އެމިރޭޓްސް އެފްއޭކަޕްގެ ފައިނަލްގައި މިރޭ ޕެނަލްޓީ ޖަހައިގެން 6-5 އިން ޗެލްސީ ބަލިކޮށް ލިވަޕޫލުން އެ މުބާރާތް ކާމިޔާބުކޮށްފިއެވެ.

މިއީ ލިވަޕޫލުން އެފްއޭކަޕް ކާމިޔާބުކުރި އަށްވަނަ ފަހަރެވެ. މިއާއެކު، އެ ޓީމުން މި ފަހަރުގެ ސީޒަނުގައި ހަތަރު ތަށި (ކުއަޑްރަޕަލް) ހޯދުމުގެ އުއްމީދު ބޮޑުކޮށްފައެވެ. އެ ޓީމުން ވަނީ މިދިޔަ ފެބުރުއަރީ މަހު ކުޅެވުނު ކަރަބާއޯ ކަޕް ފައިނަލްގައި ޕެނަލްޓީޖަހައިގެން ޗެލްސީ ބަލިކޮށްފައެވެ. ލީގުގެ ތަށްޓަށް މެންޗެސްޓާ ސިޓީއާ ގާތުން ވާދަކުރަމުން އަންނައިރު، މި މަހުގެ 28 ވަނަ ދުވަހު ކުޅުމަށް ހަމަޖެހިފައިވާ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ނިކުންނާނީ ރެއާލް މެޑްރިޑާ ދެކޮޅަށެވެ.

ވެމްބްލީ ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗު ފެށިގެން ނުވަވަނަ މިނެޓުގައި ލިވަޕޫލަށް ލީޑްނަގައިދޭން ލުއިސް ޑިއާޒް އަށް ލިބުނު ފުރުޞަތުގައި ފޮނުވާލި ބޯޅަ ޗެލްސީގެ ކީޕަރު އެޑޮއާޑް މެންޑީ މަތަކުރުމުން ދެވަނަ ފަހަރަށް އެ ބޯޅަ ނަބީ ކެއިޓާ ފޮނުވާލުމުން ދިޔައީ ދަނޑިކައިރިން ބޭރަށެވެ. މެޗުގެ 27 ވަނަ މިނެޓުގައި ޗެލްސީގެ ފުލްބެކް މާކަސް އަލޮންސޯ ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން ބެކާ ހުއްޓުވިއެވެ.

ލިވަޕޫލްގެ ސަޑިއޯ މާނޭ (ވ) އަތުން ބޯޅަ ހޯދަން ޗެލްސީގެ އެންޓޯނިއޯ ރުޑިގާ މަސައްކަތްކުރަނީ. --ފޮޓޯ: ޓުވިޓާ

އޭގެފަހުން، މެޗުގެ 33 ވަނަ މިނެޓުގައި މިސްރުގެ ފޯވާޑް މުހައްމަދު ސަލާހު އަށް ލިބުނު އަނިޔާއެއްގެ ސަބަބުން ބަދަލުކުރުމާއެކު އޭނާގެ ބަދަލުގައި ކުޅެން ނިކުތް ޕޯޗުގަލްގެ ފޯވާޑް ޑިއޯގޯ ޔޮޓާ އަށް ހާފު ނިމެން ދަނިކޮށް ލިބުނު ފުރުޞަތުގެ ވެސް ބޭނުންހިފޭގޮތެއްނުވިއެވެ. އެ ޓީމުގެ ސްކޮޓްލެންޑް ފުލްބެކް އެންޑީ ރޮބަޓްސަން ނަގައިދިން ހުރަހަކުން ޔޮޓާ އެއްފަހަރުން ފޮނުވާލި ބޯޅަ ދިޔައީ ގޯލްގެ ދަނޑިކައިރިން ބޭރަށެވެ.

