އިންސާނާގެ ހަށިގަނޑު އުފެދި، މި ހަށިގަނޑުގެ ކަންކަން ތަރުތީބުވެ މިހިރަ ހިނގާ ގޮތަކީ އަޖައިބެއްކަހަލަ ގޮތެކެވެ. މި ހަށިގަނޑުގެ ހިނގުމުގައި ހުރިހާ ގުނަވަނެއްހެން ވަނީ ގުޅި ލާމެހިފައެވެ. ސިކުނޑިއާއި ސިކުނޑީގެ މަސައްކަތާ ނުގުޅޭ ގުނަވަނެއް އިންސާނާގެ ހަށިގަނޑުގައި ނުވެއެވެ. އެގޮތުން މި ލިޔުމުގައި މި ބަލާލަނީ ފުދިގެންދާ ޖިންސީ ޣަރީޒާ އާއެކު ބޮލުގައި ރިހޭ ރިހުމުގެ މައްޗަށެވެ. ފެންނަ ފެނުމަށް މިއީ އާދައިގެ ހާލަތެއް ނަމަވެސް، ހަގީގަތުގައި މިކަމުގައި ފޮރުވުފައިވާ ސިއްހީ ހާލަތްތަކަކީ ނުރައްކާތެރި ހާލަތްތަކެކެވެ.

ބައެއް މީހުންނަށް އެމީހުންގެ ޖިންސީ ޣަރީޒާ ފުދިގެންދާ ވަގުތު، ބޮލަށް އާދަޔާ ހިލާފު ގަދަ ރިހުމެއް ވެރިވެއެވެ. މިއީ ބަރު ރިހުމެކެވެ. މި ރިހުން ބޮލާއި ބޮލުގެ ފަހަތާއި، ފަހަތުން ކަނދުރާއަށްވެސް ފައިބާފައި ހުރެއެވެ. މިއީ ދެމިގެންވާ ރިހުމެއް ނޫން ނަމަވެސް، ޖިންސީ ޣަރީޒާ ފުދިގެންދާ ވަގުތު މި ރިހުން ގަދައަށް ހުރެދާނެއެވެ. މިފަދައިން ޖިންސީ ޣަރީޒާއާއި އެކު ބޮލުގައި ރިހޭ ރިހުންތަކަކީ ގިނަ ފަހަރަށް މާބޮޑު ކަމެއް ނޫނެވެ. ސިއްހީގޮތުންވެސް މާ ބޮޑު ކަމެއް ނޫނެވެ. ނަމަވެސް އިސްތިސްނާ ވާ ހާލަތްތަކެއް އާދެއެވެ. ބައެއް ފަހަރަށް މި ރިހުމަކީ ސިކުނޑީގެ ލޭހޮޅިއެއްގެ މައްސަލައަކަށް ވާ ފަހަރު އާދެއެވެ. މިއީ ހަގީގަތުގައި ވަރަަސްވެސް ނުރައްކާ ހާލެތެކެވެ. މި ހާލަތު ދެނެގަންނަން އެނގޭނީ ހެދޭ ބައެއް ޓެސްޓް ތަކަކުންނެވެ.

