ޒައިތޫންޏަކީ އެ މޭވާއެއްގެ ވާހަކަ ވަރަށް ގިނައިން އަހަރެމެންނަށް ދެކެވޭ މޭވާއެއް. އަދި ޒައިތޫންޏަކީ މާތް މޭވާއެކޭ ވެސް ބުނެވިދާނެއެވެ. އެހެނީ ކީރިތު ޤުރުއާނުގެ ސޫރަތުއްތީންގެ ފުރަތަމަ އާޔަތުގައި ވައްތީންޏާއި އެކު ޒައިތޫނި ގަންދެއްވާ މާތް ﷲ ވަނީ ބަސް ވަޙީކުރައްވާފައެވެ. އެކަލާންގެ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ. ﴿1﴾ وَالتِّينِ وَالزَّيْتُونِ. މާނައީ: ވައްތީންޏާއި، ޒައިތޫނި ގަންދެއްވަމެވެ. (އައްތީން 1 ވަނަ އާޔަތް).
މި ލިޔުމުގައި މި ބަލާލަނީ ޒައިތޫންޏާއި ބެހޭ ބައެއް މައުލޫމާތުތަކަށެވެ. ޒައިތޫންޏަކީ ޒައިތޫނި ގަހުގައި ނުކުންނަ ކުޑަ މޭވާއެކެވެ. ވައްކޮށް އިންނަ މި މޭވާގެ ބޮޑު މިނަކީ ގާތްގަނޑަކަށް 1.5 ސެންޓިމީޓަރާއި 2 ސެންޓިމީޓަރުގެ ބޮޑުމިނެކެވެ. ޒައިތޫނި ޅަކޮށް ގަހުގައި އިންނައިރު، ޒައިތޫނީގެ ކުލައަކީ ފެހި ކުލައެކެވެ. ނަމަވެސް ޒައިތޫނި ދޮންވުމުން، ގަދަ ދަނބުކުލައެއް ޒާތު ކުލައަކަށް ބަދަލުވެދެއެވެ. މެދުގައި އޮށެއް އޮންނަ، އެ އޮށުގެ ބޭރަށް ފުށްއަރާފައި އިންނަ މި މޭވާއަކީ ޤަދީމީ ޒަމާނުއްސުރެ ކެއުމުގައި ބޭނުން ކުރަމުން އައި މޭވާއެކެވެ. ބުނެވޭ ގޮތުގައި ޒައިތޫނި ގަހުގެ އަސްލު އައިސްފައި ވަނީ ދެކުނު އޭޝިއާ އާއި މެޑިޓްރޭނިއަމް ކަނޑުގެ އައްސޭރީގެ ގައުމުތަކުން.
ޒައިތޫންޏަކީ އޭގެ ޒާތުގައި ހިތި މޭވާއެކެވެ. ނަމަވެސް ލޮނުގެ ތާސީރެއްގައި އެ މޭވާ ބޭއްވުމުން، ޒައިތޫނީގައިވާ ހިތިރަހަ ދޭ ބައި، ގުލޫކޯސައިޑް އޮލިއުރޯޕެއިން، ޒައިތޫނިން ބޭރުވެއެވެ. މިބައި ބޭރުވުމުން ޒައިތޫނީގައި ހުންނަ ހިތިރަހަ މުޅިންހެން ކެނޑި ދެއެވެ.
ޒައިތޫންޏެއްގެ ތާސީރުގައި 20 އިންސައްތަ އަކީ ތެލެވެ. ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ޒައިތޫނި ތެލުގެ ބޭނުން ކުރެވޭ މިންވަރަކީ ވަރަށްވެސް ބޮޑު މިންވަރެކެވެ. އެގޮތުން ބުނެވޭ ގޮތުގައި ކޮންމެ އަހަރަކު ގާތްގަނޑަކަށް 2.25 މިލިއަން ލިޓަރުގެ ޒައިތޫނި ތެޔޮ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ބޭނުން ކުރެވެއެވެ. ކެއުމަށާއި ކެއްކުމުގައި ބޭނުން ކުރާ އެހެން ހުރިހާ ތެލަކަށްވުރެ ޒައިތޫނި ތެލުގައި ފައިދާއެކުލެވޭ މިންވަރު ގިނައެވެ.
ޒައިތޫނި ތެލުގައި ގިނަ އަދަދަކަށް ޕޮލިފެނޯލްސް ނަމަކަށް ކިޔާ މާއްދާއެއް އެކުލެވިގެންވެއެވެ. މިއީ ޤުދުރަތީ އެންޓިއޮކްސިޑަންޓެކެވެ. އަދި ޒައިތޫނި ތެލުގައި ވަނީ ހަށިގަނޑަށް ފައިދާ ކުރަނިވި، މޮނޯސެޗުރޭޓެޑް ފެޓެވެ. އެއާއި އެކު އޮލެއިކް އެސިޓުގެ ތެރޭގައި ހިމެނޭ އޮމެގާ-6 އަދި އޮމެގާ-3 ވެސް ޒައިތޫނި ތެލުގައި ވަނީ މުއްސަނދިވެފައެވެ.
ޒައިތޫނި ތެލަކީ ކެއުމުގެ އިތުރުން ގައިގެ ހަންގަނޑުގައި އުނގުޅަންވެސް ވަރަށް ކަމުދާ ތެލެކެވެ. ހަންގަނޑު ކުރަކި ވުމާއި އަވިން އެނދުމާއި މިފަދަ ކިތަންމެ ކަމަކުން ހަނގަނޑު ރައްކާތެރިކޮށްދެއެވެ. އަދި ޒައިތޫނި ތެޔޮ ލައިގެން ހާނާ ހެދުމުން، މަސްތަކުގެ އެކުލެވުން ބަދަހިވެ މަސްތަކަށް ބާރުޖެހޭ ގޮތްވެއެވެ. އަދި ކަނޑައިގެން ގޮސްފައިވާ ތަންތަނުގައިވެސް ބައެއް ޒަމާންތަކުގައި ޒައިތޫނި ތެޔޮ ބޭނުން ކޮށްފައި ވެއެވެ. ފަރުވާކޮށް، ފަސޭހަ ވެފައި ވެއެވެ.
ތަފާތު އެކި މިނަރަލާއި އެކު ވިޓަމިން އޭ، އީ، ކޭ އަދި ބީ އަކީ ޒައިތޫނީގައި ނިކަން ގިނަ މާއްދާތަކެކެވެ. މިހެންގޮސް ކިތަންމެ މާއްދާއެއް ޒައިތޫނީގެ ތާސީރުން ފެންނަން އެބަހުއްޓެވެ.
ޒަމާނާއި އެކު މިއަދު ދަޅުގައި ބަންދުކުރި ޒައިތޫނި އަހަރެމެންނަަށްވެސް ލިބެން އެބަ ހުއްޓެވެ. އެހެންކަމުން މިއީ ކެއުމުގައި ކޮންމެވެސް މިންވަރަކަށް ހިމަނާލުން ރަނގަޅު މޭވާއެކެވެ. އަދި ކައްކާ ހަދާ އިރުގައިވެސް ޒައިތޫނި ތެލަކީ ބޭނުން ކުރުން ބުއްދިވެރި ތެލެކެވެ.
