އިޓާލިއިން ލީގުގައި ރޭ އަމިއްލަ ދަނޑުގައި އެޓަލާންޓާ އަތުން 2-0 އިން ހޯދީ މޮޅާއެކު އޭސީ މިލާނުން ލީގު ހޯދުމާ ޕޮއިންޓަކާ ގާތަށް ޖެހިލިއިރު، ވާދަވެރި އިންޓަ މިލާނުން 3-1 އިން ކަލިއާރީ ބަލިކޮށް ލީގު ރޭހުގައި އުއްމީދު ދަމަހައްޓައިފިއެވެ.

ރޭގެ މެޗުތަކަށްފަހު ލީގުގެ އެއްވަނައިގައި މިލާން އޮތީ 37 މެޗުން ލިބުނު 83 ޕޮއިންޓާއެކު އެވެ. އޭގެ ދެ ޕޮއިންޓް ފަހަތުން ދެވަނައިގައި އިންޓަ އޮތްއިރު، ތިންވަނައިގައި އޮތް ނަޕޯލީ އަށް 37 މެޗުން ލިބިފައިވަނީ 76 ޕޮއިންޓެވެ. ޔުވެންޓަސް އޮތީ 36 މެޗުން ލިބުނު 69 ޕޮއިންޓާއެކު ހަތަރުވަނައިގައެވެ.

މިލާންގެ ސެން ސީރޯގައި ރޭ ކުޅުނު މެޗުގައި ފެނިގެންދިޔަ ހުރިހާ ގޯލެއް ވެސް ކާމިޔާބުކުރި ދެވަނަ ހާފުގައެވެ. އެ ޓީމުން ލީޑްނެގީ 56 ވަނަ މިނެޓުގައި ޕޯޗުގަލްގެ ޒުވާން ފޯވާޑް ރަފައެލް ލެއާއޯ ކާމިޔާބުކުރި ގޯލުންނެވެ. މި ލަނޑުޖެހުމަށް އެހީތެރިވެދިނީ ޖޫނިއާ މެސިއަސް އެވެ.

މެޗުގެ 75 ވަނަ މިނެޓުގައި މިލާންގެ ދެވަނަ ލަނޑުޖަހައިދިނީ ފްރާންސްގެ ފުލްބެކް ތިއޯ ހެނާންޑޭޒް އެވެ. މިއީ މިލާންގެ ހާފުގެ ތެރެއިން ހެނާންޑޭޒް ބޯޅަ ހިފައިގެން ގޮސް އެޓަލާންޓާ އޭރިޔާތެރެއަށް ވަދެ ކާމިޔާބުކުރި ރީތި ގޯލެކެވެ.

ކަލިއާރީއާ ދެކޮޅަށް އިންޓަ މިލާން ކުޅުނު މެޗުގެ ތެރެއިން. --ފޮޓޯ: ޓުވިޓާ

ކަލިއާރީގެ ދަނޑުގައި ރޭ ކުޅުނު މެޗުގައި ކުރީން ލީޑްނެގީ ވެސް އިންޓަ އިންނެވެ. މެޗު ފެށިގެން 25 ވަނަ މިނެޓުގައި އެ ޓީމަށް މިލަނޑުޖަހައިދިނީ މަޓެއޯ ޑާމިއަން އެވެ. މިއީ އިވާން ޕެރިސިޗް ނެގި ހުރަހަކުން ޑާމިއަން ބޮލުން ކާމިޔާބުކުރި ގޯލެކެވެ. 

އިންޓަގެ ދެވަނަ ލަނޑުޖެހީ ފަހު ހާފުގެ ކުޅުން ފެށިގެން ހަވަނަ މިނެޓުގައި އާޖެންޓީނާ ފޯވާޑް ލަޓާރޯ މާޓިނޭޒް އެވެ. މިއީ އެ ޓީމުގެ އިޓަލީ މިޑްފީލްޑަރު ނިކޯލޯ ބަރެއްލާ ދިން ލޯންގް ޕާހަކުން މާޓިނޭޒް ކާމިޔާބުކުރި ގޯލެކެވެ. އޭގެ ތިން މިނެޓުފަހުން، ކަލިއާރީ އިން ވަނީ ލަނޑެއްޖަހައި ފަރަގު ކުޑަކޮށްފައެވެ. މިއީ ޕެނަލްޓީއޭރިޔާ ބޭރުން އެ ޓީމުގެ ޗަރަލަމްބޯސް ލީކޮޔިއާނިސް ޖެހި ގޯލެކެވެ.

މެޗު ނިމެން ހަ މިނެޓަށްވެފައިވަނިކޮށް އިންޓަ އަށް ތިން ޕޮއިންޓް ކަށަވަރުކޮށްދިނީ ވެސް ލަޓާރޯ އެވެ. މިއީ އެ ޓީމުގެ ރޮބާޓޯ ގަލިއާޑިނީ އިސްވެ ހުރެ ފެށި ކައުންޓައެޓޭކެއްގައި މާޓިނޭޒަށް ދިން ޕާހަކުން ކާމިޔާބުކުރި ގޯލެކެވެ.

މި މުބާރާތުގައި ރޭ ކުޅުނު އަނެއް މެޗުގައި ނަޕޯލީ އިން ވަނީ 3-0 ގެ ނަތީޖާއަކުން ޖެނޯއާ ބަލިކޮށްފައެވެ. އެ ޓީމުގެ ލަނޑުތައް ޖަހައިދިނީ ވިކްޓަ އޮސިމްހެން އާއި ލޮރެންޒޯ އިންސީނިއޭ އަދި ސްޓަނިސްލާވް ލޮބޯޓްކާ އެވެ. އިންސީނިއޭ ޖެހި ގޯލަކީ ލިބުނު ޕެނަލްޓީއަކުން ކާމިޔާބުކުރި ގޯލެކެވެ. ރޭގެ މެޗަކީ ނަޕޯލީގެ ކެޕްޓަން އިންސީނިއޭ، އެ ޓީމުގެ ދަނޑުގައި ކުޅުނު ފަހު މެޗެވެ. މި ސީޒަނަށްފަހު ހިލޭ ޓްރާންސްފާގައި އިންސީނިއޭ ބަދަލުވާނީ އެމެރިކާގެ މޭޖާ ލީގު ސޮކާގެ ޓޮރޮންޓޯ އެފްސީ އަށެވެ.