ޖިންސީ ޣަރީޒާ ފުދުމާއި އެކު ބޮލުގައި ރިހޭ ރިހުމުގައި ދެ ވައްތަރެއް ހުރެއެވެ. އެއް ވައްތަރަކީ ރިހުން ނަގާ ގަދަވަނުން އައިސް ޖިންސީ ޣަރީޒާ ފުދިގެންދާ ވަގުތު، އިންތިހާއަށް ގަދައަށް ރިހޭ ރިހުމެވެ. އަނެއް ވައްތަރަކީ ކުއްލިގޮތަކަށް، ޖިންސީ ޣަރީޒާ ފުދުމާއި އެކު ބޮލުގައި ރިހޭ ރިހުމެކެވެ. މިތަނުން ކޮންމެ ރިހުމަކީވެސް، ޖިންސީ ޣަރީޒާ ފުދުމަށްފަހު ދިހަވަރަކަށް މިނެޓު ތެރޭގައި ފިލައިގެން ހިނގައިދާ ރިހުންތަކެކެވެ. މި ދެ ވައްތަރުން ކުރެ ނުރައްކާ ބޮޑު ރިހުމަކީ ރިހުން ނެގުމަކާއި ނުލާ، ޖިންސީ ޣަރީޒާ ފުދިގެންދާ ވަގުތު ކުއްލިއަކަށް ރިހުން ނަގާ ވައްތަރު ކަމަށް ޑަކްޓަރުން ފާހަގަ ކުރެއެވެ. މި ހާލަތުގައްޔާއި އަދި، އަލަށް މިފަދައިން ބޮލުގައި ރިހުނު ނަމަ، އެއީ ޑަކްޓަރަށް ދައްކާ ސިއްހީ އެހީތެރިއެއްގެ ލަފާ ހޯދަން ޖެހޭނެ ހާލަތްތަކެވެ.

ޖިންސީ ޣަރީޒާ ފުދުމާއި އެކު ބޮލުގައި ރިހޭ ކުއްލި ރިހުމުގެ ސަބަބުތައް ޑަކްޓަރުން ފާހަގަ ކުރެއެވެ. އިސްވެ ފާހަގަ ކުރެވުނު ފަދައިން ސިކުނޑިއާއި ސިކުނޑީގެ މަސައްކަތާއި ނުގުޅޭ ގުނަވަނެއް ހަށިގަނޑަކު ނުވެއެވެ. މިގޮތުން މި ހާލަތު ކުރިމަތި ވެދާ އެއް ސަބަބަކީ ސިކުނޑީގެ ލޭހޮޅިއެއްގެ ފާރުގައި ވައި ބޮއްކެއް ހުރުމެވެ. އަދި ސިކުނޑީގެ ލޭހޮޅިތަކުގެ ގުޅުން އުފެދުމުގައި އާދަޔާ ހިލާފު ގޮތަކަށް އެ ގުޅުންތައް އުފެދިފައި ހުރުން ހިމެނެއެވެ. ލޭހޮޅިއެއްގެ ފާރަށް އަނިޔާވެ، ލޭ އައުމަކީވެސް މި ހާލަތު މިހެން މެދުވެރިކުރުވަފާނޭ ސަބަބެކެވެ. މީގެ އިތުރުން ކުރިން ސްޓްރޯކެއް ޖެހުމާއި ހިތުގެ ބައްޔެއް ހުރުމަކީވެސް މިކަން މެދުވެރިވެދާނޭ ސަބަބެކެވެ. އަދި ސިކުނޑިއާއި ސިކުނޑީގެ ދުލިފަށްތަކުގައި ޖަރާސީމު އަށަގަނެފައި ވާނަމަވެސް ޖިންސީ ޣަރީޒާ ފުދިގެންދާ ވަގުތު ބޮލުގައި ރިހިދާނެއެވެ.

މި ރިހުން މެދުވެރިވާ ސަބަބަކީ މިތަނުން ސަބަބެއް ކަމުގައި ވަނީނަމަ މިއީ ފަރުވާ ހޯދަން ޖެހޭނޭ ކަންކަމެވެ. އެހެނީ ފަރުވާ ނުހޯދާ ލަސްކުރާނަމަ އިތުރު އަނިޔާއަކާއި އިންސާނާ ކުރިމަތިލާން ޖެހިދާނެއެވެ. މިއީ ޑަކްޓަރަށް ދެއްކުމުގައި ލަދުގަނެ، ފަސްޖެހި ޖެހިލުންވާނީ ކަމެއް ނޫނެވެ. މިއީ އަހަރެމެންގެ ސިއްހަތާއި ގުޅިފައިވާ މުހިންމު ކަމެކެވެ.