އެތަށް ބައެއްގެ މެދުގައި މަޤްބޫލުކަމެއް ހޯދި މަޝްހޫރު ސްޕެނިޝް ސީރީޒް "މަނީ ހައިސްޓް"ގެ ކޮރެއަން ރިމޭކެއް ހަދަން ނިންމައި، ސީރީޒް ރިލީޒްކުރާނެ ތާރީޚު ވެސް އިޢުލާންކޮށްފިއެވެ.

2017 ވަނަ އަހަރު ފެށި "މަނީ ހައިސްޓް" 05 ސީޒަނާއެކު ނިންމާލީ ނިމިދިޔަ 2021 ވަނަ އަހަރުގެ ޑިސެމްބަރު މަހުގައެވެ. 

އެންމެ ފުރަތަމަ "މަނީ ހައިސްޓް"ގެ ކޮރެއަން ރިމޭކެއް ހަދާނެ ކަމުގެ އިޝާރާތެއް ދިނީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހުގައެވެ.

އަދި "މަނީ ހައިސްޓް"ގެ ކޮރެއަން ރިމޭކްގައި 'ބާލިން'ގެ ރޯލު ކުޅޭނީ "ސްކުއިޑް ގޭމް"ގެ އެކަޓްރެއް ކަމަށްވާ 'ޕާކް-ހޭ-ސޫ' ކަމަށް އޭނާ ވަނީ ބުނެފައެވެ.

ހަމަމިއާއެކު މިސީރީޒްގެ ޓީޒާއެއް މިއަހަރުގެ ކުރީކޮޅު ބެލުންތެރިންނަށް ދައްކާލައިފައިވެއެވެ. ބައެއް ކާސްޓުންނާއި ސީރީޒްގެ ނަން ވެސް ވަނީ މި ވީޑިއޯއިން ހާމަކޮށްފައެވެ. "މަނީ ހައިސްޓް: ކޮރެއާ - ޖޮއިންޓް އިކޮނޯމިކް އޭރިއާ"ގެ ނަމުން ނަންދީފައިވާ މި ސީރީޒްގެ ބައެއް ކާސްޓުން ތިރީގައި އެވަނީއެވެ. 

01. ޔޫ-ޖީ-ތޭ (ޕްރޮފެސަރ)

02. ޕާކް-ހޭ-ސޫ (ބާލިން)

03. ޖުން-ޖޮންގ-ސިއޯ (ޓޯކިއޯ)

04. ލީ-ވޮން-ޖޮންގ (މޮސްކޯ)

05. ކިމް-ޖީ-ހަން (ޑެންވަރ)

06. ޖަންގ-ޔޫން-ޖޫ (ނައިރޯބީ)

07. ޕާކް ޖުންގ-ވޫ (ރިއޯ)

08. ލީ ކްޔޫ-ހޯ (އޮސްލޯ)

ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި "މަނީ ހައިސްޓް: ކޮރެއާ - ޖޮއިންޓް އިކޮނޯމިކް އޭރިއާ"ގެ ފުރަތަމަ ސީޒަނުގައި އިންނާނީ 12 އެޕިސޯޑެވެ. އަދި އެޕިސޯޑެއްގައި ގާތްގަނޑަކަށް 01 ގަޑިއިރުގެ ވަޤުތު އިންނާނެކަމަށް ވެސް މަޢުލޫމާތު ލިބެއެވެ. މިއީ "މަނީ ހައިސްޓް" ސްޕެނިޝް ސީރީޒްގައި ވެސް ފުރަތަމަ ސީޒަނުގައި ގާތްގަނޑަކަށް އެޕިސޯޑްތައް ހުރި ވަރެވެ. 

ސީރީޒްގެ ޝޫޓިންގ މިއަހަރުގެ ކުރީކޮޅު ނިންމާލުމަށްފަހު މިހާރު ޕޯސްޓް-ޕްރޮޑަކްޝަންގެ މަސައްކަތް ކުރިއަށް ދާއިރު ނެޓްފްލިކްސްއިން ސީރީޒް ދައްކަން ފަށާނީ މިއަހަރުގެ ޖޫން މަހުގެ 24 ވަނަ ދުވަހު އެވެ.