ދިވެހިންގެ ތެރޭގައި އާންމު ބައެއް ބަލިތަކުގެ ތެރެއިން ހިތުގެ ބަލިތަކަކީ ފާހަގަކޮށްލެވޭ ބަލިތަކެކެވެ. ހިތުގެ ތަފާތު އެކި އެކި ބަލިތަކެވެ. މިގޮތުން ހާޓް އެޓޭކް އޭ މިކިޔާ ބައްޔަކީ ދިވެހިންގެ ތެރޭގައި އާންމުބައްޔެކޭ ބުނެވިދާނެއެވެ. މި ލިޔުމުގައި ހާޓް އެޓޭކާއި ބެހޭގޮތުން ބައެއް އުސްއަލިތަކަށް ބަލައިލާނަމެވެ.

އިންސާނާގެ ހިތަކީ ހަށިގަނޑުގައި ހުންނަ ނުސާފު ލޭ ދަމާ، ފުއްޕާމެއަަށް ފޮނުވާ، ފުއްޕާމެއިން އެ ލޭތައް ސާފުކޮށްދިނުމުން އަނެއްކާ ހިތުގެ ތެރެއަށް ދަމާ މުޅި ހަށިގަނޑަށް އެ ލޭ ފޮނުވައިދޭ ގުނަވަނެކެވެ. ލޭ ސާފު ކުރުމޭ މި އިޝާރާތް ކުރީ ލޭގެ ހަތައިތައް އޮކްސިޖަނުން މުއްދަނދި ކޮށްދޭ ކޮށްދިނުމަށެވެ. ހިތުގެ މަސައްކަތް މިހެން ކުރެވޭ އިރު، ހިތުގެ މަސްތަކަށް ބޭނުންވާ އޮކްސިޖަނާއި ކެވެމީގެ މާއްދާތައް ފޯރުކޮށްދިނުމަށް ހިތުގެ މަސްތަކާއި ގުޅިފައިވާ ހިމަ ލޭހޮޅިތަކެއް ވެއެވެ. މި ލޭ ހޮޅިތަކަށް ކޮރޯނަރީ އާޓަރީސް އޭ ކިޔައެވެ. ހާޓް އެޓޭކް ޖެހެނީ މި ކޮރޯނަރީ އާޓަރީ ތަކުގެ ތެރެއިން ލޭ ހޮޅިއެއް ބެދި، ހިތުގެ މަސްތަކަށް ބޭނުންވާ އޮކްސިޖަނާއި ކެވެނީގެ މާއްދާތައް ނުލިބުމުން، ހިތުގެ މަސްތަކަށް ލިބޭ ގެއްލުން ތަކެއްގެ ސަބަބުންނެވެ. ނުވަތަ ލިބޭ އަނިޔާތަކެއްގެ ސަބަބުންނެވެ. މިއީ ގިނަފަހަރަށް ފުރާނައަށް ނުރައްކާ ކުރުވާ ހާލަތެކެވެ. ނަމަވެސް މިކަމުގައި އަވަސް ފަރުވާ ދެވުމަކީ މިކަމުގެ ނުރައްކާ ބޮޑުތަނުން ކުޑަކޮށްދޭ ކަމެކެވެ. ހާޓް އެޓޭކަށް، މަޔޯކާޑިއަލް އިންފާކްޝަން (އެމް.އައި) އޭވެސް ކިޔައެވެ.

ހާޓް އެޓޭކުގެ އަލާމާތް ތަކުގެ ތެރޭގައި މެއަށް ކުރާ ވަރަށް ވަރުގަދަ ބާރަކާއި އެކު، ފިތެމުންދާ އިހުސާސަކާއި އެކު ބަރު ތަދެއް އިހުރާސް ކުރެވޭނެއެވެ. މި ތަދު ދެ ކޮނޑަށާއި ބޮނބިފަޅިއަށާ އަދި ކަނދުރާއާއި ކަރުދޮށަށްވެސް އަރާނެއެވެ. އަދި ބައެއް ފަހަރު ދެ އަތަށްވެސް މި ތަދު ފޯރަފާނެއެވެ. މޭ އެންދުމާއި އޯކަށްދެވުމާއި ހަޖަމު ނުވުމާއި އެކު ދަށްބަނޑަށްވެސް ތަދުވެދާނެއެވެ. ނޭވާކުރުވެދާނެއެވެ. މީހާގެ ހަށިގަނޑު ފިނިވެ، ދާހިއްލަން ފަށާފާނެއެވެ. ގައިގެ ވަރުދެރަވެ، ބޯ އަނބުރާ ބޮލަށް ބަރު އިހުސާސްތަކެއްވެސް ކުރުވަފާނެއެވެ. މި އަލާމާތްތައް އެކި މީހުންގެ ތަފާތު ވެދާނެއެވެ. މެއަށް ތަދުވާ ތަދުވުމަކީ އެންމެންނަށްވެސް ދިމައިވާ އާންމު އަލާމާތެކެވެ.

މި ހާލަތު ދިމާވުމުން ފުރާނައަށް ނުރައްކާ ވަނީ ބެދޭ ލޭހޮޅީގެ އަދަދާއި ލޭހޮޅި ބެދޭ މިންވަރަކުންނެވެ. ގިނަ ލޭހޮޅިތަކެއް ބެދިއްޖެނަމަ ނުވަތަ ބެދޭ ލޭހޮޅި ބެދުނު މިންވަރު ބޮޑުނަމަ ނުރައްކާވުމުގެ ފުރުސަތު ބޮޑުވެއެވެ. ބޮޑަށް މިކަން ދިމައިވެއްޖެނަމަ، ހިތުގެ މަސްތަކަށް އޮކްސިޖަނާއި ކެެވެނީގެ ބާވަތްތައް ނުލިބި ހިތުގެ މަސްތަށް މަރުވާ ގޮތްވެއެވެ. އެއާއި އެކު ހިތުގެ މަސައްކަތަށް ބޮޑެތި ބުރޫތަކެއް އަރާ ހިތުގެ ހިނގުން ހުއްޓޭގޮތްވެސް މެދުވެރިވެއެވެ.

