ކަރަންފުލަކީ އަހަރެމެން ދިވެހިންގެ ކެއުމުގައްޔާއި ދުފުމުގައި ވަރަށް އާންމުކޮށް ބޭނުން ކުރެވޭ އެއްޗެކެވެ. ބައެއް ފޮނިކާތަކެއްޗާއި ކުޅި އެއްޗެއްސާ، ބައެއްކަހަލަ ހަވާދު ހަދަންވެސް ކަރަންފޫ ބޭނުންކޮށް އުޅެއެވެ. ގަދީމީ ޒަމާއްސުރެ، ދުނިޔޭގެ ވިޔަފާރީގެ ބާރު ކޮންޓްރޯލު ކުރަމުންދިޔަ ހަވާދުގެ ބާވަތްތަކުގެ ތެރޭގައި ކަރަންފުލަކީވެސް ނުފޫޒު ގަދަ އެއްޗެކެވެ.
ކަރަންފުލަކީ ކޮބާ؟ ކަރަންފުލަކީ ކަރަންފޫ ގަހުގައި އަޅާ މަލުގެ ބުޑެވެ. ތަނޑުން މާ ނުކުމެ، އެ މާފޮޅި، ހިކުމުން މަލުގެ ފިޔަތައް ރޫޅި ނެއްޓި ދާއިރު، އެ މަލުގެ ބުޑަކީ ކަރަންފުލެވެ. ކަރަންފޫ އިންނަނީ މަލުގެ ތަނޑާއި، މަލުގެ ފިޔަތަކާއި ދެމެދުގައެވެ. މި ލިޔުމުގައި މި ބަލާލަނީ، ކަރަންފުލުން ލިބޭ ބައެއް ސިއްހީ ފައިދާ ތަކަށެވެ.
ކަރަންފުލަކީ އޭގައި ގިނަ އަދަދެއްގެ ކެވެނީގެ ބާވަތްތައް ހިމެނޭ އެއްޗެކެވެ. އެގޮތުން ކެލަރީސް އާއި ކާބްސް އާއި ފައިބަރާއި، މެގްނީޒިއަމް އަދި ވިޓަމިން ކޭ އަކީ ކަރަންފުލުން އާންމުކޮށް ފެންނަ މާއްދާތަކެވެ. ހަމަ އެއާއި އެކު ކަރަންފުލުގައި ގިނަ އަދަދަކަށް ހުންނަ އިއުގަނޯލް ނަމަކަށް ކިޔާ މާއްދާއަކީ ގުދުރަތީ އެންޓިއޮކްސިޑަންޓެކެވެ. މި މާއްދާއަކީ ހަށިގަނޑުން ވިހަ އާއި ނުބައި މާއްދާތައް ބޭރުކޮށްދިނުމަށް އެހީތެރިވެދޭ މާއްދާއެކެވެ. އަދި ދިގުމުއްދަތުން ހާލު ބޮޑުވާ ބަލިތަކުންވެސް ދުރުކޮށްދިނުމަށް މި މާއްދާ އެހީތެރިވެދެއެވެ.
މީގެ އިތުރުން އިސްވެ ދެންނެވުނު އިއުގަނޯލް ނަމަކަށް ކިޔާ މި މާއްދާ އަކީ ކެންސަރާއި ކެންސަރު ސެލްތަކާއި ދެކޮޅަށް މަސައްކަތް ކުރުމުގެ ކުޅަދާނަކަމާއި ގާބިލުކަން ލިބިފައިވާ މާއްދާއެއް ކަމަަށް ޓެސްޓް ޓިއުބު ދިރާސާއަކުން ވަނީ ދައްކާފައެވެ. ކަރަންފުލަކީ އޭގައި ގިނަ އަދަދަކަށް އެންޓިބެކްޓީރިއަލް އެޖެންޓްސް އެކުލެވޭ އެއްޗެކެވެ. ނަތީޖާއަކީ ތަފާތު އެކިއެކި ޖަރާސީމުތަކާއި ދެކޮޅަށް ކަރަންފޫގައި ހުންނަ މި މާއްދާތައް މަސައްކަތް ކުރުމެވެ. ކަރަންފުލުގައި ފެން ކައްކާ އެއިން އަނގަ ދޮއެ ހެދުމަކީ ޒަމާނުއްސުރެ ސީނު ކަރައިގައި ކުރަމުން އަންނަ އަނގައިގެ ފަރުވާއެކެވެ. އެހެނީ އޭރުން އަނގައިގެ ތެރޭގައި ހުންނަ ޖަރާސީމުތައް ނެތިކޮށްލުމަށް އެކަމުން އެހީތެރިވެދޭތީއެވެ.
