ކޮންމެ އަހަރެއްގެ މޭ މަސް، ހާއްސަވެގެންވަނީ ނަރުހުންގެ މަހެއްގެ ގޮތުގައެވެ. މިގޮތުން މޭ މަހުގެ 12 ވަނަ ދުވަހަކީ ބައިނަލްއަޤްވާމީ ނަރުހުންގެ ދުވަހެވެ. ނަރުހުންގެ ދުވަހާއި ގުޅިގެން ކުރެވޭ ޕޯސްޓް ތަކާއި ފާޅުކުރެވޭ ޝުއޫރުތައް ފާޅުކުރަމުން ދާއިރު، އަހަރެމެން ހަނދާނުގައި ބަހައްޓަންޖެހޭ ބައެއް ކަންކަން އެބަހުއްޓެވެ. އަބަދުވެސް މި ފެންނަނީ ބޮޑެތި ތަންތަނުގައި މަސައްކަތް ކުރާ، ބޮޑެތި މަގާމުތަކުގައި ތިބޭ ނަރުހުންގެ އަގު ވަޒަން ކުރެވޭ ތަނެވެ. ޒިކުރާއެއް އައު ކުރެވުނަސް ކުރެވެނީ އެފަދަ ކޮންމެވެސް "ބޮޑު" ނަރުހެއްގެ ޒިކުރާއެކެވެ.

މި ލިޔުން ހާއްސަކޮށްލަނީ ދުނިޔޭގައި މާ ބޮޑު މަގާމެއް އަދާ ނުކުރި ނަމަވެސް، އެ ނަރުހެއްގެ ހިތުގައި ދީނަށާއި މަސައްކަތަށާއި ގައުމަށް ބޮޑު ގަދަރެއް ދެވިފައިވާ ނަރުހެއްގެ ވާހަކައެވެ. މިއީ އަލް މަރްޙޫމާ ރައުޒާން އަޝްރަފް ޢަބްދުލް ޤާދިރް އަލް ނައްޖާރް ގެ ވާހަކައެވެ. މިއީ ފަލަސްޠީނުގެ ހިތުގައި އެ ނަރުހަކަށް ހާއްސަ ލޯތްބެއް އަދި ގަދަރެއް ދެވިފައިވާ ނަރުހެކެވެ. އަދި ކިއެއް، އަހަރެމެން މުސްލިމުންވެސް އެ ނަރުހަކާއި މެދު ފަހުރުވެރިވުން ހައްގު ނަރުހެކެވެ.

ފަލަސްޠީނުގެ ޣައްޒާގެ ދެކުނުގައި އޮންނަ ޙާން ޔޫނިސްގެ ޚުޒާއަތު އަވަށަށް އުފަން ރައުޒާން އަކީ މިއަދު އެ ޤައުމުގެ ބަޠަލެކެވެ. 1996 ވަނަ އަހަރުގެ ސެޕްޓެންބަރ 13 ވީ ދުވަހު ދުނިޔެއަށް އުފަންވި ރައުޒާން އަކީ އެ އާއިލާގެ ހަކުދިންގެ ތެރެއިން އެންމެ ދޮށީ ކުއްޖާއެވެ. އިސްރާއިލަށް ދަގަނޑު ވިއްކުމުގައި އުޅުނު ރައުޒާންގެ ބައްޕަގެ އެ ވިޔަފާރި އިސްރާއީލުގެ ސިފައިން ހުއްޓުވުމާއި އެކު ފަލަސްޠީނުގައި ސައިކަލު މަރާމާތު ކުރާ ގަރާޖުގަނޑެއް ހުޅުވައި އެތަނުގައި މަސައްކަތް ކުރިއެވެ. އެތަނުން ލިބުނު އާމްދަނީއަކާއި ކުރިން ރައްކާކޮށްފައި ހުރި އެއްޗަކުން ރައުޒާންގެ އާއިލާއަށް އޭނާގެ ބައްޕަ އަޝްރަފް ނައްޖާރް ދިއައީ ހަރަދު ކުރަމުންނެވެ. އާއިލާގައި މާ ބޮޑު ތަނަވަސްކަމެއް ނެތުމުން ރައުޒާން އަަށް މަތީ ތަޢުލީމުގެ ފުރުސަތެއް ނުލިބުނެވެ. ނަމަވެސް ކުޑައިރުއްސުރެ އިންސާނިއްޔަތަށް ހިދުމަތްކުރުމާއި، ދީނާއި ގައުމަށް ވަފާތެރި ހާދިމަކަށް ވުމުގެ މަތިވެރި އަޒުމުގައި ބޮޑުވަމުން އައި ރައުޒާން އަަށް، ޙާން ޔޫނިސްގައި ހުންނަ ނައްސަރް ހޮސްޕިޓަލުން ފުރުސަތެއް ލިބުނެވެ. އެއީ ޕެރަމެޑިކް ނާސިންގެ ޓްރައިރިން ޕްރޮގްރާމެކެވެ. ރައުޒާން ވަނީ އެ ހޮސްޕިޓަލުގައި ޕެރަމެޑިކް ނަރުހެއްގެ ތަމްރީނުތައް ދެއަހަރުވަންދެން ފުރިހަމަ ކޮށްފައެވެ. އޭގެފަހުން އޭނާ ވަނީ އަމަލީ މައިދާނަށް ނުކުމެފައެވެ.