ލޭހޮޅި ބެދޭގޮތް މެދުވެެރިވާ ސަބަބަކީ، ލޭ ހޮޅިތަކުގައި ހުންނަ ސަރުބީތައް ޖަމާވެ، ތަތްވާން ފެށުމުން ލޭ ހޮޅިތައް ހިމަވާގޮތް މެދުވެރިވެއެވެ. ދެން މިގޮތަށް ހުންނަ ސަރުބީކޮޅެއް ލޭގެ ޕުރެސަރާއި އެކު ނެއްޓިގެން ކުދިކުދި ވެގެން ދެއެވެ. އެ ސަރުބީކޮޅު ނެއްޓުނު ތަނުގައި، ލޭހޮޅީގައި ކުޑަ ފާރުކޮޅެއް ޒާތު ތަނެއް އުފެދެއެވެ. އެ ތަންކޮޅުގައި ލޭގަނޑުވާން ފަށައެވެ. މިގޮތަށް ގަނޑުވާ ލޭކޮޅު ބޮޑުވަމުން ގޮސް ލޭ ހޮޅި ބެދޭގޮތް ވެއެވެ. އެހެންކަމުން ލޭގައި ސަރުބީ ގިނަ މީހުން (ކޮލެސްޓްރޯލު މަތި މީހުން) އަދި ލޭގެ ޕުރެސަރު މަތި މީހުންނަކީ ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު ބައެކެވެ.

ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު މީހުންގެ ތެރޭގައި އެންމެ ފުރަތަމަވެސް ފާހަގަ ކުރަނީ، ލޭގައި ސަރުބީ ގިނަ މީހުންނާއި ލޭގެ ޕުރެސަރު މަތި މީހުންނެވެ. އޭގެ ފަހުން އުމުރުން ދުވަސްވީ މީހުންނާއި ބަރުދަން ހުންނަންވާ މިންގަނޑަށްވުރެ ބޮޑުތަނުން ބަރު މީހުންނާއި ދުންފަތުގެ އިސްތިއުމާލު ކުރާ މީހުންނާއި ހަކުރުބަލި ހުންނަ މީހުންނާއި ހާސްވެކަންބޮޑުވުން އިތުރު މީހުންނާއި ހެލިފެލިވުން މަދު މީހުންނާއި މަސްތުވާތަކެތި ބޭނުން ކުރާ މީހުންނާއި އަދި އާއިލާގައި މި ބަލި ތަހައްމަލު ކުރި މީހަކު ހުރި މީހުންނެވެ. އަދި ދިފާއީ ނިޒާމަށް ޖެހޭ ނުރައްކާތެރި ބައްޔެއް ތަހައްމަލު ކުރާ މީހުންނަކީވެސް ހާޓް އެޓޭކް ޖެހުމުގެ ފުރުސަތު ބޮޑު ބައެއްކަމަށް ޑަކްޓަރުން ފާހަގަ ކުރެއެވެ.

ހިތުގެ ކަރަންޓު ދެނެގަންނަ އީ.ސީ.ޖީ ޓެސްޓަކުންނާއި ލޭގެ ޓެސްޓަކުން ހާޓް އެޓޭކް ކަމަށް ޝައްކު ކުރެވޭނެއެވެ. އަދި ހެދޭ އެންޖިއޯ ގްރާމް ނަމަކަށް ކިޔާ ޓެސްޓަކުން ބެދިފައިވާ ނާރާއި އެ ނާރު ބެދިފައިވާ މިންވަރު އެނގޭނެއެވެ. އަދި ބެދިފައިވާ ނާރަށް ހޮޅިކޮޅެއް ލައްވާ އެ ނާރު "މަރާމާތު" ކުރެއެވެ. މިކަމަށް އެންޖިއޯ ޕްލާސްޓީއޭ ކިޔައެވެ. މިއީ ހާޓް އެޓޭކުގައި ދެވޭ ވަރަށްވެސް ކާމިޔާބު ފަރުވާއެކެވެ.

މި ބަލިން ރައްކާތެރި ވުމުގެ ގޮތުން ދިރިއުޅުމުގައި ހެޔޮ އާދަތަށް އިސްކުރުން ވަރަށްވެސް މުހިންމެވެ. ހެލިފެލިވެ އުޅުމާ ކަސްރަތު ކުރުމާ ރަނގަޅު ކާނާ ކެއުމާ ދުންފަތާ މަސްތުވާތަކެތިން ދުރުވުން މުހިންމެވެ. އަދި ލޭގައި ސަރުބީ ގިނަ މީހެއް ނަމަ ނުވަތަ ލޭގެ ޕުރެސަރު މަތި މީހެއްނަމަ، ޑަކްޓަރު ދީފައި ހުންނަ ބޭސް ގަވައިދުން ބޭނުން ކުރުންވެސް ވަރަށް މުހިންމެވެ. މާތް ﷲ އަޅަމެން އެންމެންނަށް ދުޅަހެޔޮ ސިއްހަތެއްގައި ދެމިތިބުމުގެ ހެޔޮ އާފިޔަތު ދެއްވާށިއެވެ. އާމީން!