މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އާންމުކޮށްފައިވާ މިދިޔަ އަހަރުގެ އަހަރީ ރިޕޯޓުގައި، އެ ބޭންކުން މިދިޔަ އަހަރު 650 މިލިއަން ޑޮލަރު (10 ބިލިއަން ރުފިޔާ) ވިއްކާފައިވާ ކަމަށް ބުނެފި އެވެ. އެއީ އެ ބޭންކުން 2020 ވަނަ އަހަރު ވިއްކި 634 މިލިއަން ޑޮލަރު (9.7 ބިލިއަން ރުފިޔާ) ވުރެ 2.4 އިންސައްތަ އިތުރު އަދަދެކެވެ.

މިދިޔަ އަހަރު ޑޮލަރުގެ ސަޕްލައި އިތުރު ކުރުމަށް އެމްއެމްއޭ އިން ވަނީ އިންޑިއާގެ ރިޒާވް ބޭންކުން 400 މިލިއަން ޑޮލަރުގެ ކަރެންސީ ސްވޮޕް ފެސިލިޓީގެ ބޭނުންކޮށްފަ އެވެ. ކަރެންސީ ސްވޮޕްގެ ގޮތުގައި ނެގި ފައިސާ ދެ އިންސްޓޯލްމަންޓަކަށް ބަހާލައިގެން ވަނީ އަނބުރާ ދައްކާފަ އެވެ.

އެ ބޭންކުގެ ރިޕޯޓުގައިވާ ގޮތުން، ވިއްކި ޑޮލަރުގެ ގާތްގަނޑަކަށް 60 ޕަސެންޓް ދޫކޮށްފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކަށެވެ. އެއީ ގާތްގަނޑަކަށް 383 މިލިއަން ޑޮލަރު (5.9 ބިލިއަން ރުފިޔާ) އެވެ. މީގެ އިތުރުން، ކޮމާޝަލް ބޭންކްތަކަށް 266 މިލިއަން ޑޮލަރު (4.1 ބިލިއަން ރުފިޔާ) އަދި ދަތުރުފަތުރު ކުރާ ފަރާތްތަކަށް 30 މިލިއަން ޑޮލަރު (463 މިލިއަން ރުފިޔާ) ވިއްކާފައިވާކަމަށް އެ ބޭންކުގެ އަހަރީ ރިޕޯޓުގައި ބަޔާންކޮށްފައިވެއެވެ.

ފާއިތުވި އަހަރުގައި، ރާއްޖޭގެ ޑޮލަރުގެ ކަޅުބާޒާރުގައި ޑޮލަރުގެ އަގު 18ރ. އާއި 17ރ. އާ ދެމެދަށް އުފުލުމަށްފަހުގައި، މިނިމަމް ވޭޖާ އެކު ރިސޯޓު މުވައްޒަފުންނަށް ލިބޭ ޑޮލަރުގެ އަދަދު އިތުރުވެ ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ހެޔޮ ބަދަލާއެކު މިހާރު ކަޅު ބާޒާރުގައި ޑޮލަރުގެ އަގު ވަނީ 16.70ރ. އާއި 16.30ރ. އާ ދެމެދުގެ އަގަކަށް ވެއްޓިފަ އެވެ.