އެމްޓީސީސީ އީދު ބައިބަލާ ޗެލެންޖް 2022 ގެ ފައިނަލުގައި ގަދަހިފުމަކަށް ގޮސް ކްލަބް ޓީނޭޖް ބަލިކޮށް، ކްލަބް އޮންލީ އޮޕޮޗިއުނިޓީ (އޯވަންއޯ) އެ މުބާރާތުގެ ޗެމްޕިއަންކަން ހޯދައިފިއެވެ.
މިފަހަރުގެ މުބާރާތުގެ ފައިނަލަށް އޯވަންއޯ ދަތުރުކުރީ ސެމީ ފައިނަލްގައި ޓީސީ ސްޕޯޓްސް ކްލަބު ބަލިކޮށްފައެވެ. އޭގެކުރީން، އެ ޓީމުން ވަނީ ބައިބަލާގެ ރަސްގެފާނު ބީޖީ ވެސް ކަޓުވާލައިފައެވެ. ކްލަބް ޓީނޭޖުން ފައިނަލުން ޖާގަ ހޯދީ ސެމީގައި އީގަލްސް ބަލިކޮށްގެންނެވެ.
ހެންވޭރު ހުންނަ ދޮންގަނޑު ބީޗު ކޯޓުގައި ރޭ ކުޅެވުނު ފައިނަލް މެޗުގައި ފުރަތަމަ ބޭރުން ކުޅުނީ އޯވަންއޯ އެވެ. ޓީނޭޖް އެތެރެން ކުޅުނުއިރު، އޯވަންއޯ އިން ފުރަތަމަ ގޭމް ގެންދިޔައީ 8-7 އިންނެވެ. އެ ޓީމަށް މި ގޭމް ގެންގޮސްދިނުމުގައި އަލީ ވިޖްހާން (ވިޖޫ) އާއި އަހުމަދު މުހައްމަދު (އައްމަޑޭ) ވަނީ މޮޅު ކުޅުމެއް ދައްކާފައެވެ.
ދެވަނަ ގޭމުގައި ޓީނޭޖުން ވަނީ ބޭރުން ކުޅެން އަރައި ފަހުވަގުތު ދެއްކި ހިތްވަރާއެކު 7-5 އިން ކާމިޔާބުކޮށް، ގަދަހިފުމަކަށް ގެންގޮސްފައެވެ. ގަދަހިފުމުގައި އޯވަންއޯ އަށް ގުރުއަތުލުން ލިބުނީ އެތެރެއިން ކުޅުމަށެވެ. އެ ޓީމުގެ ވިޖޫ ވަނީ ޓީނޭޖުން އެރި އިބްރާހިމް ރަޝީދު ހުއްޓުވާފައެވެ. އަދި އޯވަންއޯ އިން ބޭރުން ކުޅެންއެރި އައްމަޑޭ ހިފެހެއްޓުމަށް ޓީނޭޖުން މެދަށްއެރި އަލީ ވިދާދު (ދާދު) ކުރި މަސައްކަތް ނާކާމިޔާބުވުމުން އޯވަންއޯ އިން ވަނީ ތިންވަނަ ގޭމް ކާމިޔާބުކޮށް، ޗެމްޕިއަންކަން ހޯދާފައެވެ.
މި މެޗަށްފަހު މުބާރާތުގެ އެކި މަގާމުތަކަށް ހޮވުނު ކުޅުންތެރިންނަށް އިނާމު ދިންއިރު، ފައިނަލް މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ އޯވަންއޯގެ ވިޖޫ އެވެ. މުބާރާތުގެ އުއްމީދީ ކުޅުންތެރިއަކަށް ޓީނޭޖުގެ ދާދު ހޮވުނުއިރު، މުޅި މުބާރާތުގެ އެންމެ މޮޅު ކުޅުންތެރިޔާއަށް ދޭ "މިސްޓަ ބައިބަލާ" ގެ ޓްރޮފީއާއެކު ދިން 10،000ރ. ފައިސާގެ އިނާމު ހާސިލްކުރީ ޓީނޭޖުގެ އަސްލަމް މުހައްމަދު އެވެ. މިއީ މި މަގާމު އަސްލަމް ހޯދީ ތިންވަނަ ފަހަރެވެ. މިއާއެކު، އޭނާ ވަނީ މިސްޓަ ބައިބަލާގެ މަގާމު ތިން ފަހަރު ހޯދީ ދެވަނަ ކުޅުންތެރިޔާގެ ޝަރަފު ހޯދާފައެވެ. ކުރިން އެ ރެކޯޑް އޮތީ މުހައްމަދު ޝިނާން (ނާނި) އަތުގައެވެ.
މުބާރާތުގެ އެންމެ މޮޅު ފަސް ކުޅުންތެރިންގެ ތެރޭގައި ހިމެނުނީ؛ އިބްރާހިމް ޝަމީން (ކްލަބް އީގަލްސް) އާއި ހަސަން ތައުހީދު (ޓީސީ)ގެ އިތުރުން ޓީނޭޖުގެ ހުމެއިދު ރަޝީދު އާއި އިބްރާހިމް މުހައްމަދު އަދި ވިޖޫ (އޯވަންއޯ) އެވެ. ފެއާ ޕްލޭ ޓީމަކަށް ހޮވުނީ އީގަލްސް އެވެ. ރަނަރަޕް މަގާމަށް ދިޔަ ޓީނޭޖަށް ވަނީ 40،000ރ. ފައިސާގެ އިނާމެއް ދިންއިރު، ޗެމްޕިއަންކަން ހޯދީ އޯވަންއޯ އަށް ވަނީ 100،000ރ. ގެ ފައިސާގެ އިނާމާއި ޓްރޮފީ ހަވާލުކޮށްފައެވެ.
ކޮންމެ އަހަރަކު ވެސް ފިތުރު އީދާއި ގުޅުވައިގެން ބާއްވަމުން އަންނަ ބައިބަލާ މުބާރާތް، ކޮވިޑް-19ގެ ސަބަބުން މިދިޔަ ދެ އަހަރު ނުބާއްވަ އެވެ. އެންމެ ފަހުން 2019 ވަނަ އަހަރު ބޭއްވީ ބައިބަލާ މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ކުޑަހެންވޭރު ޔުނައިޓެޑް އިންނެވެ.
