ބަނޑުގާ އަޅާ ގަދަ ރިހުމަކާއި އެކު މާބަނޑު އަންހެނުން، އެމީހުން ވިހެއުމުގެ މަރުހަލާ ގުނަން ފަށައެވެ. ފޫޅުމައިންނާ ޑަކްޓަރުންނާއި ނަރުހުންގެ އެހީތެރިކަމާއެކު ވިހައެވެ. އަނެއްބަޔަކު ނުވިހިގެން ނުވަތަ ނުވިހައިގެން، ބަނޑު ފަޅަން ޖެހެއެވެ. ސިޒޭރިއަން ހަދަން ޖެހެއެވެ. އާންމު އުސޫލަކީ ވިހެއުމެވެ. ނުވަމަހުގެ ބުރައަަށްފަހު، ވިހެއުމުގެ ގަދަ ވޭނަކީ ހަގީގަތުގައި ގަލަމަކުން ދުލަކުން ބަޔާން ކުރެވޭނޭ ވަރުގެ ވޭނެއް ނޫނެވެ. އެއަށްވުރެ އެ ވޭނުގެ އަސަރު މާ ބޮޑެވެ. ކުއްޖާ ވިހެއުމާއި އެކު، މައިމީހާގެ ރަހިމުގައިވާ ވާމަސް، ބޭރުވާން ޖެހޭނެއެވެ. މިހާލަތަށް މަސްތުރަވުމޭ ކިޔައެވެ. މި ލިޔުމުގައި މި ބަލާލަނީ މަސްތުރަވުމާއި މަސްތުރަ ނުވުމުގެ މައްޗަށް، ބައެއް އުސްއަލިތަކަށެވެ.

ކުއްޖާ ވިހެއުމަށް ފަހުގައިވެސް މައިމީހާގެ ބަނޑުގައި ރިހުމެއް ހުންނާނެއެވެ. މިއީ އެކަމަކު، ވިހެއުމަށް އެޅި ވޭނަށްވުރެ، ކުޑަ ވޭނެކެވެ. މި ވޭން އަޅަނީ ބަނޑާއި ރަހިމުގެ މަސްތަކަށް އަންނަ ބާރެއްގެ ސަބަބުންނެވެ. މި ބާރުތަކުގެ ސަބަބުން މައި މީހާގެ ރަހިމުގައި ވާ ވާމަސް ބޭރުވާނެއެވެ. އާންމު ގޮތެއްގައި މަސްތުރަ ވުމަށް، ކުއްޖާ ވިހެއުމަށްފަހު 5 މިނެޓާއި 30 މިނެޓު ހޭދަވެދެއެވެ.

ވާމަހަކީ ކޮބާ؟ ވާމަހަކީ މައިމީހާގެ ހަރިމުގައި ކުއްޖާ އަށަގަންނައިރު، ކުއްޖާގެ ފޫޅާއި މައިމީހާގެ ރަހިމާއި ގުޅުވައިދޭ މަހެކެވެ. ކުއްޖާ ވިހެއުމާއި އެކު، ކުއްޖާގެ ފޫޅާއި މި ވާމަހާއި ގުޅިފައިވާ ފަށް (ފޫޅު) ބުރިކޮށްލެވެއެވެ. ނަމަވެސް މި ފޫޅުގައި ހިއްސު ދެނެގަންނަ އެއްވެސް ނާރެއް ނެތުމުގެ ސަބަބުން މައިމީހާއަކަށްވެސް އަދި ތުއްތު ކުއްޖާއަށްވެސް ތަދުގެ އެއްވެސް އިހުސާސެއް ނުކުރެވޭނެއެވެ. ވާމަހަކީ ކުއްޖާ އަށަގަތުމުގައި ރަހިމުގައި އުފެދޭ ބައެކެވެ. މިއީ ކުއްޖާ އުފަންވުމާއި އެކު އޭގެ ބޭނުން ކެނޑޭ ބައެކެވެ. އެހެންކަމުން، ވިހެއުމަށްފަހުގައި މި މަސް ބޭރުވާން ޖެހޭނެއެވެ. މަސްތުރަވާން ޖެހޭނެއެވެ.

