ޔުއެފާ ޗެމްޕިއަންސް ލީގުގެ ސެމީ ފައިނަލްގެ ދެވަނަ ލެގުގައި މިރޭ ފަހުވަގުތު ދެއްކި ތަފާތު މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑުން 3-1 ގެ ނަތީޖާއަކުން މެންޗެސްޓާ ސިޓީ ބަލިކޮށް އެ މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފިއެވެ.
މިރޭގެ މެޗުން ހޯދީ މޮޅާއެކު ރެއާލުން ދެ މެޗުގެ އެގްރިގޭޓުން ސިޓީގެ މައްޗަށް ކުރިހޯދީ 6-5 އިންނެވެ. ސިޓީގެ ދަނޑުގައި ދެ ޓީމު ބައްދަލުކުރި މެޗުން ރެއާލް ބަލިވީ 4-3 އިންނެވެ. އެ މެޗުގައި ވެސް ސިޓީން ޑޮމިނޭޓްކުރަމުންދަނިކޮށް ރެއާލުން ފަރަގު ކުޑަކުރީ އާދަޔާ ހިލާފު ހިތްވަރު ދައްކައިގެންނެވެ. ހަމައެގޮތަށް ދެވަނަ ލެގުގެ މެޗު ރެއާލުން ކާމިޔާބުކުރީ ވެސް ފަހުވަގުތު އާދަޔާ ހިލާފަށް ހިތްވަރުދައްކައިގެންނެވެ.
މިއާއެކު، މި މަހުގެ 28 ވާ ހޮނިހިރު ދުވަހު ޕެރިހުގައި ކުޅެވޭ ފައިނަލްގައި ރެއާލް ނިކުންނާނީ ލިވަޕޫލާ ދެކޮޅަށެވެ. މިއީ ރެއާލުން އެ މުބާރާތުގައި ފައިނަލްގައި ކުޅޭ 17 ވަނަ ފަހަރެވެ. މި ދެ ޓީމު އެންމެ ފަހުން 2018 ވަނަ އަހަރުގެ ފައިނަލްގައި ކުޅުނު މެޗުން ރެއާލް މޮޅުވީ 3-1 އިންނެވެ.
ސެންޓިއާގޯ ބާނެބެއުގައި މިރޭ ކުޅުނު މެޗުގެ ކުރީކޮޅު ރެއާލްގެ ކެޕްޓަން ކަރީމް ބެންޒެމާ އަށް ލިބުނު ފުރުޞަތުގެ ބޭނުންހިފޭގޮތްނުވިއިރު، އެ ޓީމުގެ ވިނީޝަސް ޖޫނިއާ އަށް ލިބުނު ބޯޅަ ފޮނުވާލުމުން ގޯލާ ސީދާ ނުވެ ދިޔައީ ބޭރަށެވެ. މި މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ލިބުނު ފުރުޞަތުތަކުގެ ބޭނުންނުހިފުމުގެ ނަތީޖާއެއްގެ ގޮތުން މި ހާފު ނިމުނީ ލަނޑެއްނުޖެހި އެއްވަރުވެގެންނެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ސިޓީ އިން ލީޑްނެގީ ރިޔާދް މާރޭޒް ކާމިޔާބުކުރި ގޯލުންނެވެ. މިއީ އެ ޓީމުގެ ޕޯޗުގީޒް މިޑްފީލްޑަރު ބެނާޑޯ ސިލްވާ ދިން ބޯޅައަކުން މާރޭޒް ކާމިޔާބުކުރި ރީތި ގޯލެކެވެ. ސިޓީގެ ލީޑް ފުޅާކޮށްދޭން ފަހު ހާފުގައި ކުޅެން ނިކުތް ޖެކް ގްރީލިޝް އަށް ރަނގަޅު ދެ ފުރުޞަތެއްލިބި ވަނީ ބޭކާރުވެފައެވެ. އޭނާ ފޮނުވާލި ފުރަތަމަ ބޯޅަ ރެއާލްގެ ޑިފެންޑަރު ފާލަންޑް މެންޑީ ގޯލްގެ ރޮނގުމަތީން ސަލާމަތްކުރިއިރު، އޭރިޔާތެރެއިން ފޮނުވާލި ބޯޅަ ރެއާލްގެ ކީޕަރު ތިބައުޓް ކޯޓުއާ ވަނީ ފައިން މަތަކޮށްފައެވެ. އަދި އޭގެކުރީން، ސިޓީގެ ޔާއޯ ކަންސޭލޯ އޭރިޔާބޭރުން ފޮނުވާލި ބޯޅައިގެ ހުރަހަކަށްވީ ވެސް ކޯޓުއާ އެވެ.
