެ ހިތުން ޖާގަ ހޯދި ދިޕިކާއަކީ ރޯލް މޮޑެލެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ބަލައިގެންފައެވެ.

ނަމަވެސް މިހާރު ހިނގަމުންދާ ބޮލީވުޑްގެ މަސްތުވާ ތަކެތީގެ މައްސަލައިގައި ސުވާލު ކުރެވުނު ޓެލެންޓް މެނޭޖަރ ޖަޔާ ސާހާގެ ފޯނުން ފެނުނު މެސެޖްތަކަކުން "ޑީ" އަދި "ކޭ" ގެ ނަމުގައި ބަދަލުކުރެވިފައިވާ މެސެޖްތަކެއް ވަނީ މީޑީޔާއަށް ލީކުވެފައެވެ. މި މެސެޖްތަކުގައި ބުނާ "ޑީ" އަކީ ދީޕިކާ ކަމަށް ވަނީ ބެލެވިފައެވެ. މިކަން އިތުރަށް ބެލުމަށް ޓަކައި ދީޕިކާ ގެ ޓެލެންޓް މެނޭޖަރ ކަރިޝްމާ ޕްރަކާޝް ނާކޮޓިކްސް ކޮންޓްރޯލް ބޯޑަށް ހާޟިރުވުމަށް ވަނީ ނޯޓިސް ފޮނުވާފައެވެ.

ބޮލީވުޑްގެ މަސްތުވާތަކެތީގެ މައްސަލައިގެ ތެރޭގައި މިހާރު ހިމެނިފައިވާ ބޮލީވުޑް ފަންނާނުންގެ ތެރޭގައި ދީޕިކާގެ އިތުރުން ޝްރައްދާ ކަޕޫރު، ސާރާ ޢަލީ ޚާން، ރަކުލް ޕްރީތު އަދި ސިމޯން ޚަންބާޓާ ހިމެނެއެވެ.