ރައުޒާންގެ އެންމެ ފުރަތަމަ ވެސް މަސައްކަތަކަށް ވެގެން ދިޔައީ އަނިޔާވެރި އިސްރާއީލުގެ ލާއިންސާނީ އަނިޔާތަކުގެ ޝިކާރައަށް ވަމުން ދިޔަ ފަލަސްޠީނުގެ ރައްޔިތުންނަށް ސިއްހީ އެހީތެރިކަން ފޯރުކޮށްދިނުމެވެ. މުޒާހަރާތަކަށް، އަނިޔާވެފައިވާ މީހުން ބަލާ އެންބިއުލަންސްގަައި ރައުޒާން ގޮސް އުޅުނެވެ. ބާރުގަދަ އަޑުފައްގަނޑު ތެރޭ ގޮވަމުން ދިޔަ ބޮންތަކާއި އެކު ކުދި ކުދިވެފައިވާ އިމާރާތްތަކާއި ދެމެމުން ދިޔަ ލޭގެ ކޯރުތަކުގެ ތެރޭގައި ރައުޒާން މަސައްކަތް ކުރިއެވެ. އެހާލު އިހުސާސް ކުރަން ހުރި ރައުޒާންގެ ބައްޕަ ކޮންމެ ދުވަހަކު ރައުޒާންއަށް ރައްކާތެރިކަން މިންވަރު ކޮށްދެއްވުމަށް އެދި ދުޢާކުރަމުން ގެންފިޔައެވެ. އެނގޭހެއްޔެވެ؟ ރައުޒާން މަސައްކަތް ކުރީ ހިލޭ ސާބަހަށް ދަރުމަވެރިއެއްގެ ގޮތުގައެވެ. އަހަރެމެންގެ ހާލު ދެކިބަލާށެވެ. ރިސްކު އެލަވަންސު މަދުން ލިބުނީތީވެސް އަހަރެމެންނަށް ކުރެވެނީ ހަޅުތާލެވެ. އުފުލެނީ ނުރުހުމުގެ އަޑުތަކެވެ. ހިލޭސާބަހަށް، ދަރުމައެދިގެން، އެފަދަ ނުރައްކާތެރި ތަނެއްގައި، މާހައުލުގެ ރައްކާތެރިކަން ނެތް ތަނެއްގައި، ފުރާނައިގެ ޔަގީންކަން ނެތް މާހައުލެއްގައި ދީނާއި ގައުމުގެ ހައްގުގައި، އަނިޔާވެފައިވާ މީހުންނަށް އެހީތެރިވެދިނުމުގައި އުޅުން އެއީ ކިހާ ބޮޑު ހިދުމަތެއް ތޯއެވެ. މިއަދު ނަރުހުންގެ ދުވަހުގެ މުނާސަބުގައި ނުވަތަ ނަރުހުންގެ މަހުގެ މުނާސަބުގައި އަހަރެމެން ކަންކަން ކުރަމުން ދާއިރު ނަރުހުންގެ މައިދާނުގައި މިފަދަ އަގުބޮޑު ޤުރުބާނީއެއް ވެފައިވާ ނަރުހެއްގެ ޒިކުރާ އައުކުރުން ހައްގެއް ނޫންތޯއެވެ.

