1984 ވަނަ އހަރު ޑްރާމާ އަބޯދް އިން އެކްޓިން ކެރިއަރ ފެށި މާދުރީ ޑިކްސިޓްގެ 55 ވަނަ އުފަންދުހެވެ. މާދުރީގެ އުފަންދުވަހު އިންޑިއާގެ އެންޓަޓެއިންމެންޓް އިންޑަސްޓްރީގެ ކޮލީގުންގެ އިތުރުން އޭނާގެ އެތައް މިލިއަން ފޭނުންނެއް ސޯޝަލް މީޑިއާ މެދިވެރިކޮށް އޭނާއަށް އުފަންދުވަހުގެ މެސެޖުތައް ފޮނުވާފަވާއިރު އޭނާގެ ފިރިމީހާ ސްރީރާމްވެސް ވަނި ސޯޝަލް މީޑިއާގަ މާދުރީއަށް އުފަންދުވަހުގެ ތަހުނިޔާ ފޮނުވާ ޕޯސްޓެއްކޮށްފައެވެ.

ޕޯސްޓްގަ ސްރީރާމް ވަނީ އޭނާގެ އެންމެ ގާތް އެކުވެރިޔާ، ސޯލްމޭޓް، އަނބިމީހާ އަދި ދުނިޔޭގެ އެންމެ ރީތި އަންހެނާއަށް އުފާވެރި އުފަންދުވަހަކަށް އެދޭކަމަށް ލިޔެފައެވެ.

1990 ވަނަ އަހަރު ކައިވެނި ކުރި އެކްޓްރެސް މާދުރީއާއި ޑޮކްޓަރ ސްރީރާމްގެ ދެ ދަރިން ތިބެއެވެ. ދޮށީ ދަރިފުޅު، އުމުރުން 19 އަހަރުގެ އާރިން މިހާރު ހުރީ މަތީ ތަޢުލީމު ހާސިލްކުރުމަށް އެމެރިކާގައެވެ. އަދި ހަގު ދަރިފުޅު، އުމުރުން 17 އަހަރުގެ، ރަޔަން ދިރިއުޅެމުންދަނީ ދެމަފިރިންނާއެކު އިންޑިއާގައެވެ.

Caption މާދުރީ އާއި ސްރީރާމް ދެ ދަރިންނާއެކު ނަގާފައިވާ ފޮޓޯއެއް

މާދުރީއަށް ފިލްމީ ދާއިރާގަ މަޝްހޫރުކަން ލިބުނީ 1988 ވަނަ އަހަރުގެ އެކްޗަން ރޮމޭންސް 'ތޭޒާބް' ގަ އޭނަ އަދާކުރި ރޯލުންނެވެ. އެއަށްފަހު ދިލް، ބޭޓާ، ހަމް އާޕްކޭ ހޭ ކޯން، ސާޖަން އަދި ދިލްތޮ ޕާގަލްހޭ އާއި ދޭވްދާސް ފަދަ ކާމިޔާބު އެތައް ފިލްމެއް މާދުރީ ކުޅެފައިވާއިރު ފިލްމެފެއަރ އެވޯޑްސްގެ ބެސްޓް އެކްޓްރެސް ކެޓެގެރީން 4 ފަހަރު އެވޯދު ހާސިލްކޮށްފައިވެއެވެ. މާދުރީއަކީ 1990ގެ އަހަރުތަކުން ފެށިގެން 2000ގެ ކުރީގެ އަހަރުތަކުގެ ތެރޭގައި ބޮލީވުޑްގައި އެންމެ ބޮޑު އާމްދަނިއެއް ލިބޭ އެކްޓްރެސްއެވެ.

Caption މާދުރީގެ 38 އަހަރުވީ ފިލްމީ ކެރިއަރގައި މިހާތަަނަށް 70 އަށްވުރެ ގިނަ ފިލްމުގައި ވަނީ އެކްޓްކޮށްފަ

މިހާރުވެސް ފިލްމީ މަސައްކަތްތަކުން ކޮންމެވެސް ވަރަކަށް ފެންނަ މާދުރީ އެންމެ ފަހުން ފެނިގެން ގޮސްފައިވަނީ ނެޓްފްލިކްސްގެ ސީރީޒް 'ދަ ފޭމް ގޭމް' އިންނެވެ.