އިތުރުވަގުތުގެ ދެ ހާފު ކުޅެގެން ފަހަތުންއަރައި ޔުވެންޓަސް 4-2 އިން ބަލިކޮށް، އިންޓަ މިލާނުން އިޓާލިއަން ކަޕް އުފުލާލައިފިއެވެ.

މިއީ 2011 ވަނަ އަހަރުގެ ފަހުން އިންޓަ އިން އިޓާލިއަން ކަޕް ކާމިޔާބުކުރި ފުރަތަމަ ފަހަރެވެ. އަދި އިންޓަ އިން އެ މުބާރާތް މިހާތަނަށް ކާމިޔާބުކުރި 8 ވަނަ ފަހަރެވެ.

އެސްޓާޑިއޯ އޮލިމްޕިކޯގައި ރޭ ކުޅުނު މި މެޗު ފެށިގެން ކުރީން ލީޑްނެގީ ވެސް އިންޓަ އިންނެވެ. މެޗުގެ ހަވަނަ މިނެޓުގައި އެ ޓީމަށް މި ލަނޑުޖަހައިދިނީ އިޓަލީގެ މިޑްފީލްޑަރު ނިކޯލޯ ބަރެއްލާ އެވެ. މިއީ އެ ޓީމުގެ މާސެލޯ ބްރޮޒޮވިޗް ދިން ބޯޅައަކުން ބަރެއްލާ ކާމިޔާބުކުރި ރިތި ގޯލެކެވެ. މި ހާފުގައި ޔުވެންޓަސް އަށް އެއްވަރުކޮށްދޭން ޑޫސާން ވްލަހޯވިޗް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ އިންޓަގެ ކީޕަރު ސާމިރް ހެންޑަނޮވިޗް މަތަކުރިއިރު، ޕައޮލޯ ޑިބާލާ ފޮނުވާލި ބޯޅަ ދިޔައީ އަރިމަތިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުރީކޮޅު، ޔުވެންޓަސް އިން ވަނީ ދެ މިނެޓުގެ ތެރޭގައި ވައްދާލި ދެލަނޑާއެކު މި މެޗުގައި ފުރަތަމަ ފަހަރަށް ލީޑްނަގާފައެވެ. މެޗުގެ 50 ވަނަ މިނެޓުގައި ޔުވެންޓަސް އިން އެއްވަރުކުރި ލަނޑު، އަލެކްސް ސަންޑްރޯ ޖެހިއިރު އޭގެ ދެ މިނެޓުފަހުން، ވްލަހޯވިޗް ވަނީ އެ ޓީމަށް ލީޑްނަގައިދީފައެވެ. ވްލަހޯވިޗް މި ލަނޑުޖެހީ ޑިބާލާ ދިން ބޯޅައަކުންނެވެ.

މެޗުގެ 80 ވަނަ މިނެޓުގައި އިންޓަ އަށް އެއްވަރުކޮށްދިނީ ލިބުނު ޕެނަލްޓީއަކުން ހަކާން ޗައަނޮގްލޫ އެވެ. މިއީ ޕެނަލްޓީއޭރިޔާ ތެރެއިން އިންޓަގެ ލަޓާރޯ މާޓިނޭޒަށް ޔުވެންޓަސްގެ ޑިފެންޑަރު ލިއޮނާޑޯ ބޮނޫޗީ ކުރި ފައުލަކަށް ރެފްރީ ދިން ޕެނަލްޓީއެކެވެ.

މި މެޗުގެ ފުރިހަމަވަގުތު ހަމަވިއިރު، 2-2 އިން ދެ ޓީމު އެއްވަރުވެފައި އޮތުމުން ނަތީޖާ ނެރުމަށް ދެން ޖެހުނީ 15 މިނެޓުގެ އިތުރުވަގުތުގެ ދެ ހާފު ކުޅޭށެވެ. އިތުރުވަގުތުގެ ފުރަތަމަ ހާފުގައި އިންޓަ އިން އަލުން ލީޑްނެގީ ވެސް އިވާން ޕެރިސިޗް ވައްދާލި ޕެނަލްޓީއަކުންނެވެ. މިއީ މެޗުގެ 99 ވަނަ މިނެޓުގައި ޕެނަލްޓީއޭރިޔާ ތެރެއިން އިންޓަގެ ޑިފެންޑަރު ސްޓެފަން ޑި ވްރައި އަށް ޔުވެންޓަސްގެ މަތައިސް ޑި ލިޓް ފައުލްކުރިކަމަށް ނިންމައި، ވީއޭއާރް އިން ބެލުމަށްފަހު ރެފްރީ ދިން ޕެނަލްޓީއެކެވެ.

އޭގެ ތިން މިނެޓުފަހުން، އިންޓަގެ ހަތަރުވަނަ ލަނޑުޖަހައިދިނީ ވެސް ޕެރިސިޗް އެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރު ރޮނގު ކައިރިން ފޮނުވާލި ހަމަލާއަކުން ޕެރިސިޗް ކާމިޔާބުކުރި ރީތި ގޯލެކެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ފެޑެރީކޯ ޑިމާކޯ އެވެ.