އަނެއްކާވެސް އިސްވެ ދެންނެވުނު އިއުގަނޯލް މާއްދާއެވެ. ދިރާސާތަކުން ދައްކާ ގޮތުގައި މި މާއްދާގެ ސަބަބުން ފުރަމޭގެ ދުޅަހެޔޮކަން ދެމިގެން ދިއުމަށް އެހީތެރިވެދެއެވެ. ދުޅަހެޔޮ ފުރަމެއަކަށް އެދޭ މީހާ ކަރަފޫ ހަފަން ޖެހޭނޭ ކަމަށް ސީނު ކަރައިގެ ގަދީމީ، ހަކީމީ ފޮތްތަކުގައިވެސް ވާކަމަށް ދިރާސާވެރިން ފާހަގަ ކުރެއެވެ.
ކަރަންފޫގައި ހުންނަ ނިގެރައިސިން ނަމަކަށް ކިޔާ މާއްދާއަކީ ހަކުރު ބަލި ހުންނަ މީހުންނަށް ވަރަށްވެސް ބޭނުން ތެރި މާއްދާއެކެވެ. އެހެނީ މި މާއްދާގެ ސަބަބުން ހަށިގަނޑުގައި އުފައްދާ އިންސުލިން ގެ މަސައްކަތް ވަރުގަދަ ކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި އިންސުލިން އުފައްދާ މިންވަރު މަދު މީހެއްނަމަ، ހަމައަށް އުފައްދައި ދިނުމަށްވެސް އެހީތެރިވެދެއެވެ. މި ތަހުލީލު ސީދާ އިންސާނަކަށް އަދި ކޮށްފައު ނުވި ނަމަވެސް، އިންސާނުންނަށް ބޭނުން ކުރުމުގެ ކުރިން، ތަހުލީލު ކުރާ މީދާތަކަށް ވަނީ ބޭނުން ކޮށްފައެވެ. އެތަކެތިން މީގެ ނަތީޖާ ދައްކަނީ ހެޔޮކޮށެވެ.
ކަރަންގުލުގައި ހުންނަ މެގްނީޒިއަމް މާއްދާއާއި އިސްވެ ދެންނެވުނު އިއުގަނޯލް މާއްދާގެ ސަބަބުން ކަށީގެ ދުޅަހެޔޮކަން އިތުރުކޮށްދިނުމަށް އެހީތެރިވެދެއެވެ. އަދި އިސްވެ ދެންނެވުނު ފަދައިން އެންޓިބެކްޓީރިއަލް އެޖެންޓުތަކުގެ ސަބަބުން ހަޖަމުގެ ނިޒާމުގެ ގިނަ އިންފެކްޝަން ތަކުން ދުރުވުމަށް ކަރަންފޫ އެހީތެެރިވެދެއެވެ.
މި ފާހަގަ ކުރެވުނު ކަންކަމަކީ ކަރަންފުލުގައި ހުންނަ މާއްދާތަކުން އެހީތެރިވެދޭ ކަންކަމެވެ. ކަރަންފޫ ކެއުމުން އެކަންކަން އެހެން ވަނޭ ކަމުގެ 100 އިންސައްތަ ޔަގީންކަމަކީ އެކަކަށްވެސް ދެވޭނެ އެއްޗެއް ނޫނެވެ. ނަމަވެސް އެނގޭހާވެސް ކަމަކީ ކަރަންފުލަކީވެސް އޭގައި ގިނަ ފައިދާތަކެއް ވާ އެއްޗެއް ކަމެވެ.
ހަވަލާ: ޑރ. އަތިލް އާނާސަން 2020، ހެލްތްލައިން