އެއީ 2018ވަނަ އަހަރުގެ ޖޫން މަހުގެ ފުރަތަމަ ދުވަހެވެ. ރައުޒާންގެ އުމުރުން އޭރު 21 އަހަރެވެ. ޣައްޒާގެ ބޯޓަރު ކައިރިއެވެ. ދެމިގެންގޮސްފައިވާ ހަމަ ނުޖެހުންތަކުގައި އިސްރާއީލުގެ އަނިޔާވެރިކަން އާދަޔާ ހިލާފަށް ބޮޑު ދުވަހެކެވެ. ބަޑީގެ ހަމަލާތަށް، ފަލަސްޠީނުގެ ރައްޔިތުންގެ ގަޔަށް އަމާޒު ކުރަމުން ދިޔަ ދުވަހެކެވެ. ރިޕޯޓުތަކުން އެނގޭ ގޮތުގައި އެ ދުވަހު 40 މީހުންނަށް ވަނީ ބޮޑެތި އަނިޔާތަކެއް ލިބިފައެވެ. އަދި ގާތްގަނޑަކަށް 9 މީހުން އެދުވަހު ވަނީ އެ އަނިޔާތަކުގައި ނިޔާވެފައެވެ.

އާދައިގެ މަތިން ރައުޒާންވެސް ނުކުތީ ހަމަނުޖެހުން ތަކުގައި އަނިޔާވެފައިވާ ފަލަސްޠީނުގެ ރައްޔިރުންނަށް އަވަސް ފަރުވާ ދިނުމަށެވެ. ޣައްޒާގެ ބޯޑަރު ކައިރީގައި އަނިޔާވެފައިވާ ފަލަސްޠީނުގެ ރައްޔިތެއްގެ ކައިރިއަށް ރައުޒާން ދެއެވެ. އޭރުވެސް އިސްރާއީލުގެ އަނިޔާވެރި ސިފައިން ދިޔައީ ފަލަސްތީނުގެ ރައްޔިތުންނަށް ހަމަލާ ދެމުންނެވެ. އެންބިއުލަންސްއިން ފައިބައިގެން އެ މައިދާނުގައި އަނިޔާވެފައި އޮތް ފަލަސްޠީނުގެ ރައްޔިތެއްގެ ކައިރިއަށް ރައުޒާން ދިޔައިރު އެ ހަށިގަނޑުގެ ހިމާޔަތުގައި ލައިގެން ހުރި ހެދުމާއި އަޅަައިގެން ހުރި ތުނި ހުދުކުލައިގެ ޕެރަމެޑިކް ޖެކެޓެއްނޫން އެއްޗެއް ނެތެވެ. ނަމަވެސް ރައުޒާން އާއި އޭނާގެ ޓީމަށް އެމީހާގެ ކައިރިއަށް ދެވޭ ގޮތެއް ނުވިއެވެ. ކަރުނަ ގޭހާއި ސްޓަންޓު ގުރެނޭޑުގެ ހަމަލާތަކުގެ ސަބަބުންނެވެ. އެ ޓީމުގެ މީހުން ފަސްޖެހެން މަޖުބޫރުވިއެވެ. ނަމަވެސް ރައުޒާން އަދިވެސް ކުރިއަށް ދެވޭތޯ ބެލިއެވެ. އަނިޔާވެފައިވާ މީހެއްކަމާއި ހަމަލާނުދިނުމަށަ ރައުޒާން އޭރުވެސް ގޮވަމުން ދިޔައެވެ. ނަމަވެސް ކުއްލިއަކަށް ފެނުނީ ސްނައިޕަރެއް އެ ޓީމާއި ދިމާލަށް ބަޑި ދިއްކޮށްގެން އިން ތަނެވެ. އެއާއި އެކު ރައުޒާން އަށްވެސް މަޖުބޫރުވީ ފަހަތަށް ޖެހޭށެވެ.

