މިދިޔަ ޖޫން މަހުގެ 8 ވަނަ ދުވަހުގެ ރޭ އިމާރާތެއްގެ މަތިން ވެއްޓިގެން މަރުވި ކަމަށްބުނާ ދިޝާ ސާލިއާންގެ މަރަކީ އަމިއްލައަށް ނުވަތަ އެކްސިޑެންޓެއްގެ ސަބަބުން ހިނގި ކަމެއް ނޫން ކަމަށް ދޭހަވާ ވަރަށް ގިނަ ހެކިތައް ހުރުމުން މިހާރު މި މައްސަލަ އަންނަނީ އަލުން ތަހުގީގު ކުރަމުންނެވެ. ދިޝާ އަމިއްލައަށް މަރުވިކަމަށް މުމްބައި ފުލުހުން ބުނެ ޕޯސްޓް މޯޓަމް ރިޕޯޓުން ވެސް އެހެން ދެއްކުމުން އެމައްސަލަ ކުރިން ވަނީ ނިމިފައެވެ. ނަމަވެސް އަލުން މައްސަލަ ބަލަން ފެށީ ސުޝާންތު ސިންގުގެ މަރާ ދިޝާ ސާލިއާންގެ މަރާ ގުޅުން ހުރި ކަމަށް ބެލެވިގެންނެވެ.

އެމްބިއުލެންސް ޑްރައިވަރު ރިޕަބްލިކް މީޑިޔާ އާ ވާހަކަ ދައްކަމުން ބުނީ 8 ވަނަ ދުވަހުގެ ރޭ 1.45 ހާ އިރު މުމްބައި ފުލުހުންގެ ފަރާތުން ގުޅާފައި މީހަކު އަމިއްލައަށް މަރުވެގެން އުޅޭ ކަމުގެ ޚަބަރު ދިނެވެ. އަދި އޭނާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންދިއުމަށް މަލާޑް އޭރިޔާ އަށް އައިސްދިނުމަށް އެދުނެވެ. ފޯނު ކޯލު ލިބުނުތާ 15-10 ވަރަކަށް މިނިޓް ތެރޭގައި ފުލުހުން ބުނި ހިސާބަށް ދިޔަ ކަމަށް ޑްރައިވަރު ކިޔާދިނެވެ. ނަމަވެސް އޭނާ އެހިސާބަށް ދިޔަ އިރު އަމިއްލަ މީހެއްގެ ކާރުގައި ދިޝާގެ ހަށިގަނޑު ހޮސްޕިޓަލަށް ގެންގޮސްފިކަމަށް އެތަނަށް އެއްވެފައިވާ މީހުންގެ ފަރާތުން މައުލޫމާތު ލިބުނު ކަމަށާ އޭރުވެސް ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން ދިޔަކަމަށް ޑްރައިވަރު ކިޔާދިނެވެ.

ހަމަ އެވަގު އެ ހިސާބުގެ އެހެން މީހަކުވެސް މަރުވެގެން ރިޕޯޓްކޮށްފައިވުމުން ޑްރައިވަރު އަވަސްވެގަތީ އެމީހާގެ ހަށިގަނޑު ބަލާ ދިއުމަށެވެ. އެމްބިއުލެންސްގައި އެމީހާގެ ހަށިގަނޑު ޝަތާބުދީ ހޮސްޕިޓަލަށް ގެންދިޔަ އިރު ދިޝާގެ ހަށިގަނޑުވެސް ވަނީ އެ ހޮސްޕިޓަލަށް ގެނެވިފައެވެ. އަދި ކާރުން ނެރެގެން ސްޓްރެޗަރ އަށް ލައިގެން އެތެރެއަށް ގެންދިޔަ އިރު ޑޮކްޓަރުން ޗެކް ކުރުމަށްފަހު ދިޝާގެ ވިންދު ނެތް ކަމާ އޭނާ މަރުވެފައިވާ ކަން ކައިރީގައި ތިބި މީހުނަށް އެންގި ކަމަށްވެސް ޑްރައިވަރު ބުންޏެވެ. އިތުރަށް ޑްރައިވަރު ކިޔާދިން ގޮތުގައި ދިޝާގެ ހަށިގަނޑުގެ އެކި ހިސާބުގައި ގިނަ ޒަޚަމް ހުރި ކަމަށާ ދަތްދޮޅީގައި ވެސް ދޮޅު އިންޗިވަރުގެ ތަނެއް ކަންޑައިގެން ގޮސްފައި ހުއްޓެވެ. ދަތްތައް ބިންދައިގެން ގޮސްފައި ހުރުމުގެ އިތުރުން އަނގައާއި ނޭފަތާއި ލޮލުންވެސް ލޭ އަންނަމުން ދިޔަ މަންޒަރު ދުށް ކަމަށް އޭނާ ކިޔާދިނެވެ. އަދި އެއް އަތް އެނބުރިފައި އޮތެވެ.

އަމިއްލަ އަށް މަރުވި ގިނަ ބައެއްގެ ހަށިގަނޑު ހޮސްޕިޓަލަށް އުފުލާފައިވާނެ ކަމަށާ، ފެންނަ ފެނުމަށް މިއީ އަމިއްލަ އަށް ވީ މަރެއްކަމަށް އޭނާ އަށް ގަބޫލު ކުރެވޭ ކަމަށް ޑްރައިވަރު ކިޔާދިނެވެ.