އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ އަމިއްލަ ދަނޑުގައި ޓޮޓެންހަމް ހޮޓްސްޕާއާ 1-1 އިން އެއްވަރުވެ، ލީގު ރޭހުގައި ލިވަޕޫލަށް ހުރަސްތަކެއް ކުރިމަތިވެއްޖެ އެވެ.
ރޭގެ ނަތީޖާއާއެކު ލިވަޕޫލުން ވަނީ ވަގުތީގޮތުން ލީގުގެ އެއްވަނަ އަށް ޖެހިލާފައެވެ. އެ ޓީމަށް ކުޅުނު 35 މެޗުން 83 ޕޮއިންޓް ލިބިފައިވާއިރު، އެއް މެޗު މަދުން ކުޅެފައިވާ މެންޗެސްޓާ ސިޓީ އަށް ވެސް މިއަދަދަށް ޕޮއިންޓް ލިބިފައިވެއެވެ. ލިވަޕޫލަށް ކުރިލިބެނީ ފައިދާ ގޯލްގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 35 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް އޮތީ 34 މެޗުން ލިބުނު 63 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
އެންފީލްޑްގައި ރޭ ލިވަޕޫލާ ދެކޮޅަށް ޓޮޓެންހަމުން ވަނީ ރަނގަޅު ކުޅުމެއް ދައްކާފައެވެ. މި މެޗު ފެށިގެން ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑުޖަހާނެ ރަނގަޅު ފުރުޞަތުތަކެއްލިބި ވަނީ ބޭކާރުވެފައެވެ. އެގޮތުން، ލިވަޕޫލްގެ ޑިފެންޑަރު ވާޖިލް ވެން ޑައިކް ބޮލުން ފޮނުވާލި ބޯޅައެއް ގޯލްގެ ހުރަސްދަނޑީގައި ޖެހިފައި ބޭރަށްދިޔައިރު، އޭގެކުރީން ޓޮޓެންހަމްގެ ޕިއޭ-އެމީލް ހޮއިބިއޭ ފޮނުވާލި ބޯޅަ އަމާޒުވީ ގޯލްގެ އަރިމަތީ ދަނޑިއަށެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިގެން 11 ވަރަކަށް މިނެޓުގެ ތެރޭގައި ދެކުނު ކޮރެއާގެ ފޯވާޑް ސޮން ހެއުން-މިން ވަނީ ޓޮޓެންހަމަށް ލީޑްނަގައިދީފައެވެ. މިއީ އެ ޓީމުގެ ވިންބެކް ރަޔާން ސެސެންޔޯން ހުސްކޮށްލާފައި ދިން ބޯޅައަކުން ސޮން ކާމިޔާބުކުރި ގޯލެކެވެ. މިއީ ލީގުގައި އޭނާ ޖެހި 20 ވަނަ ލަނޑެވެ.
ނަތީޖާ ހަމަހަމަކުރަން ލިވަޕޫލުން ކުރި މަސައްކަތްތައް ކާމިޔާބުވާގޮތްވީ މެޗު ނިމެން 16 މިނެޓަށްވެފައިވަނިކޮށް އެ ޓީމުގެ ކޮލަމްބިއާ ވިންގާ ލުއިސް ޑިއާޒް ވައްދާލި ލަނޑުންނެވެ. ލިވަޕޫލްގެ ސްޕެއިން މިޑްފީލްޑަރު ތިއާގޯ އަލްކަންތާރާ ދިން ބޯޅައަކުން ޑިއާޒް ފޮނުވާލި ބޯޅަ ގޯލަށް ވަނީ ޓޮޓެންހަމްގެ ކުޅުންތެރިއަކު ގައިގަ ޖެހިފައެވެ.
ލީގުގައި ރޭ ބްރައިޓަންގެ ދަނޑުގައި ކުޅުނު މެޗުގައި އެ ޓީމުން ވަނީ މެންޗެސްޓާ ޔުނައިޓެޑް ކޮޅަށް ހަތަރު ލަނޑުޖަހާފައެވެ. މީގެތެރެއިން، ތިން ލަނޑުޖެހީ ދެވަނަ ހާފުގައެވެ. މި މެޗުގެ ފުރަތަމަ ހާފުގެ 15 ވަނަ މިނެޓުގައި އެ ޓީމަށް ލީޑްނަގައިދިނީ މޮއިސެސް ކައިސޭޑޯ އެވެ. ދެވަނަ ހާފުގެ ކުޅުން ފެށިގެން ހަތަރުވަނަ މިނެޓުގައި ބްރައިޓަންގެ ދެވަނަ ލަނޑުޖަހައިދިނީ މާކް ކުކުރޭލާ އެވެ. އަދި މެޗުގެ 57 ވަނަ މިނެޓުގައި އެ ޓީމުގެ ތިންވަނަ ލަނޑު، ޕަސްކާލް ގްރޮސް ކާމިޔާބުކޮށްދިންއިރު އޭގެ ތިން މިނެޓުފަހުން ބްރައިޓަންގެ ހަތަރުވަނަ ލަނޑުޖެހީ ލެއަންޑްރޯ ޓްރޮސާޑް އެވެ.
މި މުބާރާތުގައި ރޭ ޗެލްސީގެ އައު ވެރިންގެ ކުރިމަތީގައި ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މެޗުން ވަނީ ވުލްވްސްއާ 2-2 އިން އެއްވަރުވެފައެވެ. މި މެޗުގެ ދެވަނަ ހާފުގެ ތިން މިނެޓުގެ ތެރޭގައި ޗެލްސީން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. މެޗުގެ 56 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން ރޮމެލޫ ލުކާކޫ ލީޑްނަގައިދިންއިރު، އޭގެ ތިން މިނެޓުފަހުން ލުކާކޫގެ ދެވަނަ ލަނޑުޖެހީ އެމެރިކާގެ ފޯވާޑް ކްރިސްޓިއަން ޕުލިސިޗް ދިން ޕާހަކުންނެވެ.
މެޗު ނިމެން 11 މިނެޓަށްވެފައިވަނިކޮށް ވުލްވްސް އަށް ފަރަގުކުޑަކޮށްދިނީ ފްރާންސިސްކޯ ޓްރިންކާއޯ އެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގައި އެ ޓީމުގެ ކެޕްޓަން ކޮނާ ކޯޑީ ވަނީ ނަތީޖާ 2-2 އަށް ބަދަލުކޮށްލާފައެވެ. ވުލްވްސްގެ މި ދެ ލަނޑުޖެހުމަށް އެހީތެރިވެދިނީ ވެސް ފަހު ހާފުގައިި ކުޅެން ނިކުތް ތޯމަސް އޮލިވޭރާ (ޗިކީނިއޯ) އެވެ.
އެސްޓަން ވިލާ އިން ރަށުން ބޭރުގައި ބާންލީ އަތުން 3-1 އިން މޮޅުވިއިރު، ބްރެންޓްފޯޑުން ވަނީ އަމިއްލަ ދަނޑުގައި 3-0 ގެ ނަތީޖާއަކުން ސައުތެމްޓަންގެ މައްޗަށް ކުރިހޯދާފައެވެ. ކްރިސްޓަލް ޕެލަސް އަތުން 1-0 އިން ވީ ބައްޔާއެކު ވަޓްފޯޑް ވަނީ ރެލިގޭޓްވެފައެވެ.
