ފްރެންޗް ލީގުގެ ޗެމްޕިއަންކަން ޖެހިޖެހިގެން 10 ވަނަ ފަހަރަށް ކަށަވަރުކޮށްފައިވާ ޕީއެސްޖީއާ ދެކޮޅަށް ކުޅުނު މެޗުން ސްޓްރާސްބާގުން ފަހުވަގުތު އެއްވަރުކޮށްފިއެވެ. މި މެޗު ނިމުނީ 3-3 އިން އެއްވަރުވެގެންނެވެ.
ރޭގެ ނަތީޖާއާއެކު ޕީއެސްޖީ އެއްވަނައިގައި އޮތީ 35 މެޗުން ލިބުނު 79 ޕޮއިންޓާއެކު އެވެ. ދެވަނައިގައި އޮތް އޮލިމްޕިކް މާސޭ އަށް 34 މެޗުން 65 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ހަ ޕޮއިންޓް ފަހަތުން ތިންވަނައިގައި އޮތީ ރެނޭސް އެވެ. ހަތަރުވަނައިގައި އޮތް މޮނާކޯ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވާއިރު، ރެނޭސް އަށް ކުރިލިބެނީ ފައިދާގޯލްގެ ތަފާތުންނެވެ. ސްޓްރާސްބާގް އޮތީ 35 މެޗުން ލިބުނު 57 ޕޮއިންޓާއެކު ފަސްވަނައިގައެވެ.
ސްޓްރާސްބާގްގެ ދަނޑުގައި ރޭ ކުޅުނު މި މެޗުގައި ކުރީން ލީޑްނެގީ ވެސް އެ ޓީމުންނެވެ. މެޗު ފެށިގެން ތިންވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ ކުރީން ޕީއެސްޖީ އަށް ކުޅުނު ފްރާންސްގެ ފޯވާޑް ކެވިން ގަމެއިރޯ އެވެ.
އޭގެފަހުން، މެޗުގެ 11 ވަނަ މިނެޓުގައި ސްޓްރާސްބާގުން އިތުރު ގޯލެއްޖެހިނަމަވެސް، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ އެ ލަނޑު ގަބޫލެއްނުކުރިއެވެ. ޕީއެސްޖީ އިން އެއްވަރުކުރި ލަނޑު، 23 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ފްރާންސްގެ ތަރި ކިލިއަން އެމްބާޕޭ އެވެ. މިއީ ނޭމާ ދިން ބޯޅައަކުން އެމްބާޕޭ ކާމިޔާބުކުރި ގޯލެކެވެ. މެޗުގެ ފުރަތަމަ ހާފު ނިމުނީ މި ނަތީޖާގައި އޮވެގެންނެވެ.
ދެވަނަ ހާފުގެ ހަ މިނެޓުގެ ތެރޭގައި ކާމިޔާބުކުރި ދެލަނޑާއެކު ޕީއެސްޖީން ވަނީ ނަތީޖާ އެ ޓީމު ކޮޅަށް އަނބުރާލައިފައެވެ. މެޗުގެ 64 ވަނަ މިނެޓުގައި އެމްބާޕޭ ދިން ބޯޅައަކުން އަޝްރަފް ހަކީމީ އެ ޓީމަށް ފުރަތަމަ ފަހަރަށް ލީޑްނަގައިދިންއިރު، އޭގެ ހަތަރު މިނެޓުފަހުން އެމްބާޕޭ ވަނީ ދެ ލަނޑުގެ ލީޑެއްނަގައިދީފައެވެ. މިއީ ލީގުގައި ޕީއެސްޖީ އަށް ކުޅެދިން 32 މެޗުގައި އޭނާ ޖެހި 24 ވަނަ ލަނޑެވެ. އަދި މި ފަހަރުގެ ސީޒަނުގައި އެ ޓީމަށް ޖަހައިދިން 35 ވަނަ ގޯލެވެ.
މެޗު ނިމެން 15 މިނެޓަށްވެފައިވަނިކޮށް ޕީއެސްޖީގެ އިޓަލީ މިޑްފީލްޑަރު މާކޯ ވެރާޓީ އަތުން ބައިކޮޅަށް ވަތް ލަނޑަކުން ސްޓްރާސްބާގުން ފަރަގު ކުޑަކުރިއެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ދެވަނަ މިނެޓުގައި ސްޓްރާސްބާގަށް އެއްވަރުކޮށްދިނީ އެންތަނީ ޝާޝީ އެވެ.
ލީގުގައި ޕީއެސްޖީ އަށް ދެން އޮތީ އަންނަ މެއި މަހުގެ 8 ވަނަ ދުވަހު އަމިއްލަ ދަނޑުގައި ޓްރޯއީސްއާ ދެކޮޅަށް ކުޅޭ މެޗެވެ. އޭގެ ހަފްތާއެއްހާ ފަހުން ރަށުން ބޭރުގައި މޮންޓްޕެލިއާއާ ދެކޮޅަށް ނިކުންނައިރު، ލީގުގެ ފަހު މެޗުގައި މެއި މަހުގެ 22 ވަނަ ދުވަހު އަމިއްލަ ދަނޑުގައި އެ ޓީމު ނިކުންނާނީ މެޓްޒްއާ ދެކޮޅަށެވެ.
