އިނގިރޭސި ޕްރިމިއާ ލީގުގައި މިރޭ ރަށުން ބޭރުގައި ވެސްޓް ހޭމް ޔުނައިޓެޑާ 2-2 އިން އެއްވަރުވެ، މެންޗެސްޓާ ސިޓީ އަށް ޕޮއިންޓަކުން ފުއްދާލަން ޖެހިއްޖެ އެވެ.
މި ނަތީޖާއާއެކު ސިޓީ އެއްވަނައިގައި އޮތީ ކުޅުނު 37 މެޗުން ލިބުނު 90 ޕޮއިންޓާއެކު އެވެ. އޭގެ ހަތަރު ޕޮއިންޓް ފަހަތުން ދެވަނައިގައި އޮތީ ލިވަޕޫލެވެ. ލިވަޕޫލަށް ބާކީ ދެ މެޗު އޮތްއިރު، ސިޓީ އަށް އޮތީ އެންމެ މެޗެކެވެ. އެހެންކަމުން، އަމިއްލަ ބާރުގައި ލީގު ކާމިޔާބުކުރުމަށް ސިޓީ އަށް ފަހު މެޗުގައި އެސްޓަން ވިލާ ބަލިކުރުން ނޫން ގޮތެއް ނެތެވެ. ލިވަޕޫލަށް ކިރިޔާ ވެސް ފުރުޞަތެއް އޮތީ އެ ޓީމަށް ބާކީ އޮތް ދެ މެޗު ކާމިޔާބުކޮށް، ސިޓީ ކުޅޭ މެޗުގެ ނަތީޖާ ނިކުންނަ ގޮތަކުންނެވެ. ފަހު މެޗުން ސިޓީ އެއްވަރުވެއްޖެނަމަ، ލިވަޕޫލަށް ބާކީ އޮތް ދެ މެޗުން މޮޅުވެގެން ލީގު ކާމިޔާބުކުރެވޭނެ އެވެ.
ވެސްޓް ހޭމްގެ ލަންޑަން ސްޓޭޑިއަމްގައި މިރޭ ކުޅުނު މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ދެލަނޑުގެ ލީޑެއް ނަގާފައެވެ. މެޗުގެ 24 ވަނަ މިނެޓުގައި ވެސްޓް ހޭމަށް ލީޑްނަގައިދިނީ ޖަރޮޑް ބޮވެން އެވެ. މިއީ އެ ޓީމުގެ ސްޕެއިން މިޑްފީލްޑަރު ޕަބްލޯ ފޯނާލްސް ދިން ޕާހަކުން ބޮވެން ކާމިޔާބުކުރި ރީތި ގޯލެކެވެ. ފުރަތަމަ ހާފުގެ އެންމެ ފަހު މިނެޓުގައި ވެސްޓް ހޭމް ދެވަނަ ލަނޑުޖެހީ ވެސް ބޮވެން އެވެ. އޭނާ މި ލަނޑުޖެހީ އެ ޓީމުގެ ފޯވާޑް މިހައިލް އެންޓޯނިއޯ ދިން ބޯޅައަކުންނެވެ.
ދެވަނަ ހާފުގެ ކުޅުން ފެށިތާ ހަތަރު މިނެޓުގެ ތެރޭގައި ޖެކް ގްރީލިޝް ވަނީ ސިޓީ އަށް ފަރަގު ކުޑަކޮށްދީފައެވެ. މިއީ ރޮޑްރީ ބޮލުން ޖައްސާލި ޕާހަކުން ގްރީލިޝް އެއްފަހަރުން ފޮނުވާލައިގެން ކާމިޔާބުކުރި ގޯލެކެވެ. އޭގެފަހުން، މެޗުގެ 69 ވަނަ މިނެޓުގައި ސިޓީން އެއްވަރުކުރި ލަނޑަކީ ވެސްޓް ހޭމްގެ ލަޑިމިއާ ސޯފާލް އަތުން ބައިކޮޅަށް ވަތް ގޯލެކެވެ. މިއީ ސިޓީގެ ރިޔާދް މާރޭޒް ނެގި ހިލޭޖެހުމެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ސޯފާލް އަތުން ވަތް ލަނޑެކެވެ.
މެޗު ނިމެން ފަސް މިނެޓަށްވެފައިވަނިކޮށް ސިޓީ މޮޅުކޮށްދޭން މާރޭޒަށް ވަނީ ރަނުގެ ފުރުޞަތެއްލިބި ބޭކާރުވެފައެވެ. ޕެނަލްޓީއޭރިޔާ ތެރެއިންސިޓީގެ ފޯވާޑް ގެބްރިއެލް ޖެސޫސް އަށް ވެސްޓް ހޭމްގެ ޑިފެންޑަރު ކްރެއިގް ޑޯސަން ކުރި ފައުލަކަށް ރެފްރީ ދިން މި ޕެނަލްޓީ މާރޭޒް ފޮނުވާލުމުން ވެސްޓް ހޭމްގެ ކީޕަރު ލޫކަސް ފަބިއާންސްކީ ވަނީ މަތަކޮށްފައެވެ.
ލީގުގައި މިރޭ ޓޮޓެންހަމް ހޮޓްސްޕާގެ ދަނޑުގައި 1-0 އިން ބާންލީގެ މައްޗަށް ހޯދީ މޮޅާއެކު ވަނީ ގަދަ ހަތަރެއްގެ ރޭހުގައި މުހިއްމު ތިން ޕޮއިންޓް ހޯދާފައެވެ. މި މެޗުގައި ޓޮޓެންހަމުން ޖެހި ހަމައެކަނި ލަނޑަކީ ފުރަތަމަ ހާފުގެ އިތުރުވަގުތުގައި ލިބުނު ޕެނަލްޓީއަކުން ހެރީ ކޭން ކާމިޔާބުކުރި ގޯލެކެވެ.
ވަޓްފޯޑްގެ ދަނޑުގައި 5-1 ގެ ނަތީޖާއަކުން ލެސްޓާ ސިޓީ މޮޅުވިއިރު، އެ ޓީމުގެ ޖެމީ ވާޑީ އާއި ހާވީ ބާންސް ކުރެން ކޮންމެ ކުޅުންތެރިއަކު ދެ ލަނޑުޖެހިއެވެ. ލެސްޓާގެ އަނެއް ގޯލްޖަހައިދިނީ ޖޭމްސް މެޑިސަން އެވެ. ވަޓްފޯޑްގެ ހަމައެކަނި ލަނޑުޖަހައިދިނީ ޔާއޮ ޕެޑްރޯ އެވެ. އެސްޓަން ވިލާގެ ދަނޑުގައި 1-1 އިން ކްރިސްޓަލް ޕެލަސްއާ އެއްވަރުވިއިރު، ލީޑްސް ޔުނައިޓެޑާ ދެކޮޅަށް ބްރައިޓަން ކުޅުނު މެޗު ނިމުނީ ވެސް ހަމަ މިނަތީޖާއިންނެވެ. އަދި ވުލްވްސްގެ ދަނޑުގައި ނޯވިޗް ސިޓީއާ ދެކޮޅަށް ކުޅުނު މެޗު ނިމުނީ ވެސް 1-1 އިން އެއްވަރުވެގެންނެވެ.
