މަޝްހޫރު ވީޑިއޯ ގޭމް އުފައްދާ ކުންފުނި އިލެކްޓްރޯނިކް އާޓްސް (އީއޭ) ސްޕޯޓްސް އާއި ދުނިޔޭގެ ފުޓްބޯޅައިގެ މައި އިދާރާ ފީފާއާ ދެމެދު އޮތް ޕާޓްނާޝިޕް އާނުކުރެވި، "ފީފާ" ބްރޭންޑްގެ ނަމުގައި ފުޓްބޯޅަ ވީޑިއޯ ގޭމް އުފެއްދުން ހުއްޓާލަން އީއޭ ސްޕޯޓްސް އިން ނިންމައިފިއެވެ.

މިވޭތުވެދިޔަ 29 އަހަރުގެ ތެރޭގައި އީއޭ ސްޕޯޓްސް އާއި ފީފާއާ ދެމެދު ވެފައި އޮތް އެއްބަސްވުން އާކުރުމަށް ކުރި މަސައްކަތްތައް ނާކާމިޔާބުވުމުން، ކުރިއަށް އޮތް 2023 ވަނަ އަހަރުން ފެށިގެން އެ ކުންފުނިން ދެން ފުޓްބޯޅައިގެ ވީޑިއޯ ގޭމް ނެރޭނީ އާ ނަމެއްގައެވެ.

ފަހުގެ މީޑިއާ ހަބަރުތައް ބުނާގޮތުން، އީއޭ ސްޕޯޓްސްއާ ފީފާ ދެމެދު އޮތް ޕާޓްނާޝިޕް އާ ނުކުރުމަށް ނިންމީ ލައިސެންސިންގ އަށް ފީފާ އިން ކިޔާ އަގު ބޮޑުވުމުންނެވެ.

މިހާތަނަށްއައިއިރު، އީއޭ ސްޕޯޓްސް އިން ގޭމުގައި ފީފާގެ ނަން ބޭނުންކުރުމަށް ދެމުން އައީ އަހަރަކަށް 150 މިލިއަން ޑޮލަރެވެ. ނަމަވެސް، ފީފާ އިން މިހާރު ޑިމާންޑްކުރަނީ އެ އަދަދު 250 މިލިއަން ޑޮލަރަށް މަތިކުރުމަށެވެ.

1993 ވަނަ އަހަރު ފީފާގެ ފުރަތަމަ ގޭމު ނެރުނުއިރު، ފާއިތުވި ވިއްސަކަށް އަހަރުގެ ތެރޭގައި އީއޭ ސްޕޯޓްސް އިން ވަނީ ފީފާގެ ވީޑިއޯ ގޭމްތައް ވިއްކައިގެން 20 ބިލިއަން ޑޮލަރު ހޯދާފައެވެ.

އީއޭ އިން ބުނާގޮތުން، ކުރިއަށް އޮތް ވީޑިއޯ ގޭމްތަކަށް 19،000 އެތުލީޓުންނާއި 700 ޓީމާއި 100 ސްޓޭޑިއަމްގެ އިތުރުން 30 އަށް ވުރެ ގިނަ ލީގުގެ އެކްސްކްލޫސިވް ރައިޓްސް ހޯދާފައި ވާކަމަށެވެ.

އީއޭއާ ފީފާ ގުޅިގެން ނެރޭ އެންމެ ފަހުގެ ގޭމް ނިކުންނާނީ މިއަހަރުގެ ސެޕްޓެންބަރު މަހު އެވެ. އަދި އެއަށްފަހު ކުރިއަށް އޮތް ތަނުގައި އީއޭގެ ފުޓްބޯޅަ ގޭމް ނެރޭނީ، "އީއޭ ސްޕޯޓްސް އެފްސީ" ގެ ނަމުގައެވެ.