ބޮލީވުޑްގެ ތަރި 'ރަންވީރު ސިންގ' ލީޑް ރޯލުން ފެނިގެންދާ ފިލްމު "ޖަޔޭޝްބާއީ ޖޯރްދާރް"ގެ ސާފު، އެޗްޑީ ކޮޕީއެއް ލީކްވެއްޖެއެވެ. ރިޕޯޓުތަކުން މަޢުލޫމާތު ލިބޭ ގޮތުގައި މިމަހުގެ 13 ވީ ހުކުރު ދުވަހު ސިނަމާތަކުގައި ރިލީޒްކުރި މިފިލްމު މިހާރު ޕައިރޭޓެޑް ވެބްސައިޓުތަކުން އެޗްޑީކޮށް ބަލައިލާ، ޑައުންލޯޑްކޮށްލެވެން އެބަހުއްޓެވެ. 

މިފަދަ ޕައިރޭޓެޑް ސައިޓުތަކަކީ މިހާރު މުނިފޫހިފިލުވުމުގެ ނުވަތަ ފިލްމީ ދާއިރާއަށް އޮތް އެންމެ ބޮޑު ހުރަހެވެ. ކޮންމެއަކަސް މިކަމުގެ ސަބަބުން ރަންވީރުގެ މިފިލްމަށް ބޮކްސް އޮފީހުގައި ލިބިގެންދާނީ ފައިދާއެއް ކަމެއް ގެއްލުމެއް ކަމެއް ނޭނގެއެވެ. 

މިގޮތަށް ލީކްވެގެން ދިޔައީ ހަމައެކަނި މިފިލްމެއް ވެސް ނޫނެވެ. ވިވޭކް އަގްނީހޯތުރީގެ "ދަ ކަޝްމީރް ފައިލްސް" އާއި ޔާޝްގެ "ކޭ.ޖީ.އެފް ޗެޕްޓަރ 02" އަދި ރާމް ޗަރަންގެ "އާރް.އާރް.އާރް"ގެ އިތުރުން ވިޖޭ ތަލާޕަތީގެ "ބީސްޓް" ފަދަ ފިލްމުތަކަކީ ވެސް ފިލްމު ރިލީޒްކުރިތާ ދެތިން ގަޑިއިރު ތެރޭގައި އޮންލައިން ވެބްސައިޓުތަކަށް ލީކްވެގެން ދިޔަ ފިލްމުތަކެވެ. 

"ޖަޔޭޝްބާއީ ޖޯރްދާރް" އަކީ ދިވްޔާންގ ޓައްކަރް ޑައިރެކްޓްކޮށް ގެނެސްދޭ ފިލްމެކެވެ. މިފިލްމުގެ ކާސްޓުންގެ ތެރޭގައި ރަންވީރު ސިންގގެ އިތުރުން ޝާލިނީ ޕާންޑޭއާއި ދީކްޝާ ޖޯޝީ ހިމެނެއެވެ.