ހދ.ނޮޅިވަރަމު ކައުންސިލާއި "ހުވާސް" ޖަމުޢިއްޔާ ގުޅިގެން ބާއްވާ ވޮލީ މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ތަފާތު ކުޅުމެއް ދައްކައި، 'ކްލަބް ކްލަސްޓަރ'އިން މުބާރާތުގެ ސެމީ ފައިނަލުން ޖާގަ ކަށަވަރުކޮށްފިއެވެ. މުބާރާތުގެ ގްރޫޕް ސްޓޭޖުގައި މިހާތަނަށް ކޮންމެ ޓީމެއް ވެސް 02 މެޗު ކުޅެފައިވާއިރު 'ކްލަބް ކްލަސްޓަރ' ކުޅުނު 02 މެޗު ވެސް ސީދާ 03 ސެޓުން ވަނީ ކާމިޔާބުކޮށްފައެވެ. 

މުބާރާތުގެ އެންމެ ފުރަތަމަ މެޗުގައި ހޯމަ ދުވަހުގެ ހަވީރު 'ކްލަސްޓަރ ޖޫނިއަރ' އާއި 'އާލު' ބައްދަލުކޮށްފައިވާއިރު އެ މެޗު 'އާލު' ކާމިޔާބު ކުރީ 03 ސެޓު 02 ސެޓުގެ ނަތީޖާއަކުންނެވެ. މެޗުގެ ފުރަތަމަ 02 ސެޓު 'އާލު' ޓީމުން ގެންގޮސްފައިވަނިކޮށް ފަހަތުން އަރާ 04 ވަނަ ސެޓެއް ވެސް ކުޅެ 'ކްލަސްޓަރ ޖޫނިއަރ'އިން ވަނީ 02 ސެޓު ކާމިޔާބުކޮށްފައެވެ. ނަމަވެސް 05 ވަނަ ސެޓުގެ ހަމަހަމަ ކުޅުމަކަށްފަހު 16 - 14ގެ ނަތީޖާއަކުން 'އާލު' ވަނީ 'ކްލަސްޓަރ ޖޫނިއަރ'ގެ މައްޗަށް ކުރި ހޯދައިފައެވެ. 

'އާލު' އަދި 'ކްލަސްޓަރ ޖޫނިއަރ' ބައްދަލުކުރި މެޗުގެ މޮޅު ކުޅުންތެރިޔާއަށް ޓްރޮފީ ޙަވާލުކުރަނީ --ފޮޓޯ: އަޒޭ ފޮޓޯސް

ދެވަނަ މެޗުގައި ހޯމަ ދުވަހުގެރޭ 'ކްލަބް ކްލަސްޓަރ' އާއި 'އާރް.ސީ.ޓީ.އީ' ބައްދަލުކުރި މެޗު ސީދާ 03 ސެޓުން 'ކްލަބް ކްލަސްޓަރ' ކާމިޔާބުކޮށްފައިވާއިރު އިއްޔެ ހަވީރު 'އާލު'އާ ދެކޮޅަށް ކުޅުނު މެޗު ވެސް 'ކްލަބް ކްލަސްޓަރ'އިން ކާމިޔާބުކުރީ އެއްވެސް ސެޓަކުން ބަލިނުވެއެވެ.

މުބާރާތުގެ ގްރޫޕް ސްޓޭޖުގެ 04 ވަނަ މެޗުގައި 'ކްލަސްޓަރ ޖޫނިއަރ' އާއި 'އާރް.ސީ.ޓީ.އީ' ރޭ ބައްދަލުކުރި މެޗު 'އާރް.ސީ.ޓީ.އީ'އިން ކާމިޔާބުކޮށްފައިވަނީ 03 ސެޓު 01 ސެޓުންނެވެ. މެޗުގެ ފުރަތަމަ ސެޓު 10 ޕޮއިންޓުގެ ބޮޑު ތަފާތަކުން 'އާރް.ސީ.ޓީ.އީ' ގެންގޮސްފައިވާއިރު ދެވަނަ ސެޓު ގެންދިޔައީ ވާދަވެރި ކުޅުމަކަށްފަހު 28 - 26ގެ ނަތީޖާއަކުން 'ކްލަސްޓަރ ޖޫނިއަރ'އެވެ. ނަމަވެސް އެންމެ ހިތްހަމަޖެހޭ ކުޅުމެއް ނުދެއްކި، ޖެހިގެން އައި 02 ސެޓުން 'ކްލަސްޓަރ ޖޫނިއަރ' ވަނީ ބަލިވެފައެވެ.

މުބާރާތުގައި މިއަދު ކުރިއަށް އޮތީ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުތަކެވެ. އެގޮތުން މިއަދު ހަވީރު އޮންނާނީ 'ކްލަބް ކްލަސްޓަރ' އާއި 'ކްލަސްޓަރ ޖޫނިއަރ' ބައްދަލުކުރާ މެޗެވެ. އެއަށްފަހު މިރޭ އޮންނާނީ 'އާރް.ސީ.ޓީ.އީ' އާއި 'އާލު' ބައްދަލުކުރާ މެޗެވެ. ޖުމްލަ 04 ޓީމު ބައިވެރިވެގެން ކުރިއަށްދާ މި މުބާރާތުގެ ސެމީ ފައިނަލަށް މިވަގުތު 02 މެޗުން މޮޅުވެ 'ކްލަބް ކްލަސްޓަރ' ގޮސްފައިވާއިރު މިރޭގެ މެޗަކީ 'އާރް.ސީ.ޓީ.އީ'އަށާއި 'އާލު'އަށް ވެސް ވަރަށް މުހިއްމު މެޗަކަށް ވާނެއެވެ. ސަބަބަކީ މި 02 ޓީމު ވެސް މުބާރާތުގައި އިތުރަށް ކުރިއަށް ދާން ބޭނުން ނަމަ މި މެޗުން މޮޅުވުމަކީ ވަރަށް މުހިއްމު ކަމަކަށްވާތީއެވެ.