ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައި ކުރުމަށްޓަކައި އެސްޓީއޯއާއި އެފްކޮން އިންފްރާސްޓްރަކްޗަރ ލިމިޓެޑާއި ދެމެދު އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

އެސްޓީއޯ ހެޑް އޮފީހުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި އެ އެއްބަސްވުމުގައި އެސްޓީއޯގެ ފަރާތުން ސޮއި ކުރެއްވީ އެސްޓީއޯގެ ސީއީއޯ އަދި މެނޭޖިންގޑިރެކްޓަރ ހުސެއިން އަމްރު މުހައްމަދު ރަޝާދު އެވެ. އެފްކޮންގެ ފަރާތުން ސޮއި ކުރެއްވީ އެކުންފުނީގެ ޑެޕިއުޓީ ޕްރޮޖެކް މެނޭޖަރ ވީ. މަދުސްދަނަން އެވެ.

އެއްއަހަރު ދުވަހަށް ސޮއި ކުރި މިއެގްރީމަންޓްގެ ދަށުން 7500 ކިއުބިކް މީޓަރގެ ރެޑީމިކްސް ކޮންކުރީޓް ގަތުމަށް އެފްކޮންއިން ވަނީ އެއްބަސްވެފައެވެ.

އެސްޓީއޯއިންބުނީ، ވޭތުވެދިޔަ 5 މަސްދުވަހުގެ ތެރޭގައި މިޕްރޮޖެކްޓަށް ކޮންކްރީޓް ސަޕްލައި ކުރުމަށްޓަކައި އެ ކުންފުނިން ވާން ޖެހޭ ތައްޔާރީތައް ފުރިހަމަ ކޮށްފައިވާ ކަމަށެވެ. އެގޮތުން ސަޕްލައިކުރާ ކޮންކްރީޓަކީއަކީ ހައި ސްޓްރެންގތު ކޮންކުރީޓަށް ވުމާއި އެކު އެކަމަށް ބޭނުންވާ އިތުރު ވަސީލަތްތައް އެސްޓީއޯގެ ރެޑީމިކްސް ޕްލާންޓުގައި މިހާރު ގާއިމްކޮށްފައިވާ ކަމަށެވެ.

ތިލަމާލެ ބްރިޖަށް ބޭނުންވާ ކޮންކުރީޓް ސަޕްލައިކޮށް، ރާއްޖޭގައި ހިންގޭ އުމްރާނީ ތަރައްގީގެ އެންމެ ބޮޑު ޕްރޮޖެކްޓުން އެސްޓީއޯއަށް ފުރުސަތު ލިބިގެން ދިޔުމަކީ ލިބުނު ވަރަށް ބޮޑު ޝަރަފެއް ކަމަށް އެސްޓީއޯއިން މައުލޫމާތުދެއެވެ.