މިސްކިތްތަކަކީ ހުރުމަތްތެރިވެގެންވާ ތަންތަނެވެ. އެއީ މި ބިމުގައިވާ ﷲ ގެ ގެކޮޅެވެ. މިސްކިތްތަކާއި އެތަންތަނުގެ މާތްކަމުގެ ވާހަކަ ދައްކާއިރު، މިސްކިތްތަކާއި ގުޅިގެން ދައްކަންް ބޭނުން ކިތަންމެ ވާހަކައެއް އަޑު އިވެއެވެ. އެގޮތުން މިސްކިތްތަކުގައި މަސްތުވުމާއި، މިސްކިތްތަކުން ވައްކަން ކުރުމާއި މިސްކިތައް އަރާ މީހުންގެ މުދާ ފޭރުން ކަހަލަ ވިޔާނުދާ ކިތަންމެ ކަމެކެވެ. ސައްތައިންސައްތަ އިސްލާމީ ގައުމެއް ކަމަށް ވަކާލާތު ކުރަމުންދާ މި ރާއްޖޭގެ ހާލަތަކީވެސް މިއީ ކަމުގައި މިއަދު ބުނެވިދާނެއެވެ. މިސްކިތްތަކުން ފައިވާން ގެއްލޭ ޝަކުވާ އަކީ ރާއްޖޭގައި، ހާއްސަކޮށް މާލޭގައިވެސް ވަރަށް އާންމު ޝަކުވާއެކެވެ.

އާދޭހެވެ! މިސްކިތްތަކަށް އަހަރެމެން ގޮސް އައިސްވެ އުޅެނީ އަޅުކަން ކުރުމަށެވެ. ނަމާދު ގާއިމް ކުރުމަށެވެ. މިސްކިތްތަކަށް ނަމާދަށް ދަނީ ކޮންމެ މީހަކުވެސް އެމީހަކު އަރަންގެންގުޅޭ ފައިވާނުގައެވެ. ނުވަތަ ބޫޓުގައެވެ. ކޮންމެ މިސްކިތެއްގައިވެސް، ފައިވާން ބަހައްޓާ ހަރެއް ހުރެއެވެ. އެއްބަޔަކު އެ ހަރުގައި ފައިވާން ޖަހާއިރު އަނެއްބަޔަކު ބިންމަތީގައި ބަހައްޓައެވެ. ނަމާދަށް މިސްކިތައް އަރާ މީހާ، އޭނާގެ ފައިވާނާއިމެދު މާ ބޮޑު ސަމާލުކަމެއް ނުބަހައްޓާނެއެވެ. އެއީ އިންސާނީ ޠަބީއަތެކެވެ. ނަމަވެސް ހިތާމައަކީ މިކަމުގެ ނާޖާއިޒް ފައިދާ ބަޔަކު ނަގަމުން ދާކަމެވެ.

މިސްކިތްދޮށުގައި ފައިވާން ބަހައްޓާފައި ނަމާދަށް އަރާ، ނަމާދުކޮށްގެން ފައިބާ އިރު ފައިވާނެއް ނުހުރެއެވެ. ފަހަރުގައި ފައިވާން ބެހެއްޓުނުތަން ހަނދާން ނެތުނީ ކަމުގައިވެސް ވެދާނެއެވެ. ފަހަރުގައި އެހެން މީހަކަށް އޮޅިގެން އެ ފައިވާނަށް އަރައިގެން ދެވުނީ ކަމުގައި ވެދާނެއެވެ. ނުވަތަ ކުދިބަޔަކު ކޮށްލި ސަމާސާ އަކަށްވެސް ވެދާނެއެވެ. ނަމަވެސް ހިތާމައިގެ މައްޗަށް ހިތާމަކުރަން ޖެހެނީ މިސްކިތްތައް ދޮށުގައި، އެންމެން ފައިވާން ބަހައްޓާފައި މިސްކިތަައް އަރާ ވަގުތު، އެ ފައިވާން ތަކުގެ ތެރެއިން އެންމެ އާ، އެންމެ ރީތި ފައިވާން ބަޔަކު މީހުން ގަސްތުގައި ވަގަށް ނަގާތީއެވެ. އަދި އެވަރުން އެބައިމީހުން ފުއްދާލަނީއެއް ނޫނެވެ. ވަގަށް ނެގި ފައިވާން "ކަޅުބާޒާރުގައި" ވިއްކާވެސް ލަނީއެވެ. އެ ލިބޭ ލާރިން، އެމީހުން ހިތްހަމަޖެހޭ ކޮންމެވެސް "ސަކަރާތެއް" ޖަހައެވެ. މިއީ އިސްލާމީ ތަރުބަވީ ގޮވަތިތަކުން ބޮޑުވަމުން އަންނަ ޖީލެއްގެ އުޅުން ހުންނަން ވީ ގޮތް ހެއްޔެވެ.

