ނޮޅިވަރަމު ކައުންސިލް ކްލަބް ހުވާސް ވޮލީބޯޅަ މުބާރާތް 2022"ގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން "ކްލަބް ކްލަސްޓަރ"އިން ހޯދައިފިއެވެ. "ކްލަބް ކްލަސްޓަރ" މުބާރާތުގެ ޗެމްޕިއަންކަން ހޯދީ ފައިނަލް މެޗުގައި "އާރް.ސީ.ޓީ.އީ" އާ ވާދަކޮށް 03 ސެޓު 02 ސެޓުގެ ނަތީޖާއަކުންނެވެ.
މުބާރާތުގައި ރޭ ކުޅެވުނު ފައިނަލް މެޗުގައި 02 ޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހީ ވެސް ނުކުރާހާ ވަރުގަދަ ކުޅުމެކެވެ. އެގޮތުން މެޗުގެ ފުރަތަމަ ސެޓު 25 - 21ގެ ނަތީޖާއަކުން "ކްލަބް ކްލަސްޓަރ" ވަނީ ކާމިޔާބުކޮށްފައެވެ. އަދި ހަމައެއާއެކު ދެވަނަ ސެޓު ވެސް ކާމިޔާބުކުރީ "ކްލަބް ކްލަސްޓަރ"އިންނެވެ. ނަމަވެސް ދެވަނަ ސެޓު ނިމިގެން ދިޔައީ 30 - 28ގެ ނަތީޖާއަކުންނެވެ. އެހެނީ އެ ސެޓުގައި ދެޓީމުގެ ފަރާތުން ވެސް ފެނިގެންދިޔައީ ހަމަހަމަ ކުޅުމެކެވެ.
މެޗުގެ 02 ސެޓު "ކްލަބް ކްލަސްޓަރ"އިން ނަގާފައިވަނިކޮށް ތިންވަނަ ސެޓުގައި "އާރް.ސީ.ޓީ.އީ"އިން ވަނީ ތަފާތު ކުޅުމެއް ދައްކައި 25 - 23ގެ ނަތީޖާއަކުން ސެޓު ގެންގޮސްފައެވެ. އަދި ދެން ކުޅެވުނު ހަތަރުވަނަ ސެޓުގައި ވެސް "ކްލަބް ކްލަސްޓަރ"އަކަށް އެންމެ ހިތްހަމަޖެހޭ ކުޅުމެއް ދެއްކިފައެއް ނުވެއެވެ. މެޗުގެ ހަތަރުވަނަ ސެޓު ނިމިގެންދިޔައީ 25 - 15އިން "އާރް.ސީ.ޓީ.އީ" ކާމިޔާބުކޮށްގެންނެވެ. އެހެންކަމުން ފަސްވަނަ ސެޓެއް ކުޅެން ޖެހި، އެ ސެޓު 19 - 17ގެ ނަތީޖާއަކުން "ކްލަބް ކްލަސްޓަރ" ކާމިޔާބުކޮށް މުބާރާތުގެ ޗެމްޕިއަންކަން ހޯދީއެވެ..
މުބާރާތުގެ ފެއަރޕްލޭ ޓީމަކަށް ހޮވިފައިވަނީ ރަނަރަޕް "އާރް.ސީ.ޓީ.އީ"އެވެ. އަދި އެންމެ މޮޅު ކޯޗަކަށް "ކްލަބް ކްލަސްޓަރ"ގެ ކޯޗު ޙުސައިން ޢަލީ ހޮވިފައިވާއިރު މުބާރާތުގެ އެންމެ އުއްމީދީ ކުޅުންތެރިޔާގެ މަޤާމު ހޯދާފައިވަނީ "ކްލަސްޓަރ ޖޫނިއަރ"ގެ ޒުވާން ކުޅުންތެރިޔާ، އިބްރާހީމް ޝަރީފެވެ. އަދި މުބާރާތުގެ އެންމެ މޮޅު 06 ކުޅުންތެރިން ހޮވާފައިވާއިރު އެ ކުޅުންތެރިންގެ ތެރޭގައި ހިމެނެނީ، ޢަލީ ޢަބްދުﷲ -(އާރް.ސީ.ޓީ.އީ)، އަޙުމަދު ރަޝީދު -(އާރް.ސީ.ޓީ.އީ)، ޢަލީ ރަޝީދު -(ކްލަބް ކްލަސްޓަރ)، ޝާފިޢު މުޙައްމަދު -(އާރް.ސީ.ޓީ.އީ)، އަޙުމަދު ރަޝީދު -(ކްލަބް ކްލަސްޓަރ) އަދި އަޙުމަދު އަނީސް -(އާރް.ސީ.ޓީ.އީ)އެވެ.
މުބާރާތުގެ އަންހެން ޑިވިޝަންގެ މެޗުތައް މިމަހުގެ 20 ވަނަ ދުވަހު ފަށަން ވަނީ ހަމަޖެހިފައެވެ.