މަސްތުރަ ނުވުމަކީ އިހުގައި ދިވެހިންގެ ތެރޭގައި ވަރަށް އާންމު ކަމެކޭ ބުނެވިދާނެއެވެ. މަސްތުރަ ނުވުމުގެ ސަބަބުން ދުނިގެ ދޫކޮށްފައިވަނީ ކިތަށް އަންހެނުން ހެއްޔެވެ. ވިހެއުމަށްފަހު އެ އަންނަ ރިހުންވަރުގައި އާންމުގޮތެއްގައި މަސްތުރަވެއެވެ. ބައެއް ފަހަރަށް މަސްތުރަ ކުރުމަށްޓަކައި ބަނޑު ހާނަން ވެސް ޖެހެއެވެ. މަސްތުރަނުވުމޭ ބުނެވެނީ މައިމީހާގެ ރަހިމުން ވާމަސް ބޭރުނުވެ، 30 މިނެޓާއި 60 މިނެޓަށްވުރެ ގިނައިރު ވުމުންނެވެ. މިކަމުގެ ސަބަބުތަކުގެ ތެރޭގައި ރަހިމުގެ ދޮރު އަވަހަށް ލެއްޕުމާއި ނުވަތަ ރަހިމުގެ ދޮރުގެ ޖާގަ ކުޑަވެފައިވުމެވެ. ބައެއް ފަހަރަށް ވާމަސް، ރަހިމުގެ ފާރުގައި މާ ގަދަޔަށް ހިފާފައި ހުރުމުންވެސް މަސްތުރަނުވެ ހުރެދާނެއެވެ. އަދި ވިހެއުމުގެ ތެރޭގައި ވާމަހުގެ އެއްބައި ހަލާކުވެގެން ނުކުމެ، އަނެއްބައި އެތެރޭގައި ވާ ހާލަތްތަކުގައިވެސް މަސްތުރަވާން އުނދަގޫވެދެއެވެ.

މަސްތުރަނުވެ ހުންނަ ކަމުގައި ވަނީނަމަ، ނުވަތަ މަސްތުރަ ނުވާނަމަ އެއީ އޭގެ ސަބަބުން ފުރާނައަށް ނުރައްކާވެދާނެ ކަމެކެވެ. ރަހިމުގެ ތެރެއަށް ހިފެހެއްޓުމެއްނެތި ގިނަ އަދަދަކަށް ލޭ ބޭރުވެދާނެއެވެ. އަދި ރަހިމު ތެރޭގައި ނުބައި ނުރައްކާތެރި އިންފެކްޝަންތަކެއް އުފެދުމުގެ ފުރުސަތުވެސް ބޮޑުވެއެވެ. ހުއްޓުމެއް ނެތި ލޭއައުމުން، ލޭ މަދުވެ، މީހާގެ ފުރާނައަށް ނުރައްކާވެދެއެވެ. އިންފެކްޝަނުގެ ސަބަބުންވެސް ސެޕްޓިކް ޝޮކް އޭ ކިޔާ ހާލަތަކަށް އަންހެނާ ދެއެވެ.

ޒަމާނާއި ފަންނުވެރިކަމުން މިއަދު މަސްތުރަނުވެ އުޅެން ޖެހުމަކީ ވަރަށްވެސް މަދުން ނޫނީ ނުވާ ކަމެކެވެ. އަދި އެފަދަ ހާލަތްތަކުގައިވެސް، ޒަމާނި ވަސީލަތްތަކާއި ބޭހުގެ އެހީގައި މަސްތުރަވާނޭ ގޮތް ޑަކްޓަރުން ވަނީ ހޯދާފައެވެ. ބޭސް ބޭނުން ކޮށްގެންވެސް މަސްތުރަނުވާނަ ޒަމާނީ ވަސީލަތްތަކާއި ޑަކްޓަރުންގެ ފަންނީ ހުނަރު ބޭނުން ކޮށްގެން އެކަން ވޭތޯ ބަލައެވެ. އެވަރުންވެސް ކާމިޔާބު ނުވާނަމަ އޮޕަރޭޝަން ކޮށްގެންވެސް މިޒަމާނުގައި މަސްތުރަކުރުވައެވެ.

ކަންއޮތީ މިހެންކަމުން މަސްތުރަނުވުމާއި އެކަމުގެ ބިރުވެރިކަން އިހުޒަމާނާއި އަޅާބަލާއިރު މިއަދު ވަރަށްވެސް ކުޑައޭ ނުވަތަ އެއްގޮތަކަށްވެސް ނެތޭ ދެންނެވިދާނެއެވެ.