އެނގިހުރެ މިސްކިތްދޮށުގައި ހުންނަ އެހެން މީހެއްގެ ތަކެތި، ކުޑަ އަދި ފައިވާން ފަދަ ތަކެތި، އެމީހުންގެ ހުއްދައާއި ނުލާ ނަގައިގެން ގެންދިއުމަކީ ވައްކަމެކެވެ. އެއީ މިސްކިތުން ކުރެވޭ ބޮޑު ވައްކަމެކެވެ. ހިތާމައަކީ އަހަރެމެންގެ އީމާން ތެރިކަން ނެތް ކަމެވެ. ނުވަތަ ކުޑަކަމެވެ. މިސްކިތަށް އަރާ ނަމާދުކޮށްގެން ފައިބަމުން މި ދަނީ މިސްކިތުން ވައްކަން ކޮށްގެންނެވެ. އެ ކުރި ނަމާދުން ބިރުވެތިކަމެއް ހިތުގައި ނެތީހެއްޔެވެ؟ އާދޭހެވެ! މިހެން ދަންނަވާއިރު، ގަސްތުން ބޭރުގައި ނުވަތަ އޮޅުމެއްގެ ތެރެއިން ތިބާގެ ފައިވާން ނޫން އެހެން ފައިވާނަކަށް އެރިގެން ދެވޭ މީހާއަކީ ވަގެކޭ ނުދަންނަވަމެވެ. ނަމަވެސް ގަސްތުގައި އެކަން ކުރާ މީހާ އެ ކުރަނީ ވައްކަމެކެވެ. އަދި އެ އަރައިގަންނަނީ މީހެއްގެ ހައްގަކަށެވެ. އެއީ އެމީހަކު މާފު ކޮށްފުމަށް ދާންދެން މާފުކުރެވުމެއް ނުވާ ފާފައެކެވެ. ތައުބާވިޔަސް މެއެވެ.

ކަންއޮތީ މިހެންކަމުން، ގަސްތުގައި މިކަންކަން ކުރާ ފަރާތްތަކުން ބިރުވެތިވާން ޖެހޭނެއެވެ. މިއަދު ވަގަށް ނެގި ފައިވާނަށް އަރައިގެން، ނުވަތަ ވިއްކާލައިގެން ލިބުނު ފައިސާގައި އަރާމުގައި އުޅެވިދާނެއެވެ. ނަމަވެސް އެދުވަހުން ކުރެވޭނޭ ހަމަ އެއްކަމެއްވެސް ނޯންނާނެކަން ހަނދާން ކުރަންވާނެއެވެ. މިސްކިތްތަކުން ފައިވާން އޮޅުމާއި، ގެއްލުމާއި، ވަގަށްނެގުމަކީ އަހަރެމެންގެ ދިރިއުޅުމުގެ ވައްޓަފާޅީގައި މިއަދު ތަކުރާރުވަމުން ހިނގާ ދެރަވަރު ކަމެކެވެ.