ނޮޅިވަރަމު ކައުންސިލާއި ކްލަބް ހުވާސް ގުޅިގެން ބާއްވާ ވޮލީ މުބާރާތުގެ ފިރިހެން ޑިވިޝަންގެ ފައިނަލަށް "އާރް.ސީ.ޓީ.އީ" އާއި "ކްލަބް ކްލަސްޓަރ" ދަތުރުކޮށްފިއެވެ. "އާރް.ސީ.ޓީ.އީ" މުބާރާތުގެ ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީ ފައިނަލުގައި "ކްލަބް ކްލަސްޓަރ"ގެ މައްޗަށް ސީދާ 03 ސެޓުން ކުރި ހޯދައިގެންނެވެ. އަދި "ކްލަބް ކްލަސްޓަރ" ފައިނަލަށް ދަތުރުކޮށްފައިވަނީ ސެމީފައިނަލުގެ ދެވަނަ މެޗުގައި "ކްލަސްޓަރ ޖޫނިއަރ"ގެ މައްޗަށް 03 ސެޓުން ކުރި ހޯދައިގެންނެވެ.
"އާރް.ސީ.ޓީ.އީ" އާއި "ކްލަބް ކްލަސްޓަރ" މުބާރާތުގެ ފައިނަލުގައި ކުރިމަތިލާއިރު މިއީ މި 02 ޓީމު މުބާރާތުގައި ބައްދަލުކުރާނެ 03 ވަނަ ފަހަރެވެ. އެއީ ގްރޫޕް ސްޓޭޖުގައި ވެސް އަދި މުބާރާތުގެ ފުރަތަމަ ސެމީގައި ވެސް މި 02 ޓީމު ބައްދަލުކޮށްފައިވާތީއެވެ. އެގޮތުން ގްރޫޕް ސްޓޭޖުގައި މި 02 ޓީމު ބައްދަލުކުރި މެޗު 03 ސެޓު 00 ސެޓުން "ކްލަބް ކްލަސްޓަރ" ކާމިޔާބުކޮށްފައިވާއިރު، ސެމީ ފައިނަލް ފުރަތަމަ މެޗުގައި މި 02 ޓީމު ބައްދަލުކޮށް، އެ މެޗު ކާމިޔާބުކުރީ ހަމަ އެ ނަތީޖާއިން "އާރް.ސީ.ޓީ.އީ"އެވެ. އެހެންކަމުން މުބާރާތުގެ ފައިނަލް މެޗުގައި މި 02 ޓީމު ވާދަކުރަން ޖެހިފައިވާއިރު އެމެޗަކީ ވަރަށް ފޯރިގަދަ މެޗަކަށް ވެގެންދާނެ ކަމާމެދު ޝައްކެއް ނެތެވެ.
ހދ.ނޮޅިވަރަމު ހުވާސް ވޮލީ ކޯޓުގައި ކުރިއަށްދާ މިމުބާރާތުގެ ފައިނަލް މެޗު، މޫސުން ތަން ދޭނަމަ، 2022 މެއި 15 ވާ އާދީއްތަ ދުވަހުގެރޭ 20:30ގައި ކުޅުމަށް ވަނީ ހަމަޖެހިފައެވެ.