މި ނަތީޖާގައި އޮވެ، މެޗު ނިމެން ދަނިކޮށް ރޮޑްރީގޯ ވަނީ ރެއާލަށް ފުލުފުލުގައި ދެ ލަނޑުޖަހައިދީ ފައިނަލުގެ އުއްމީދު އާކޮށްދީފައެވެ. މެޗުގެ 90 ވަނަ މިނެޓުގައި ރެއާލުން އެއްވަރުކުރި ލަނޑު، ރޮޑްރީގޯ ޖެހީ ބެންޒެމާ ދިން ބޯޅައަކުންނެވެ. އަދި އޭގެ މިނެޓެއްފަހުން، މެޗުގެ އިތުރުވަގުތުގައި ޑެނީ ކާވަހާލް ނެގި ހުރަހަކުން ލިބުނު ބޯޅައެއް ބޮލުން ފޮނުވާލައިގެން ރޮޑްރީގޯ ވަނީ ދެ މެޗުގެ އެގްރިގޭޓުން 5-5 އިން ރެއާލަށް އެއްވަރުކޮށްދީފައެވެ.
އޭގެފަހުން، ރޮޑްރީގޯ އަށް ހެޓްރިކް ފުރިހަމަކުރަން ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ސިޓީގެ ކީޕަރު އެޑަސަން މޮރައެސް މަތަކުރިއިރު، ސިޓީގެ ފިލް ފޯޑެން އަށް ހުހެއްހުރެ ފޮނުވާލަން ލިބުނު ބޯޅަ ގޯލަށް އަމާޒުވާގޮތެއްނުވިއެވެ.
މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު ދެ ޓީމު 5-5 ގެ އެގްރިގޭޓުން އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހުނީ 15 މިނެޓުގެ އިތުރުވަގުތުގެ ދެ ހާފު ކުޅޭށެވެ. އިތުރުވަގުތުގެ ފުރަތަމަ ހާފުގެ ފަސްވަނަ މިނެޓުގައި ރެއާލުން ވަނީ އިތުރު ގޯލެއްޖަހައި، ނަތީޖާ 3-1 އަށް ބަދަލުކޮށްލާފައެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން ރެއާލްގެ ބެންޒެމާ އަށް ސިޓީގެ ރުބެން ޑިއާސް ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއަކުން ބެންޒެމާ ކާމިޔާބުކުރި ގޯލެކެވެ. މިއީ މިފަހަރުގެ ސީޒަނުގައި އޭނާ ޖެހި 43 ވަނަ ލަނޑެވެ. މި ގޯލާއެކު ރެއާލުން ވަނީ ދެ މެޗުގެ އެގްރިގޭޓުން 6-5 އިން ކުރިހޯދާފައެވެ.
ސިޓީން ގޯލެއްޖެހޭތޯ ކުރި މަސައްކަތްތަކުގެ ތެރެއިން އެންމެ ރަނގަޅު ފުރުޞަތެއްލިބުނީ އެ ޓީމުގެ ކެޕްޓަން ފެނާންޑީނިއޯ އަށެވެ. އިތުރުވަގުތުގެ ފުރަތަމަ ހާފު ނިމެން ދަނިކޮށް ފޯޑެން ބޮލުން ފޮނުވާލި ބޯޅައެއް ކޯޓުއާ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ފެނާންޑީނިއޯ އަށް ލިބުމުން ފަޔަށް ރަނގަޅަށް އަރާގޮތެއްނުވިއެވެ.
