މިދިޔަ އަހަރު ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން ޕލސ (އެސްޓީއޯ) އަށް ލިބުނު ފައިދާ އިން ހިއްސާއަކަށް 65ރ. ބަހަން ހުށައެޅުމަށް ނިންމައިފިއެވެ.
އެސްޓީއޯއިން ބޭއްވުމަށް ހަމަޖެހިފައިވާ 2021 ވަނަ އަހަރުގެ އަހަރީ އާންމު ޖަލްސާގައި ހިއްސާއަކަށް 65ރ. ބެހުމަށް ހުށައަޅަން ނިންމީ މިއަދު އެކުންފުނީގެ ޑިރެކްޓަރުންގެ ބޯޑުންނެވެ.
އެސްޓީއޯއަށް މިދިޔަ އަހަރު ޖުމުލަ އާމްދަނީގެ ގޮތުގައި 10 ބިލިއަން ރުފިޔާ ލިބިފައިވެ އެވެ. ސާފު ފައިދާގެ ގޮތުގައި ލިބުނީ 478 މިލިއަން ރުފިޔާ އެވެ. އެއީ 2020ވަނަ އަހަރު އެކުންފުންޏަށް ލިބުނު ސާފު ފައިދާއާ އަޅާބަލާއިރު 33 ޕަސެންޓްގެ އިތުރުވުމެކެވެ. 2020 ވަނަ އަހަރުގެ ފައިދާއިން އެ ކުންފުނިން ހިއްސާއަކަށް ބަހާފައި ވަނީ 60ރ. އެވެ.
އެސްޓީއޯއިން ބުނީ އާމްދަނީ އިތުރުވުމުގެ ސަބަބަކީ، ތެލުގެ އަގުމައްޗަށް ދިއުމާއެކު ތެލުގެ އާމްދަނީ އިތުރުވުމާ، ކުންފުނިން ކުރަމުން ގެންދާ އެހެނިހެން ވިޔަފާރިތަށް ކުރިއަރައި ބޮޑެތި އިންވެސްޓްތަކުން ލިބުނު އާމްދަނީވެސް އިތުރުވުމެވެ.