ކޮންމެ އަކަސް މުޒާހަރާގެ ހަމަ ނުޖެހުން ހިމޭންވެލި ވަގުތެވެ. ޕެރަމެޓިކް ޓީމުން އެކީ އެކަށް އަނިޔާވެފައިވާ މީހުންނަށް ފަރުވާކުރުމުގައި އުޅުނެވެ. ޓީމުގެ އެހެން މީހުންނެކޭ އެއްގޮތަށް ރައުޒާންވެސް އުޅުނީ ހަމަ އަނިޔާވެފައިވާ މީހެއްގެ ކައިރީގައެވެ. އެ ވަގުތު އެއްވެސް ހަމަ ނުޖެހުމެއް ނުހިނގައެވެ. ރަބަރު އުންޑައެއްގެ އަޑެއްވެސް ނީވެއެވެ. ކަރުނަ ގޭހުގެ ދުމެއްވެސް ނެތެވެ. އިސްރާއީލު ސިފައިންގެ ހަބަރެއްވެސް ނެތެވެ. ރައުޒާން ދިޔައީ އޭނާގެ ދީނީ އަދި ގައުމީ ވާޖިބު އަދާކުރަމުންނެވެ.

އެއީ ކުއްލިއަކަަށް އައި ހަމަލާއެކެވެ. ސީދާ ރައުޒާން އަށް އަމާޒުކޮށް އައި ހަމަލާއެކެވެ. ހަމަނުޖެހުމުގެ ތެރެއިން ހިމޭންކަން ވެރިވެފައި ވަނިކޮށް އިވުނު ބާރުގަދަ ބަޑިއެއްގެ އަޑެވެ. ސީދާ ސްނައިޕަރެއްގެ ހަމަލާއެކެވެ. އެންމެންގެ ތެރެއިން ސީދާ ރައުޒާން އަށް އަމާޒުކޮށް ދިން ހަމަލާއެކެވެ. ހަމަލާ ރައުޒާންގެ ގަޔަށް އެރުމާއި އެކު ރައުޒާން ވެއްޓުނެވެ. އޭރުވެސް ރައުޒާން ދިޔައީ އަނިޔާވެފައިވާ މީހަކަށް އެހީތެރިވަމުންނެވެ. 

ރައުޒާން ގެ ހަށިގަނޑު ވީ އެންމެ އަވަހަކަށް ހޮސްޕިޓަކަށް ގެންދެވުނެވެ. ނަމަވެސް އެ ހަށިގަނޑުގައި ފުރާނައެއް ނެެތެވެ.

******

މިއީ ރައުޒާންގެ ވާހަކައެވެ. މިއީ އެ ނަރުހެއްގެ ވާހަކަ އަހަރެމެން ދައްކަން ޖެހޭ ނަރުހެއްގެ ވާހަކައެކެވެ. އެ ނަރުހެއްގެ ޒިކުރާ އަހަރެމެން އައު ކުރަން ޖެހޭ ނަރުހެއްގެ ވާހަކައެކެވެ. އެ ނަރުހަކާއި މެދު އަހަރެމެން ފަހުރުވެރިވާން ޖެހޭ ނަރުހެކެވެ. މިއީ އަނެއް "ނައިޓިންގޭލް" އެވެ.

މާތް ﷲ ރައުޒާންގެ ފާފަ ފުއްސަވާ ސުވަރުގޭގެ ދާއިމީ ނިއުމަތް މިންވަރު ކޮށްދެއްވާންދޭވެ! އަދި އެފަދަ ވަރުގަދަ އަޒުމެއް އަހަރެމެންގެ ހިތްތަކުގައިވެސް ސާބިތުކޮށްދެއްވާންދޭވެ!