އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި ނިއުކާސަލް ޔުނައިޓެޑްގެ މައްޗަށް 5-0 އިން ހޯދީ ބޮޑު މޮޅާއެކު މެންޗެސްޓާ ސިޓީ އިން ތާވަލްގެ ކުރީގައި ތިން ޕޮއިންޓްގެ ލީޑެއްނަގައިފިއެވެ.
ލިވަޕޫލުން ރޭގެ މެޗުން އެއްވަރުވެ، 35 މެޗުން 83 ޕޮއިންޓް ހަމަކޮށް އެއްވަނަ އަށް އެރިއެވެ. އެކަމަކު، އެންމެ ފަހުގެ ޗެމްޕިއަން ސިޓީން މިރޭ ކުޅުނު މެޗު ކާމިޔާބުކޮށް ވަނީ އަލުން އެއްވަނަ މަގާމަށް ޖެހިލާފައެވެ. ސިޓީން ވަނީ 35 މެޗުން 86 ޕޮއިންޓް ހަމަކޮށްފައެވެ. ތިންވަނައިގައި އޮތް ޗެލްސީ އަށް 35 މެޗުން 67 ޕޮއިންޓް ލިބިފައިވާއިރު، އާސެނަލް އޮތީ 35 މެޗުން ލިބުނު 66 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.
ސިޓީގެ އެތިހާދު ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ފަސް ލަނޑުގެ ތެރެއިން ފުރަތަމަ ހާފުގައި ފެނިގެންދިޔައީ ދެ ގޯލެވެ. މެޗު ފެށިގެން 19 ވަނަ މިނެޓުގައި ރަހީމް ސްޓާލިން ބޮލުން ކާމިޔާބުކުރި ގޯލުން އެ ޓީމު ލީޑްނެގިއިރު، މި ހާފު ނިމެން ހަތް މިނެޓަށްވެފައިވަނިކޮށް ސްޕެއިނުގެ ޑިފެންޑަރު އައިމެރިކް ލަޕޯޓް ވައްދާލި ލަނޑާއެކު ސިޓީން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ.
މެޗުގެ 61 ވަނަ މިނެޓުގައި ކެވިން ޑި ބްރޭނާ ނެގި ކޯނަރަކުން ސިޓީގެ ތިންވަނަ ލަނޑުޖެހީ ރޮޑްރީ އެވެ. އޭގެފަހުން، މެޗުގެ 90 ވަނަ މިނެޓުގައި ފިލް ފޯޑެން ވަނީ ނަތީޖާ 4-0 އަށް ބަދަލުކޮށްލާފައެވެ. އަދި އޭގެފަހުން، މެޗުގެ އިތުރުވަގުތުގެ ތިންވަނަ މިނެޓުގައި ސިޓީގެ ފަސްވަނަ ލަނޑުޖަހައިދިނީ ސްޓާލިން އެވެ.
ލީގުގައި މިރޭ އެމިރޭޓްސް ސްޓޭޑިއަމްގައި ލީޑްސް ޔުނައިޓެޑާ ދެކޮޅަށް އާސެނަލް ކުޅުނު މެޗުގައި އެ ޓީމުން ކާމިޔާބުކުރި ދެލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެގޮތުން، މި މެޗު ފެށިގެން ފުރަތަމަ 10 މިނެޓުގެ ތެރޭގައި އާސެނަލުން ވަނީ ދެލަނޑުގެ ލީޑެއްނަގާފައެވެ. މެޗު ފެށިގެން ފަސްވަނަ މިނެޓުގައި ލީޑްސްގެ ކީޕަރު އިލަން މެލިއާ އަށް ހެދުނު ގޯހެއްގެ ފައިދާނަގައި އާސެނަލަށް ލީޑްނަގައިދިނީ އެޑީ އެންކެޓިއާ އެވެ. އަދި އޭގެ ފަސް މިނެޓުފަހުން، އެ ޓީމުގެ ބްރެޒިލް ފޯވާޑް ގެބްރިއެލް މާޓިނެއްލީ ދިން ބޯޅައަކުން އެންކެޓިއާ ވަނީ އިތުރު ގޯލެއްޖަހައި، އާސެނަލަށް ދެލަނޑުގެ ލީޑެއްނަގައިދީފައެވެ.
އެކަމަކު، މެޗުގެ 27 ވަނަ މިނެޓުގައި އާސެނަލްގެ މާޓިނެއްލީ ކުރި ނުރައްކާތެރި ފައުލަކާ ގުޅިގެން ވީއޭއާރް އިން ބެލުމަށްފަހު ލީޑްސްގެ ޑިފެންޑަރު ލޫކް އައިލީން އަށް ސީދާ ރަތެއް ދެއްކުމުން އެ ޓީމުން މެޗުގެ ބޮޑުބައި އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުނު ނަމަވެސް ހިތްވަރު އެލުވާނުލައި ވަނީ ދެވަނަ ހާފުގައި ގޯލެއް ކާމިޔާބުކޮށްފައެވެ. މެޗު ނިމެން 24 މިނެޓަށްވެފައިވަނިކޮށް ލީޑްސް އަށް މިލަނޑުޖަހައިދިނީ ޑިއެގޯ ލޮރެންޓޭ އެވެ.
ލެސްޓާ ސިޓީގެ ދަނޑުގައި މިރޭ 2-1 އިން ހޯދީ މޮޅާއެކު އެވަޓަން ވަނީ ރެލިގޭޝަން ޒޯނާއި ޕޮއިންޓަކަށް ދުރަށް ޖެހިލާފައެވެ. މި މެޗުގައި އެވަޓަންގެ ލަނޑުތައް ޖަހައިދިނީ ވިޓާލި މިކޮލެންކޯ އާއި މޭސަން ހޯލްގޭޓް އެވެ. ލެސްޓާގެ ހަމައެކަނި ލަނޑުޖަހައިދިނީ ޕެޓްސަން ޑާކާ އެވެ.
ވެސްޓް ހޭމް ޔުނައިޓެޑުން ވަނީ ރަށުން ބޭރުގައި 4-0 އިން ނޯވިޗް ސިޓީ ބަލިކޮށް، ޔުރޮޕާ ލީގުގެ ޖާގައެއް ހޯދުމުގެ އުއްމީދު ބޮޑުކޮށްފައެވެ. މި މެޗުގައި ވެސްޓް ހޭމުން ޖެހި ހަތަރު ލަނޑުގެ ތެރެއިން ސައިދު ބެން ރާމާ ދެ ގޯލްޖެހިއިރު، އަނެއް ދެލަނޑުޖަހައިދިނީ މިހައިލް އެންޓޯނިއޯ އާއި މެނުއެލް ލަންޒީނީ އެވެ. މި ނަތީޖާއާއެކު ހަތްވަނައިގައި އޮތް ވެސްޓް ހޭމަށް 36 މެޗުން ލިބިފައިވަނީ 55 ޕޮއިންޓެވެ. މިވަގުތު ހަވަނައިގައި އޮތް މެންޗެސްޓާ ޔުނައިޓެޑަށް އެއް މެޗު އިތުރަށް ކުޅެގެން ލިބިފައިވަނީ 58 ޕޮއިންޓެވެ.