ދެވަނަ ހާފުގެ ކުޅުން ފެށިތާ ކުރީކޮޅު ޗެލްސީގެ ކްރިސްޓިއަން ޕުލިސިޗް ފޮނުވާލި ބޯޅަ ލިވަޕޫލްގެ ކީޕަރު އެލިސަން މަތަކުރިއެވެ. އަދި އޭގެ ކުޑައިރުކޮޅެއް ފަހުން ހިލޭޖެހުމަކުން އަލޮންސޯ ފޮނުވާލި ހަމަލާ އެލިސަންގެ އަތުގައި ޖެހިފަ ބޭރަށް ދިޔައީ ގޯލްގެ ހުރަސްދަނޑީގައި ޖެހިފައެވެ. ލިވަޕޫލުން ގޯލެއް ޖެހުމަށް ކުރި މަސައްކަތްތަކުގެ ތެރެއިން މެޗުގެ ފަހު 10 މިނެޓުގެ ތެރޭގައި ޑިއާޒް އާއި ރޮބަޓްސަން ފޮނުވާލި ބޯޅަތައް ވެސް އަމާޒުވީ ގޯލްގެ ހުރަސްދަނޑިއަށެވެ.

މެޗުގެ 90 ވަނަ މިނެޓުގައި ލިވަޕޫލްގެ ޑިފެންސްގެ މައިތަނބު ކަމަށްވާ ނެދަލެންޑްސްގެ ވާޖިލް ވެން ޑައިކް ވަނީ އަނިޔާގެ ސަބަބުން ބަދަލުކޮށްފައެވެ. ވެން ޑައިކްގެ ބަދަލުގައި ކުޅެން ނިކުތީ ޖޮއެލް މަޓިޕް އެވެ.

މޮޅުވި ޕެނަލްޓީ ޖެހުމަށްފަހު ލިވަޕޫލްގެ ކުޅުންތެރިން އުފާ ފާޅުކުރަނީ. --ފޮޓޯ: ލިވަޕޫލް

މި ދެ ޓީމުގެ ދެމެދުގައި ކުޅެވުނު ލީގު ކަޕް ފައިނަލޭ އެއްގޮތަށް މިރޭގެ މެޗުގެ ވެސް 120 މިނެޓު ކުޅެނިމުނުއިރު ލަނޑެއްނުޖެހުމުން ނަތީޖާ ނެރެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޝޫޓްއައުޓްގައި ދެ ޓީމުން އެންމެ ފުރަތަމަ ފޮނުވާލި ފަސް ޕެނަލްޓީގެތެރެއިން ކާމިޔާބުކުރެވުނީ ހަތަރު ޕެނަލްޓީ އެވެ. އޭގެފަހުން ޖެހި ދެ ޕެނަލްޓީގެ ތެރެއިން ޗެލްސީ އަށް ކާމިޔާބުކުރެވުނީ އެންމެ ޕެނަލްޓީ އެކެވެ. އެކަމަކު، ލިވަޕޫލުން ޖެހި ދެ ޕެނަލްޓީ ވެސް ކާމިޔާބުކުރިއެވެ.

ލިވަޕޫލްގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ޖޭމްސް މިލްނާ، ތިއާގޯ އަލްކަންތާރާ، ރޮބާޓޯ ފިރްމީނޯ، ޓްރެންޓް އެލެގްޒެންޑާ-އާނޯލްޑް އާއި ޑިއޯގޯ ޔޮޓާ އަދި ކޮންސްޓަންޓިނޯސް ސިމިކާސް އެވެ. ލިވަޕޫލުން ނާކާމިޔާބުވީ މާނޭ ފޮނުވާލި ޕެނަލްޓީ އެކަންޏެވެ. މާނޭ ފޮނުވާލި ޕެނަލްޓީ ޗެލްސީގެ ކީޕަރު މެންޑީ މަތަކުރިއެވެ. އެ ޓީމު މޮޅުވި ހަތްވަނަ ޕެނަލްޓީ ޖެހީ ސިމިކާސް އެވެ. ޗެލްސީގެ ޕެނަލްޓީތައް ޖެހީ މާކޮސް އަލޮންސޯ، ރީސް ޖޭމްސް، ރޮސް ބާކްލޭ، ޖޯޖީނިއޯ އާއި ހަކީމް ޒިޔެޗް އެވެ. އެ ޓީމުގެ ކެޕްޓަން ސެޒާ އަޒްޕިލިކުއެޓާ ފޮނުވާލި ޕެނަލްޓީ ގޯލްގެ އަރިމަތީދަނޑިއަށް އަމާޒުވިއިރު، މޭސަން މައުންޓް ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު އެލިސަން ހުއްޓުވިއެވެ.