އެންބީސީގެ ސިންގިން ރިއާލިޓީ ޝޯ 'ދަ ވޮއިސް' ގެ 22 ވަނަ ސީޒަންގެ ކޯޗުންގެ ޕެނެލަށް ކެމީލާ ކެބޭއޯ އަންނާނެކަން ކަށަވަރުކޮށްދީފިއެވެ. ކެމީލާ މިކަން ކަށަވަރުކޮށްދިނީ ޓިކްޓޮކްގައި ކުރި ޕޯސްޓަކާއިއެކުއެވެ. މި ޕޯސްޓުގައި ކެމީލާ ފެންނަނީ ވޮއިސްގެ އިތުރު ކޯޗުން ކަމަށްވާ ގްވެން ސްޓެފާނީ، ޖޯން ލެޖެންޑް، އަދި ބްލޭކް ޝެލްޓަންއާއެކު ލަވަ ކިޔަނިކޮށެވެ.

https://www.tiktok.com/@camilacabello/video/7097993848168942894?is_copy_url=1&is_from_webapp=v1&lang=en

އެންބީސީ ޔުނިވަރސަލްއިންވެސް ވަނީ ކެމީލާ މިފަހަރު ވޮއިސްގެ ކޯޗެއްގެ ގޮތުގައި ފެނިގެންދާނެކަން ކަށަވަރުކޮށްދީފައެވެ. މީގެ ކުރިން ވޮއިސްގެ 21 ވަނަ ސީޒަންގައިވެސް ޕާޓް-ޓައިމް އެޑވައިޒަރެއްގެ ގޮތުގައި ކެމީލާ ހަރަކާތްތެރިވެފައިވާއިރު، މިއީ މިފަދަ ޝޯއެއްގެ ޖަޖިން/ކޯޗިން ޕެނެލުން އޭނާ ފެނިގެންދާނެ ފުރަތަމަ ފަހަރެވެ. ކެމީލާ ޖަޖެއްގެ ގޮތުގައި އަލަށް ޝޯއާ ގުޅޭއިރު އެންމެ ފަހުގެ 8 ސީޒަންގައި ކޯޗެއްގެ ގޮތުގައި ބައިވެރިވި ލަވަކިޔުންތެރިޔާ ކެލީ ކްލާކްސަން މިފަހަރުގެ ސީޒަންއިން ނުފެންނާނެއެވެ.

މިއުޒިކް ގްރޫޕް ފިފްތް ހަރމޮނީއިން މަޝްހުރުވީ ކެމީލާ، ގްރޫޕުން ވަކިވެ ސޯލޯ ކެރިއަރ ފަށައިގެން ވަނީ ބޮޑު ކާމިޔާބެއް ހޯދާފައެވެ. 2018 ވަނަ އަހަަރު ނެރުނު އޭނާގެ ފުރަތަމަ އަލްބަމް 'ކެމީލާ' ވަނީ ބިލްބޯޑް ހޮޓް ޓޫހަންޑްރެޑް ޗާޓުގެ އެއްވަނައަށް އަރާފައެވެ. އަދި އެ އަލްބަމްގެ ލަވަ 'ހަވާނާ' ވަނީ ބިލްބޯޑް ހޮޓް ހަންޑްރެޑް ސިންގަލްސް ޗާޓުގެ އެއްވަނައިގެ އިތުރުން އެތައް ޤައުމެއްގެ ޗާޓުތަކުގެ އެއްވަނައަށް އަރާފައެވެ.

މީގެ އިތުރުން 2019 ވަނަ އަހަރު އޭރުގެ ލޯބިވެރިޔާ ޝޯން މެންޑޭޒްއާއިއެކު ކެމީލާ ނެރުނު ލަވަ 'ސެނޮރީތާ' ވަނީ ބިލްބޯޑް ހޮޓް ހަންޑްރެޑް ޗާޓުގެ އެއްވަނައަށް އަރާފައެވެ.

އުމުރުން 25 އަހަރުގެ ކެމީލާ އަންނަނީ ފިލްމްތަކުގެ ރޯލުތައްވެސް ކުޅެމުންނެވެ. އެގޮތުން އޭނާ އެންމެ ފަހުން ފެނިގެންގޮސްފަވަނީ 2021 ވަނަ އަހަރުގެ ފިލްމް 'ސިންދްރެއްލާ' ގެ ލީޑްރޯލުންނެވެ.