އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑް 2-1 އިން ބަލިކޮށް އާސެނަލުން އަލުން ތާވަލްގެ ހަތަރުވަނަ އަށް ޖެހިލައިފިއެވެ.

ލީގުގައި މިރޭ ލެސްޓާ ސިޓީ އަތުން އަމިއްލަ ދަނޑުގައި 3-1 އިން ޓޮޓެންހަމް ހޮޓްސްޕާ ހޯދީ މޮޅާއެކު ވަނީ ހަތަރުވަނަ އަށް އަރައިފައެވެ. އެކަމަކު، މިރޭ އާސެނަލް މޮޅުވުމުން އެ ޓީމަށް ވަނީ އަލުން ހަތަރުވަނަ ލިބިފައެވެ. އާސެނަލަށް 34 މެޗުން 63 ޕޮއިންޓް ލިބިފައިވާއިރު، އޭގެ ދެ ޕޮއިންޓް ފަހަތުން ޓޮޓެންހަމް އޮތީ ފަސްވަނައިގައެވެ. ތާވަލްގެ އެންމެ ކުރީގައި އުޅޭ މެންޗެސްޓާ ސިޓީ އަށް 34 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، ދެވަނައިގައި އޮތް ލިވަޕޫލަށް 34 މެޗުން ލިބިފައިވަނީ 82 ޕޮއިންޓެވެ. ތިންވަނައިގައި ޗެލްސީ އޮތީ 34 މެޗުން ލިބުނު 66 ޕޮއިންޓާއެކު އެވެ.

ލަންޑަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގެ 38 ވަނަ މިނެޓުގައި ކުރީން ލީޑްނެގީ އާސެނަލުންނެވެ. މިއީ އެ ޓީމުގެ އިނގިރޭސި ވިންގާ ބުކާޔޯ ސާކާ ނަގައިދިން ހުރަހަކުން ރޮބް ހޯލްޑިން ކާމިޔާބުކުރި ގޯލެކެވެ. ހޯލްޑިން މި މެޗުގައި ކުޅުނީ އާސެނަލްގެ ޑިފެންސްލައިންގައި ކުޅެމުން އަންނަ ބެން ވައިޓްގެ ފަލަމަސްގަނޑަށް ލިބިފައިވާ އަނިޔާއެއްގެ ސަބަބުން އޭނާގެ ބަދަލުގައެވެ.

ވެސްޓް ހޭމުން އެއްވަރުކުރި ލަނޑު، ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ކާމިޔާބުކޮށްދިނީ ޖަރޮޑް ބޮވެން އެވެ. އޭގެކުރީން، އެ ޓީމަށް އެއްވަރުކޮށްދޭން ޑެކްލަން ރީސް ބޮލުން ފޮނުވާލި ބޯޅަ އާސެނަލްގެ ކީޕަރު އާރޮން ރަމްސްޑޭލް ވަނީ ހުއްޓުވާފައެވެ.

ވެސްޓް ހޭމް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޕްރިމިއާ ލީގު.ކޮމް

އާސެނަލުން މި މެޗުގައި ޖެހި ދެވަނަ ލަނޑު، 54 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ އެ ޓީމުގެ ބްރެޒިލް ޑިފެންޑަރު ގެބްރިއަލް މަގަލޭޝް އެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް އެ ޓީމަށް ކުޅެމުން އަންނަ ބްރެޒިލްގެ ޒުވާން ފޯވާޑް ގެބްރިއެލް މާޓިނެއްލީ އެވެ. މާޓިނެއްލީ ނެގި ހުރަހަކުން ގެބްރިއެލް މި ލަނޑުޖެހީ ބޮލުންނެވެ.

އެވަޓަންގެ ގުޑިސަން ޕާކްގައި މިރޭ ޗެލްސީ އަތުން މޮޅުވި މެޗުގައި ފެނިގެންދިޔަ ހަމައެކަނި ލަނޑުޖަހައިދިނީ ރިޗާލިސަން އެވެ. މިއީ ދެވަނަ ހާފުގެ ކުޅުން ފެށިގެން ފުރަތަމަ މިނެޓުގައި ޗެލްސީގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އެވަޓަންގެ ޑަމަރާއި ގްރޭ ދިން ބޯޅައަކުން ރިޗާލިސަން ކާމިޔާބުކުރި ގޯލެކެވެ.

ޓޮޓެންހަމްގެ ދަނޑުގައި އެ ޓީމުން ލެސްޓާ ބަލިކުރީ 3-1 އިންނެވެ. މި މެޗުގައި އެ ޓީމުން ޖެހި ތިން ލަނޑުގެ ތެރެއިން ދެ ގޯލް ކާމިޔާބުކޮށްދިނީ ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން އެވެ. އަނެއް ލަނޑުޖަހައިދިނީ ހެރީ ކޭން އެވެ. ލެސްޓާގެ ހަމައެކަނި ލަނޑުޖަހައިދިނީ ނައިޖީރިއާގެ ފޯވާޑް ކެލެޗީ އިހެނާޗޯ އެވެ.